(އާދިއްތަ ދުވަހާ ގުޅޭ)

"އައްސަލާމް އަލައިކުމް!" އާދަނު ގޮވައިލިއެވެ. 

"ވައަލައިކުމް ސަލާމް!" ފިރިހެނަކު ސަލާން ބަލައިގަތް އަޑުއިވުނެވެ. "އާދަނު އުތަ؟"

"ލައްބަ! ފީނާ އާދަނު!" އާދަނު ބުންޏެވެ. 

އާދަނު ނިންމި ގޮތުގައި އެއީ ކަލޭފާނުގެ އަޑެވެ. އެ ވަރުގަދަ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ކަލޭފާނުގެ ރާގު އާދަނަށް ތަރުޖަމާ ކުރެވުނީ ނުބައި ފާލެއް ގޮތުގައެވެ. މީހަކު ނުނިކުންނާތީ ދޮރުމަތީގައި އާދަނު މަޑުކުރިއެވެ. އެ ދެތިން މިނެޓު އާދަނަށް ދެތިން ގަޑިއިރު ކަހަލައެވެ. ފެންނަން ހުރީ ބަންގާޅުގެ މޮޅު ހައިވަކަރު ގޮނޑިމޭޒުތަކެވެ. އުނބުގަނޑުބައްތި އާއި ސަމޭދާންތަކެވެ. ފައިންއަނބުރާ ފަހާފޮށްޓަކާއި ޗާބީދީގެން ލަވަޖެހޭ ކަހަލަ ލަވަފޮށްޓެއް ވެސް ހުއްޓެވެ. އުނދޯއްޔަކަށް ވުރެ އުނދޯލިކޮޅެކޭ ބުނާ ކަހަލަ، ވަށައިގެން ކަންނެޔޮ ޖަހައި، ވިހޭފަށް ދެމި ސަނދުވާ އެލުވާފައިވާ އުނދޯންޔެއް ހުއްޓެވެ. ވަހާއި އަނގުނާއި ފަޑި ހުރީ ހައިވަކަރުންނެވެ. ފަޑީގެ ތޭރިތައް ހުރީ ލޮއިންނެވެ. އުނދޯލީގައި ލަންސިމޫ ފަންކާއެއް ހެން ހީވާ ކަހަލަ ފަންކާއެއް އޮތެވެ. ގެފުޅާއި މަޝްހޫރު މިސްކިތްތަކުގެ ފޮޓޯ އާއި ފަވާފައިވާ ކަލިމަތަކުގެ، އެކި ވަރުގެ ލޯގަނޑުތައް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ބިއްލޫރި ޖަހާފައިވާ ބޮޑެތި އަލަމާރި ވެސް ހުއްޓެވެ. އޭގައި ހުރީ އެކި ފާޑުފާޑުގެ ފޮއްޗާއި ފޮށަ އާއި ފޭއްޔެވެ. ބަލައިލި ކޮންމެ ދިމާއަކުން އާދަނަށް ފެނުނީ ތަރުތީބާއި ސާފުތާހިރުކަމާއި މުއްސަނދިކަމެވެ. ކުއްލިއަކަށް ދޮރެއް ހުޅުވާލައިފައި އާދަން ކަލޭފާނު ނުކުންނެވިއެވެ. ލައިގެން ހުންނެވީ އަތްގުދުކުރި ލިބާހަކާއި މުންޑެކެވެ. ބޮލުގައި ތާކިހަލެއް، އަތުގައި އަސައެއް އޮތެވެ. އަބުއި ހިނގުމެއްގައި އުނދޯއްޔާ ދިމާއަށް ކަލޭފާނު ދުރުވިއެވެ. 

"ވައަލައިކުމް ސަލާމް!" އެކުވެރި ރާގަކަށް ކަލޭފާނު އަނެއްކާ ވެސް ބުނުއްވިއެވެ. "ވަދޭވަދޭ! އާދޭ އުނދޯއްޔަށް."

އާދަނު ދުވަހަކު ވެސް ނީށީންނަ ފެންވަރުގެ އުނދޯއްޔަކާ ދިމާއަށް އާދަނު ހިނގައިގަތެވެ. އުނދޯލީގައި އިށީނީ ދެ މީހުން އެކުއެކީގައެވެ. އާދަނު ވަރަށް ކިޔަމަންތެރިކަމާ އެކު އިސްޖަހާލައިގެން އިނެވެ. 

