(އާދިއްތަ ދުވަހާ ގުޅޭ)
ބިރުންނެވެ. ނުފެންނަންވާ މީހަކަށް އެ މަންޒަރު ފެނުނީމައެވެ. އެ މީހަކީ ހަމީދެވެ. ތެޅިގެންފައި، އަތްދަމައިގެންފައި ހަފީޒާ އެ ތަނުން ދިޔައެވެ. އާދަނު ހީކުރީ ހަފީޒާ ލަދުގަތީ ކަމަށެވެ. ތިބެވުނު ގޮތުން އާދަނަކަށް ހަމީދެއް ނުފެނެއެވެ. އުފަލުން ހިތްފުރި ބަންޑުންވާ ހާލުގައި އާދަނު ނުކުމެގެންދިޔަ އިރު ހަފީޒާއަށް ދޭން އުޅުނު ފޮޓޯ ދޭކަށް ވެސް ހަނދާނެއް ނުވިއެވެ. ހަފީޒާ ދިޔައީ ޕިންޕޮން މޭޒު ކައިރިޔަށެވެ. ހަފީޒާގެ ދެ ރައްޓެއްސަކު ފޯރީގައި ޕިންޕޮންކުޅެން ތިއްބެވެ. އިށީންނަށް ހުރި ދެތިން ގޮނޑީގެ ތެރެއިން އެއް ގޮނޑި ވެސް ހުހެއް ނޫނެވެ. ވީމާ ހަފީޒާ ހުރީ ކޮޅަށެވެ. ހަފީޒާއާ ދިމާއަށް ހަމީދު ވަޑައިގަތެވެ. ލޮލުގެ ކުޑަކޮޅުން އެ މަންޒަރު ވެސް ހަފީޒާ ދުށްޓެވެ. ފެންނަ ކަމަށް ނެހެދީއެވެ. ޕިންޕޮން ފިލާގަނޑާއި މޭޒުގައި ޖެހެމުންދިޔަ ބޯޅައިގެ އަޑަށް ވުރެ ހަފީޒާގެ ހިތުވިންދު އަޑުގަދަ ހެން ހަފީޒާއަށް ހީވިއެވެ. ގާތުގައި ބަލަހައްޓަވައިގެން ހަމީދު ހުންނެވުމުން ހަފީޒާ ދާހިތްލަން ފެށިއެވެ. އެތައް އިރެއް ވަންދެން ބައްލަވަން ހުންނަވާފައި ހަމީދު ވަޑައިގަތެވެ. ހަފީޒާ ފުންނޭވައެއް ބޭރުކޮށްލިއެވެ.
އާދަނު ގެއަށް ގޮސް ހަފީޒާގެ ފޮޓޯގަނޑު ބޯލާކޮޅު ބާލީސް ދަށަށް ލިއެވެ. އާދަނު ހިތަށް އެރިއެވެ. މީހުން ބުނެއެވެ. ބޯލާކޮޅު ބާލީސް ދަށަށް ފޮޓޯގަނޑު ލުމަކީ އޭގައިވާ މީހާ ހުވަފެނުން ފެންނަ ކަމެކެވެ. ހަމަ ހިލައި އެހެނަކުން ނުވިއެވެ. އެރޭ ހުވަފެނުން ފެނުނީ އާދަނު ބޮޑު ކަތިވަޅިއެއް ތަޅަނިކޮށެވެ. ދަގަނޑު ފިނިވިޔަ ނުދިނުމަށް ޓަކައި ގިރުނބާދަމަން އިންނެވީ މުހައްމަދު ހަމީދެވެ. ފަތިހު ހޭލައިގެން ވިސްނައިވިސްނައި ވެސް އާދަނަކަށް އެ ހުވަފެނުގެ މާނައެއް ނުވިސްނުނެވެ. ރައްޓެހިން ގާތުގައި އަހައިގެން ވެސް ހުވަފެން ތައުބީރު ކޮށްދެވޭ ވަރުގެ މީހަކާ ދިމައެއް ނުވިއެވެ.
