ބޮލީވުޑްގެ ތަރި ޕްރިތީ ޒިންތާ އެކްސްގައި ބޭއްވި ސުވާލާއި ޖަވާބުގެ ސެޝަނެއްގައި، އޭނާގެ އަމިއްލަ ދިރިއުޅުމާއި ފިލްމީ ހަޔާތާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފި އެވެ.

ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޕްރިތީ ބުނީ އޭނާއަކީ އަބަދުވެސް ޕްރައިވެސީއަށް ވަރަށް ބޮޑަށް އިސްކަންދޭ މީހެއް ކަމަށެވެ. އަދި އޭނާގެ ފަހަތުން "ޕަޕަރާޒީ" ނުވަތަ ފޮޓޯގްރާފަރުން ނުފެންނަ ހިސާބުތަކުގައި ފިލާ ތިބެގެން ފޮޓޯ ނެގުމަކީ ބައެއް ފަހަރު ވަރަށް ބިރުގަންނަ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. 

ޕްރިތީ ބުނި ގޮތުގައި، މިހާރުގެ ފަންނާނުން މަޝްހޫރުވުމަށް ޕަޕަރާޒީންނަށް ދައުވަތު ދީގެން ފޮޓޯ ނެގުވި ނަމަވެސް، އެއީ އޭނާ ގަބޫލުކުރާ ކަމެއް ނޫނެވެ. ހާއްސަކޮށް އޭނާގެ ދަރިންގެ ފޮޓޯ ނެގުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެ ކަހަލަ ކަންކަމުގައި ހައްދެއް އޮންނަން ޖެހެ އެވެ. 

މަގުމަތިން ނުވަތަ އެހެން ތަނަކުން ވެސް އޭނާއާ ދިމާވެގެން ފޮޓޯއަކަށް އެދިއްޖެ ނަމަ، ވަރަށް މަދު ހާލަތެއްގައި ނޫނީ އޭނާ ދެކޮޅު ނުހަދާނެ ކަމަށް ވެސް ޕްރިތީ ބުންޏެވެ.

ނަމަވެސް، ޖިމް ކައިރިން ނުވަތަ ގޭގެ ބޭރުގައި ފިލާ ތިބެގެން ފޮޓޯ ނެގުމަކީ އޭނާއަށް އުނދަގޫވާ ކަމެއް ކަމަށް ޕްރިތީ ބުންޏެވެ.

ޕްރިތީ މިހާރު ތައްޔާރުވަމުން އަންނަނީ ގިނަ އަހަރުތަކަކަށް ފަހު ފިލްމީ ދާއިރާއަށް އަލުންއެނބުރި އައުމަށެވެ.

ސަނީ ޑިއޯލްއާ އެކު، ކުރިއަށް އޮތް ފިލްމު "ލާހޯރު 1947" އިން އޭނާ ފެންނާނެ އެވެ.

ޕްރިތީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "ބައްޔާޖީ ސުޕަހިޓް" އެވެ. 

މީގެ އިތުރުން ޕްރިތީ އަކީ އައިޕީއެލްގެ ޕަންޖާބު ކިންގްސްގެ ވެރިޔާގެ ހައިސިއްޔަތުން ޓީމަށް ސަޕޯޓްކުރުމުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭ މީހެކެވެ.