"ވަރަށް ދެރަކޮށް މި ދިމާވީ،" ކަލޭފާނު ބުނުއްވިއެވެ. "އިރުކޮޅަކުން އެބަ ޖެހޭ ބޭރަށް ނުކުންނަން. އެކަމަކު ވަގުތު އެބަ އޮތް،" އެހެން ބުނުއްވާފައި ކަނާތްފަރާތަށް ބައްލަވައިލިއެވެ. "ކޮބާ ކުޑައަލީ! ތި ގެނެސްބަލަ!"

އެތެރެއިން މީހަކު ފަނިތަށްޓެއް ހިފައިގެން އައިސް އާދަނަށް ދިއްކޮށްލައިފައި ދިޔައެވެ. 

"ތީ މިގޭ ގަހުގެ އަތަ،" ކަލޭފާނު ބުނުއްވިއެވެ. "ވަރަށް ފޮނިވާނެ. ނުޖެހޭނެ ހަކުރު އަޅާކަށް."

އާދަނު ރަހަބަލައިލިއެވެ. ކަލޭފާނު ބުނުއްވީ ތެދެކެވެ. ފަނި ފޮނިވެފައި ވަރަށް މީރެވެ. އަތަ ރަހައިގެ އިތުރުން އެހެން ރަހައެއްލާ ހެން ވެސް އާދަނަށް ހީވިއެވެ. އެ ވަގުތު، ދިމާ ކުރިމަތިން ހުޅުވިފައިވާ ދޮރެއް އާދަނުގެ ލޮލުގައި އަޅައިގަތެވެ. ދޮރުފޮތިގަނޑު ބިއްދޮށުގައި ހަފީޒާ ފިލައި ހުއްޓެވެ. އާދަނަށް ފެންނަނީ ހަފީޒާގެ ނިތްކުރިން ތަންކޮޅެކެވެ. ލަދުވެތިކަމަކީ އަންހެނެއްގެ ގަހަނާއެވެ. ހަފީޒާއަކީ އެ ގަހަނާއިން ޖަރީވެފައިވާ ކުއްޖެކެވެ. 

"ހިނގާ ތަންކޮޅެއް ކުރުކޮށް ގެންދަމާ ދޯ؟" ކަލޭފާނު ބުނުއްވިއެވެ. "ހަފީޒާއަކީ އަހަރެންގެ ދަރިއެކޭ އެކަނި ބުނެފަ ނިންމާލެވޭކަށް ނެތް. އަހަރެންގެ ނަސީބަކީ ވެސް، އަހަރެންގެ ހިތްހަމަޖެހުމަކީ ވެސް އެއީ. އެ ކަން ނޭނގޭ މީހަކު ނުހުންނާނެ. އެކަމަކު އެކަކަށް ވެސް ނޭނގޭ ކަމެއް އާދަނު ގާތުގަ މި ބުނަނީ. ހަފީޒާއަކީ އަހަރެންގެ ބަލިފައި. އޭނަ ކަމަކު ބުނެފިއްޔާ، ކިރިޔާ ވެސް ކޮށްދެވެން އޮތިއްޔާ، އަހަރެން ގަދަވެ ސަލާމަތުން ހުރިއްޔާ، އެ ކަމެއް ކޮށްދޭނަން. އޭނަ އެންމެ ގަޔާވާ މީހަކަށް ފެނުނީ އާދަނު. މާލެއިން އޭނައަށް އާދަނު އެންމެ ކަމުދިޔައީ ކީއްވެގެން ކަމެއް އަހަންނަކަށް ކުރިޔަކުން ނޭނގެ. އެނގުނީ އާދަނު ދުންބައްތެލިން ފުންމާލި ރޭ. އެރޭ ހަފީޒާގެ ކަންފަތް ބުޑުގަ އަހަރެން ބުނިން، އޭނައަށް ދަރިފުޅު ގެންގުޅެވިދާނޭ. އަހަރެން އަތުގަ ތަނަވަސްކަން އެބަ ހުރި. ހަފީޒާ އިންނަ މީހަކީ މުއްސަންޖަކަށް ވާކަށް ނުޖެހޭ! ހެޔޮލަފާ، ހިތްވަރުގަދަ މީހަކަށް ވެފަ ދީންވެރި ވެއްޖެއްޔާ އަހަންނަށް ނިމުނީ."