އާދަނު ގޭގައި މަހަށްދާ ދެ ދޯނި އޮވެއެވެ. އެއިން ދޯންޏެއްގައި އާދަނު ވެސް މަހަށް ގޮސް މަސްވެރިކަން ދަސްކުރަން އާދަނުގެ ބައްޕަ ބޭނުންވެއެވެ. މަދަރުސާއަށް ނުދާތީ ކޮންމެވެސް މަސައްކަތެއް ދަސްކޮށްދެވޭތޯއެވެ. މިނެކިރުން ދަސްކޮށްދޭން ބުންބާ ފިހާރައަކަށް ފޮނުވިއްޖެއެވެ. ވަޑާންކަމާއި ދަނޑުވެރިކަމާއި ތިލޭރުކަން ދަސްކުރަން ފޮނުވައިގެން ވެސް އެއިން ކަމަކަށް އާދަނު ހިތްޖެހޭ ގޮތެއް ނުވިއެވެ. އާދަނު ފޯރި ހުންނަނީ މާލެ ތެރޭގައި ހިނގާ އެކިއެކި ކަންކަން ބެލުމަށެވެ. ހާއްސަކޮށް ސަރުކާރާ ގުޅުން ހުންނަ ކަންކަމެވެ.
ބައްޕަ ރުއްސައިލަން އާދަނު ފުރަތަމަ މަހަށް ދިޔަ ދުވަހެވެ. ނަލަ ރޯޅިއެއް ޖެހޭ، އުޑުމަތި ސާފު، ބާނި މަޑު ދުވަހެކެވެ. ބަނޑުރިޔާ ފެނުޖައްސަމުން، މަތިކަންމަތިން ފެންއަރުވަމުން، ފައްސިޔައަށް ދުއްވާފައި ދަނިކޮށް، އާންމުކޮށް ނުފެންނަ މަލައެއް އާދަނުގެ ލޮލުގައި އަޅައިގަތެވެ.
"ކަލޭނޭ!" އާދަނު ގޮވައިލިއެވެ. "އެހެރަ ފެންނަނީ އަޅެ ފަހެ ކޯޗެއް؟"
އެކަކު ބުންޏެވެ. އެއީ ގުރާބެކެވެ. އަނެކަކު ބުންޏެވެ. ނައުޒޯނގެކެވެ. ބަނގަލާބޯޓެކޭ، އާގުބޯޓެކޭ ވެސް ކިޔެވެ.
"އާގުބޯޓަކަށް ނުވާނެ،" ކެޔޮޅު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އާގުބޯޓުގަ އިންޖީނު ހުންނާނެ. އޭގަ އިންޖީނެއް ހުރި ނަމަ އެހާ މަޑަކުން ނުދުވާނެ. އެކަމަކު އެއަކު ރިޔަލެއް ވެސް ނެތް."
"އެއީ އޮޔާދާ އެއްޗެއް ނޫންބާ؟" އާދަނަށް ބުނެވުނެވެ.
މަހަކާއި މަހަކެވެ. އެ ހިސާބުން ދޯނި ދީލައިލީ ގޮތް ނޭނގޭ އެއްޗާ ދިމާއަށެވެ. އާދަނު ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
"އަހަރުމެން ނޫން މީހަކަށް އެ އެތި ނުފެންނަނީބާ؟" މަސްވެރިންގެ ތެރެއިން މީހަކު ބުންޏެވެ. "ގައިމު މީ ނުލާހިކު ދޯނިފަހަރު ދުއްވާ ހިސާބެއް."
"ފެންނާނެ!" އާދަނު ޖަވާބުދިނެވެ. "ބަލަން ބޭނުން ނުވެދާނެ. ފެނުމާ ބެލުމާ އެއީ ދެ ކަމެއް."
މަޑުމަޑުން ކައިރިވަމުންއައީ ލަކުޑި ބަނގަލާބޯޓެކެވެ. އިންޖީނެއް، ރިޔަލެއް ނެތެވެ. މީހަކު ވެސް ނުފެނެއެވެ. ދުއްވުމާ ހަވާލުވެގެން އޮތީ ކަނޑުގައި ދެމޭ އޮޔެވެ. އުޅަނދުގައި އެއްވެސް ހަލާކެއް ނެތެވެ. ދިރުނބާކޮޅުން ފަލަ ވަލެއް ތިރިޔަށް އެލިފައި އޮތެވެ.
