ހޮލީވުޑްގެ މަޝްހޫރު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ދެ ތަރިން ކަމަށްވާ ބްލޭކް ލައިވްލީ އާއި ޖަސްޓިން ބަލްޑޯނީގެ ދެމެދުގައި އުފެދިފައިވާ ގާނޫނީ ހަނގުރާމަ އަދިވެސް މުޅިން ނިމުމަކަށް ނާންނަކަން ހާމަވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މައްސަލައިގައި ދެ ފަރާތުން ސުލްހަވެ، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ކުރިން ހީވި ނަމަވެސް، ބްލޭކް ދަނީ ޖަސްޓިންގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ފީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މި ހަމަނުޖެހުން ފެށުނީ 2024 ވަނަ އަހަރު ފިލްމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު، ޖަސްޓިންގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިމަތިވި ކަމަށް ބުނެ ބްލޭކް ދައުވާ ކުރުމުންނެވެ. މީގެ ރައްދުގައި ޖަސްޓިން ވެސް ވަނީ ބްލޭކްގެ މައްޗަށް އަބުރުގެ ދައުވާ އުފުލައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި ހުރި ގިނަ މައްސަލަތަކެއްގައި ވަނީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފަ އެވެ. ނަމަވެސް، ކެލިފޯނިއާގެ ސިވިލް ކޯޑުގެ ދަށުން ބްލޭކް އުފުލާފައިވާ އެއް މައްސަލަ އަދިވެސް އޮތީ ނުނިމި އެވެ.
ބްލޭކް ބުނާ ގޮތުގައި، ޖަސްޓިން އޭނާއާ ދެކޮޅަށް ކުރިން ކުރި އަބުރުގެ ދައުވާއަކީ އޭނާގެ އަގު ވައްޓާލުމަށް ކުރި "ރެޓަލިއޭޓަރީ" ނުވަތަ ބަދަލުހިފުމުގެ ދައުވާއެކެވެ. އެހެންވެ، އެކަމުގެ ބަދަލުގައި ގިނަ އަދަދެއްގެ ފައިސާ އާއި ގާނޫނީ ހަރަދުތައް ހޯދުމަށް އޭނާ ދަނީ ވަކާލާތު ކުރަމުންނެވެ.
މި މައްސަލައިގައި ދެ ފަރާތުން މިދިޔަ ހަފުތާގައި ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލަ ސުލްހަވެރިކަމާ އެކު ނިންމާލުމަކީ ދެ ފަރާތުގެ ވެސް އުއްމީދު ކަމަށެވެ. އަދި ޖިންސީ އަނިޔާ ލިބޭ މީހުންނަށް އެހީތެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމަކީ ދެ ތަރިން ވެސް ބޭނުންވާ މުހިންމު މަގުސަދެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޯޓުން ބްލޭކްގެ ޖިންސީ ގޯނާގެ ދައުވާތަކާއި ޖަސްޓިންގެ އަބުރުގެ ދައުވާތައް މީގެ ކުރިން ބޭރުކޮށްލާފައިވީ ނަމަވެސް، ބަދަލުހިފުމުގެ ގޮތުން ކުރި ދައުވާތަކާ ގުޅޭ ބައި އަދިވެސް އޮތީ ކުރިއަށެވެ. މީގެ ކުރިން މި މައްސަލައިގެ ޝަރީއަތް މި މަހުގެ 18 ގައި ފެށުމަށް ވެސް އޮތީ ތާވަލުކޮށްފަ އެވެ.