"ބައްޕާ! އޭނައަކީ ވަރަށް ދީންވެރި މީހެއް،" ހަފީޒާ ބުނެލި އަޑު އިވުނެވެ. "އަޅުގަނޑަށް އެ ކަން އެނގޭ."

ކަލޭފާނު ހިނިތުންވެލެއްވިއެވެ. ދަރިފުޅުގެ ނިންމުމާ މެދު ކަލޭފާނު ޝައްކެއް ނުކުރައްވައެވެ. 

"ދަރިފުޅަށް ބައްޕަ އަބަދު ވެސް އިތުބާރު ކުރަން،" ކަލޭފާނު ބުނުއްވިއެވެ. "ދަރިފުޅު ބޭނުންވީ އާދަނާ ބައްދަލުކޮށްފަ ބައްޕަގެ ރުހުން ދޭން. އަޑުއަހާ! އާދަނާ ދަރިފުޅުގެ ކައިވެންޏަށް ބައްޕަ ރުހުން ދީފިން. ނިމުނީނު. ކައިވެނި ހަމަޖެހުނީމާ މަދަރުސާއިން ކެނޑިގެން އަވަހަށް އިންނަންވީ."

"ކަލޭފާނު އިޒުނަ ދެއްވައިފިއްޔާ އަޅުގަނޑު އެއްޗެއް އަހާލަން ކަމަށް." އާދަނު ބުންޏެވެ. 

"އަވަހަށް އަހާ،" ކަލޭފާނު ބުނުއްވިއެވެ. "އާދަނު ތިޔަ އިންނަނީ މާ މަޑުންވިއްޔާ! މިހާރު ދެން އަހަންނަކީ އާދަނުގެ ގާތް މީހެކޭ. ވާނެ ގިނަގިނައިން މި ގެއަށް އަންނަން. ކީކޭ އަހަން ތި އުޅެނީ؟"

"ކުރީ ދުވަހަކު ދުންދަނޑި މަނިކު ދިމާވެގެން އޭނަ ބުނި..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 

"އޭނަގެ ކަންތައް ހާދަ ބޮޑުވެއްޖޭ!"

ކަލޭފާނު ހިތްހަމަނުޖެހިފައި ބުނުއްވިއެވެ. "އެހެން މީހަކު ވެސް ތި ވާހަކަ ބުނެފި. އާނ އޭނަ އަހަންނާ ބައްދަލުކުރި. ހަފީޒާއާ އިންނަން ބޭނުން ވާހަކަ ބުނި. އަހަރެން ބުނިން ވިސްނާނަމޭ! ދެން އޭނަ އެކި މީސްމީހުން ކައިރީގަ... ދެން އެ ވާހަކަ ހުއްޓާލަމާ ބަހީނ. އަހަރެން ރުހުން ދިން ހަމަ އެކަނި މީހަކީ އާދަނު. އެ ނިމުނީ."

ދޮންމަނިކު ބޮޑުއަށީގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. ތަށްޓަށް އަޅާފައި ހުރި ޒުވާރިބަތްކޮޅު ތެރެއަށް ގަރުދިޔަ ފޮދެއް އެޅިއެވެ. ބަތްތަށި ރަނގަޅަށް މޮޑެލިއެވެ. ފުރަތަމަ ސުވާ އަނގައަށް ލާން ފަރިކޮށްލިއެވެ. 

"ހަބަރުދާރު!" އާދަނު ގޮވައިލިއެވެ. 

ދޮންމަނިކު ވަގުތުން ގާވިއެވެ. އާދަނު ގެއަށް ވަދެގެން އައިސް ދޮންމަނިކު އަތުގައި އޮތް ބަތްސުވާ ތަށްޓަށް ވައްޓުވައިލިއެވެ. ބަތްތަށި ދުރަށް ޖައްސައިލިއެވެ. 

"ދެނެއް ކަލެއަކަށް ލޮނުލީ ބަތެއް ނުކެވޭނެ،" ބޮޑުއަށީގައި ދެފައި ވަށްކޮށްލަމުން އާދަނު ބުންޏެވެ. "އަލުން ބަތް ކައްކާ!"

"ހަމަ ފިސާރި ތެދެއް؟" ބައްތިރީސް ދަތް އެކުގައި ދައްކާލަމުން ދޮންމަނިކު އެހިއެވެ. 

"މި އައީ ސީދާ ކަލޭފާނުގެ ދުލުން ރުހުން ހޯދައިގެން،" ފަހުރުވެރިކަމާ އެކުގައި އާދަނު ބުންޏެވެ. "ކަލޭފާނު އިންނެވީ އުނދޯލީގެ މި ހިސާބުގަ. އަހަރެން އިނީ މި ތާ!"