"ބަނދެފަ އޮތް ތާކުން ވީއްލިގެންތަ އެ އަންނަނީ؟" އަމިއްލަ ނަފުސާ ސުވާލުކުރާ ކަހަލަ ރާގެއްގައި ކެޔޮޅު ބުންޏެވެ. "ވެދާނެ އަހަރުމެންނަށް ލޮޓިއެއް ދޭން ދައްކާ އަވާމެންދުރަކަށް. އެ ވަރު ބޮޑު އޮޑިއެއްގަ މީހަކު ނެތި، މީހަކަށް ނޭނގި، ވީއްލިގެނެއް ނާންނާނެ. ހިނގާ އަނބުރަމާ!"
"ތިޔަހެންވިއްޔާ ވަކީން ވެސް ނާނބުރަންވީ!" ލޭހޫނުވެފައިވާ އާދަނު ބުންޏެވެ. "ކުރެދިތައް އަތްމަތިކުރޭ!"
"ބަލަ އާދަނާ މީ މަހަށް ނުކުތް ދޯންޏެކޭ،" ކެޔޮޅު ބުންޏެވެ. "ކޮން ކުރެއްޖަކާ މުގުރެއްތަ މީގަ ހުންނާނީ؟ އެންމެ ރަނގަޅުވާނީ ނުބެހޭ ކަންތަކާ ނުބެހުނިއްޔާ!"
"ދޯނި އަނބުރައިފިއްޔާ ފުންމާލައިގެން ފަތާފަ ވިޔަސް އަހަރެން އެ ބޯޓަށް އަރާނަން،" އާދަނު ފިސާރި ސާބިތުކަމާ އެކުގައި ބުންޏެވެ. "އަހަރުމެންގެ ކަނޑުފަޅަށް ވަނީމަ އެ ހިސާބުން އަހަރުމެންނާ ބެހޭނެ."
އެކި މީހުން އެކި ހިޔާލު ފާޅުކުރަން ތިއްބައި، ތިރީހަކަށް ފޫޓަށް ދޯނި ކައިރިވިއެވެ. މަސްވެރިން ދިވެހިބަހުން ހަޅޭއްލަވަން ފެށިއެވެ. ހިންދީ ބަހުން ވެސް މީހަކު ހަޅޭއްލެވިއެވެ.
"ބާހަރު ނިކުލޯ! ބާގޯ! ބަޗާއޯ! ޗޯރު!" އޭނަ ގޮވިއެވެ.
"ތި ކިޔޭ އެއްޗެއް ކަލެޔަށް އެނގޭތަ؟" އާދަނު އެހިއެވެ.
"އަހަންނަށް ނޭނގުނަސް އޭގަ ތިބި ބަޔަކަށް އެނގޭނެއްނު!" އޭނަ ބުންޏެވެ.
ބޯޓުން މީހެއްގެ ހިލަމެއް ނުވިއެވެ. އާދަނުގެ ބަހަށް ދޯނި ކައިރި ކުރިއެވެ. އެލިފައިވާ ވަލާ ދިމާއިންނެވެ. އަތްފޯރާ ހިސާބަށް ދެވުމާ އެކު އާދަނު ފުންމައިގެން ވަލުގައި ހިފިއެވެ. މަކުނެއް ހެން އަރަން ފެށިއެވެ.
"ތި ހެދެނީ ގޯހެއް އާދަނާ!" ކެޔޮޅު ގޮވިއެވެ.
ދެން ތިބި އެންމެން އާދަނަށް ހިތްވަރު ދިނެވެ. އާދަނު ވަލުން އެރި އިރު މީހަކު ފެންނާކަށް ނެތެވެ.
"މީހެކޭ! ކަލޭނޭ! ހަލޯހަލޯ!" އާދަނު ގޮވިއެވެ.
"ކިތައް މީހުން ތިބީ؟" ކެޔޮޅު ގޮވައިލިއެވެ.
އެކަކު ވެސް ނެތްކަން އާދަނު އިޝާރާތުން އެންގިއެވެ. އޮޑިއަށް މީހުން އަރަން، ގަޅިބަނދެގެން ވަލުން ހަދާފައިވާ ހަރުގަނޑެއް އޮތެވެ. އާދަނު އެ ހަރުގަނޑު ތިރިއަށް ވައްޓައިލުމުން ދެ މީހަކު މައްޗަށް އެރިއެވެ. ދެ މީހުން އެރުމުން، ބޯޓުގައި ދޯނި ބަނދެފައި ދެން ތިބި އެންމެން ވެސް އެރިއެވެ. އެއީ ކަމަޅިމަތީ އުޅަނދެކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ އުޅަނދުގެ އާކަމެވެ. ސަލާން ގޮވަމުން ހިޔާގަނޑު ތެރެއަށް އެންމެން ވަނެވެ. މީހަކު ނެތެވެ. ދައި މަތީގައި ހަވާދު ފުނޑާފައި ހުއްޓެވެ. މަހެއް ވެސް ކޮށައިފައި އޮތެވެ. ބޯޓު ފުރެންދެން ބަސްތާތަކެއް ޖަހާފައި ހުއްޓެވެ. އެ ގޯނިތަކުގައި ހުރީގޫޑުހަކުރެވެ. އެއީ ތާރުކު ރަލުން ކައްކާ ހަކުރެކެވެ.