"ސަމާސަ ނުކުރޭ!" ދޮންމަނިކު ބުންޏެވެ. "ނޫނޭ ކަލޭ ތީ ފިސާރި ފިރިހެނެއް. ހަމަ މިހާރު ހިނގާ ފަނިދޭން."

"މި ވަގުތު އެންމެ އަނައެއް ވެސް ނެތް،" އާދަނު ބުންޏެވެ. "ލާރިއެއް ލިބޭ ދުވަހަކުން ފުރަތަމަ ފަނިދޭނީ ދޮންމަނިކަށް. އަހަންނަށް ހަފީޒާ ލިބުނީމަ އޭގެ މާނައަކީ، ﷲ މަގެއް ތަނަވަސް ކޮށްދެއްވައިފިއްޔާ ކޮންމެ ކަމެއް ވެސް ވާނެކަން. ކާކު ހީ ވެސް ކުރާނީ؟"

"އާދަނު ދޮގެއް ނަހަދާނެ. އެހެންވެ އަހަރެން ގަބޫލުކޮށްފިން،" ދޮންމަނިކު ބުންޏެވެ. "އެކަމަކު ހަފީޒާ އެއްބަސްވިޔަސް، ކަލޭފާނު ރުހުން ދެއްވިޔަސް އަދި އެ ނިމުނީއެއް ނޫން. ކަލޭ ވިސްނައިގެން އުޅޭތި! ތި މަސްގަނޑަށް ކަޅި އަޅަނީ ހަމަ އެކަނި ބުޅަލެއް ނޫން. ސިންގާތަކާ މިނިކާވަގުތައް ވެސް އެބަ އުޅޭ!"

މާލޭގައި ހަތަރު އަވަށުމަދަރުސާ ހުރެއެވެ. މާފަންނުގައި ޙުސެއިން ޞަލާޙުއްދީންގެ ނަންފުޅަށް ހުންނަ ޞަލާޙިއްޔާއެވެ. މައްޗަންގޮޅީގައި ޢަބްދުލްޙަމީދުދީދީގެ ނަންފުޅަށް ހުންނަ ހަމީދިއްޔާއެވެ. ގަލޮޅުގައި، ޙަސަން ފަރީދުގެ ނަންފުޅަށް ހުންނަ ފަރީދިއްޔާއެވެ. ހެންވޭރުގައި، އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ނަންފުޅަށް ހުންނަ އަމީރު އަޙްމަދެވެ. އާދަނު އުޅެނީ ފަރީދިއްޔާގައެވެ. އެ ތަނުން ކާއެއްޗެއް ނުލިބޭތީ މަދަރުސާއަށް ދާން އާދަނު ފޫހިވެއެވެ.

އާދަނު މަދަރުސާއިން ކަނޑައިނުލަނީ މަދަރުސާގެ ކުޅިވަރުތަކަށް މޮޅު ކަމުންނެވެ. އެކަމަކު ކުޅިވަރު ފަރިތަކުރުންތަކަށް ވެސް އާދަނު ނާންނަން ފެށިއެވެ. އެ ކަމާ ސުވާލުކުރުމުން، އާދަނުގެ ޝަކުވާ ހުށައެޅިއެވެ. ކާއެއްޗެއް ނުލިބޭ މައްސަލައެވެ. އޭގެ ފަހުން، ފާމުދޭރިގެއިން ކެއުން ހަމަޖެހުނެވެ. ސައިގަޑީގައި ހުންނަނީ ކަޅުސައި ނުވަތަ ކިރުސަޔާއި ދެ ޖޯޑު ފާރޮށްޓެވެ. ކާގަޑީގައި ބަތާއި ގަރުދިޔަ ނުވަތަ ކިރުގަރުދިޔަ ނުވަތަ ރިހައެވެ. ހިތާމައަކީ ކުޅިވަރު މުބާރާތް ހަމަ ނިމޭ އިރަށް ކޮއްތު ހުއްޓޭކަމެވެ. ދެނެއް އާދަނަކީ އުޅޭ ކުއްޖެއް ކަމެއް ވެސް ނޭނގެއެވެ. ކާން ދާ އިރު އަބަދު ވެސް އޮންނަނީ ކާއެއްޗެހި ހުސްވެފައެވެ. ސައިބޯން ދިޔުމުން ވެސް ބުނާނީ އެހެންނެވެ. އާދަނު ވެފައި އޮންނަނީ ފެންކައްކާ ބޮއްޔަކަށެވެ. ފެންނަނީ ބޭނުމެއް ޖެހުނީމައެވެ. 