"މިޔޮއް ތަދު ދުވަސްވަރު ކިހާ ބޮޑު ރޯއްޖެއް ދިވެހީންނަށް މި ދެއްވީ!" ޝުކުރުވެރިކަމާ އެކު އާދަނު ބުންޏެވެ. "މި ހުންނަނީ ﷲގެ ކުޅަދުންވަންތަކަން. ހިނގާ އޮޑި މާލެވައްދަމާ!"
ރިޔާނަގައިގެން އޮޑި ގެނެސް މާލޭ ފަޅަށް ވެއްދުމުން، ކަސްޓަމު މީހުން އޮޑިޔަށް އެރިއެވެ. މަސްވެރިން ކުރި ހިތްވަރަށް އިތުރު ހިތްވަރެއް ދިނުމަށް ޓަކައި، މުހައްމަދު ހަމީދުގެ އަމުރުފުޅަށް މަސްވެރިންނަށް ވަގުތުން ގޫޑުހަކުރު ދިނެވެ. އޮޑީގައި ހުރި ހުރިހައި ހަކުރެއް ރާއްޖެއަށް ބަހައިލަން ނިންމެވިއެވެ. އުސޫލު އޮންނަ ގޮތުން، އެ ފަދަ ކޮންމެ އުޅަނދަކާއި އޭގައި ހުރި ހުރިހައި އެއްޗަކީ ސަރުކާރުގެ މިލްކެކެވެ.
ފަހުން އެނގުނު ގޮތުގައި އެ ބޯޓަކީ އިންޑިޔާގެ ޕޯރުބަންދަރުގައި އަޅައިފައި އޮއްވައި، މޫސުން ގޯސްވެ ކެނޑިގެން، ފަޅުވެރިންނާ ނުލައި އޮޔާ އައި ބަނގަލާބޯޓެވެ. އާދަނަށް ލިބުނު ހަކުރުން ކުޑަ ހަކުރު ގުޅިއެއް ތައްޔާރުކޮށް، އެ ހިފައިގެން ހަފީޒާއަށް ދިނުމަށް ޓަކައި ނުކުތެވެ. ހަފީޒާގެ ގޭގައި ގޫޑުހަކުރު ހުންނާނެ ހެން އާދަނަށް ވަރަށް ހީވިއެވެ. އެހެނަސް އެއީ އާދަނު ދިން އެއްޗަކަށް ނުވާނެއެވެ.
ހަފީޒާއާ ދިމާވާނެ ހަމަ އެކަނި ތަނަކީ ފެންފަރުދާގެ ކަމުން، ކުޑަ ގޫޑުހަކުރު ގުޅި ހިފައިގެން އާދަނު އެ ގެއަށް އައިސް، ރަނގަޅު ތަނެއްގައި ގުޅި ރައްކާކުރިއެވެ. ނަސީބަކުން ހަމަ އެ ދުވަހު ހަފީޒާ އައެވެ. ރައްޓެހި ކުދިންނާ އެކުގައި ޖޯލި ހެއްލަން ތިބެފައި، އެ ކުދިން ދިޔަ ދަނޑިވަޅު އާދަނު ގޮސް އުނދޯލީގައި އިށީނެވެ. ހަފީޒާއަކީ ވަރަށް ލަދުރަކި ކުއްޖެކެވެ. ލޯބިވާކަން އާދަނު އެންގި ފަހުން ހަފީޒާ ގަންނަނީ އަމަށަކު ލަދެއް ނޫނެވެ.
"އަހަރެންނަކީ އިރެއްތަ އަޅެ؟" އާދަނު އެހިއެވެ. "އަހަންނަށް ބަލާލަބަލަ!"