މަދަރުސާއަށް ނުދެވުނަސް، މަހަށް ނުދެވުނަސް، ހައިހޫނުކަން ނުފިލިޔަސް، ހަފީޒާއާ ބައްދަލުނުކޮށް އެންމެ ރެޔަކު ވެސް އާދަނަކަށް ނުހުރެވެއެވެ. ބައްދަލުވުން ކުރިޔަށް ދަނީ، ހަފީޒާގެ ގޭގައި ހުންނަ ބޮޑު ބަނބުކެޔޮ ގަހުގައި އެލުވާފައި ހުންނަ އުނދޯލީގައެވެ. ހަނދުވަރު މޫސުމުގައި ކޮކާހަނދުވަރުގެ ތޫނުކަމުގެ ތެރެއަށް ވައިރޯޅީގެ ފިނިކަން ފެތުރި، ހަފީޒާގެ ރީތިކަމާއި ހުސްނުހީނާގެ ވަސްމީރުކަން އެކުވުމުން ހަ ފަރާތަށް ފެތުރިފައި އޮންނަނީ ޖާދުވީ މަސްތެކެވެ. އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެކެވެ. ހުތުރުކަމަކަށް ނުވާ ނަމަ، ހަފީޒާގެ އަތުގައި އާދަނު ހިފީހެވެ. ދެމެދުން ވައިރޯޅިއަށް ނުދެވޭ ވަރަށް ގާތް ވެސް ވެލީހެވެ. ދެ ހިތުގައި ވެސް އޮތީ ބުނަން ލަދުގަންނަ ކަހަލަ ސިއްރެކެވެ. 

އުނދޯލީގައި އެހެން ތިބޭ އިރު ގޭގެ ބޭރު ފާރު ހުންނާނީ ދިމާ ކުރިމަތީގައެވެ. މާލެއަކީ ވަރަށް އަޑުމަޑު ތަނެކެވެ. މަގުމަތިން ދެ މީހަކު ވާހަކަދައްކަމުން ދިޔަސް އެ މީހުންގެ އަޑު ވެސް އެތެރެއަށް އިވެއެވެ. ދެން އިވޭ އަޑަކީ، ދޭތެރެއަކުން ޖަހައިލާ ބައިސްކަލު ރަނގަބީލުގެ އަޑެވެ. ގިނަ ވަގުތު ހަފީޒާ ވާހަކައެއް ނުދައްކައެވެ. އާދަނަށް ބަލަހައްޓައިގެން އިންނަނީއެވެ. އެހެން އިނދެގެން ހަފީޒާ ވިސްނަނީ ކޯޗެއްކަމެއް އާދަނަކަށް ނޭނގެއެވެ. 

"ތިހެން އިންނަ އިރު ހީވަނީ ދެންމެދެންމެ ހަފީޒާ ސުވާލެއް ކޮށްފާނެހެން،" އާދަނު މަޑުމަޑުން ބުންޏެވެ. "ބައެއް ރޭރޭ އަހަންނަކަށް ނުވެސް ނިދޭ. ހިތަށްއަރަނީ، ކީކޭ އަހަންބާއޭ ހަފީޒާ އެ އުޅެނީ. ބައެއް ފަހަރު ހީވޭ ބުނަން ނުކެރިގެން އުޅޭ ހެން ވެސް."

ހަފީޒާ ރަކިވެފައި އިސްޖަހައިލިއެވެ. 

"ބުނަންވީ؟" ހަފީޒާ ބުނި އަޑުއިވުނެވެ. 

"އޭރުން މި ރޭ އަހަންނަށް އަރާމުގަ ނިދާލެވޭނެ." އާދަނު ބުންޏެވެ. 

"އާދަނު ކީއްވެތަ އަބަދު އެއް ހެދުމެއް ލަނީ؟" ހަފީޒާ މަޑުމަޑުން ސުވާލުކުރިއެވެ. 

އެ ވަގުތު ގޭގެ ފާރުމަތިން ބޮލެއް ދިއްކޮށްލި ތަން އާދަނަށް ފެނުނެވެ. (ނުނިމޭ)