"ކުރީ ދުވަހު ބުނީމެއްނު ބޮކި ދިނީމަ ހަދިޔާއެއް ދޭނަމޭ!" އެލުވާފައިހުރި ޖޯލީގެ ރޯނުގައި ދެ އަތުން ހިފާއްޓާލައިގެން، އިސްޖަހާލައިގެން އިނދެ ހަފީޒާ ބުންޏެވެ. "އަދި ވެސް ނުދޭ!"
"ނުދޭނެއްނު ކަޑަބޮއްޖަހާފަ ހަފީޒާ ދިޔާމަކާ!" އާދަނު ބުންޏެވެ. "މި އަންނަނީ ހިފައިގެން."
އާދަނު ގޮސް ގޫޑުހަކުރު ގުޅި ހިފައިގެން އައެވެ. އެއީ އަތަށް ލެވޭ ވަރުގެ ކުޑަ ގުޅިއެކެވެ. ގުޅި ދިއްކޮށްލުމުން ވެސް ހަފީޒާ އެއަކު ނުހިފިއެވެ.
"ތީ ދިޔާހަކުރުތަ؟" ހަފީޒާ އެހިއެވެ.
"ދިޔާހަކުރެއް ނޫން އެކަމަކު ހަކުރެއް،" އާދަނު ބުންޏެވެ. "ގޫޑުހަކުރު."
ހަފީޒާ ސިއްސައިގެން ގޮސްފައި އޭގައި ހިފިއެވެ.
"އަހަންނަށް ވަރަށް މީރު އެއްޗެއް މީ،" އާދަނަށް ބަލައިލަމުން ހަފީޒާ ބުންޏެވެ. "ކިހިނެއް އެނގުނީ؟"
"ފާލުބެލީމަ!" އާދަނު ހީނގެންފައި ބުންޏެވެ.
"އެހެންތަ؟" އިސްޖަހައިލަމުން ހަފީޒާ ބުންޏެވެ. "ދެން ކޯޗެއް އެނގުނީ؟ ފާލުބެލީމަ ވަރަށް ގިނަ އެއްޗެހި އެނގެޔޭ މީހުން ކިޔާ! ކޮބާ އަހަރެންގެ ބޮކި؟"
"ކޮން ބޮތްކެއް؟" އާދަނު އެހިއެވެ.
"އަހަރެން އަތުން ގެންދިޔައީމެއްނު ބޮތްކެއް." ހަފީޒާ ބުންޏެވެ.
"ނުގެންދަން!" އާދަނު އިންކާރުކުރިއެވެ. "އަހަރެން ގެންދިޔަ އެތި ތި އުޅެނީ ހަނދާން ނެތިގެން."
"ހަނދާންކޮށްދީބަލަ!" ހަފީޒާ އެދުނެވެ. "އަހަރެން ދިނީ ބޮތްކެއްވިއްޔަ!"
"ބޮތްކެއްހެން ހީވިޔަސް އަހަރެން ގެންދިޔައީ ހަފީޒާގެ ހިތް،" އާދަނު ބުންޏެވެ. "އެ ގެންދިޔައީ އަނބުރާ ދޭކަށް ނޫން."
އެއްޗެއް ނުބުނެ ހަފީޒާ އިރުކޮޅަކު އިނެވެ. އެއީ ވައިރޯޅި ވެސް މަޑުޖެހިލި ވަގުތެކެވެ.
"ކެރޭނެތަ އަހަންނާ އިންނަން؟" ހަފީޒާ ސުވާލުކުރިއެވެ. "ޖަވާބެއް ދިނުމުގެ ކުރިން ވިސްނާލާތި! ވަރަށް ބޮޑު ކަމަކު ކިޔަން މި އުޅެނީ."
"ވިސްނާނީ ޔަގީން ނުވާ ކަންކަމާ!" އާދަނު ވަގުތުން ބުންޏެވެ. "އާދަމްގެފާނަށް ހައްވާގެފާނު. އާދަނަށް ހަފީޒާ! ތިޔަ ހަފީޒާއަށް ޓަކާ މި އާދަނު ނުކުރާނެކަމެއް ނޯންނާނެ. ކެރިގެން މި ބުނަނީ. ވަކަރަށްޖަހާ!"
"މާދަމާ ރޭ އަހަރެންގެ ގެއަށް އަންނަން ކެރޭނެ؟" ހަފީޒާ އެދުނެވެ. (ނުނިމޭ)