ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބްލޭކް ލައިވްލީ އާއި ޖަސްޓިން ބަލްޑޯނީގެ ދެމެދުގައި އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ކޯޓުން ބޭރުގައި ސުލްހަވެރި ހައްލެއް ހޯދައިފި އެވެ.
"އިޓް އެންޑްސް ވިތު އަސް" ފިލްމުގެ މަސައްކަތުގެ ތެރެއިން އުފެދުނު މި މައްސަލައިގައި، ދެ ފަރާތުން ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެ ފަރާތުން ވެސް މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
އެ އެއްބަސްވުމާ އެކު، މި މަހު 18 ގައި ފެށުމަށް ހަމަޖެހިފައި އޮތް އެ މައްސަލައިގެ ޝަރީއަތް ވަނީ ކެންސަލްވެފަ އެވެ.
ދެ ތަރިންގެ ވަކީލުން ނެރުނު އެ ބަޔާނުގައި ބުނީ ފިލްމުގެ މަސައްކަތުގެ ތެރެއިން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ބްލޭކް ފާހަގަކުރި ކަންބޮޑުވުންތަކަށް އިހުތިރާމްކުރާ ކަމަށެވެ. އަދި މި މައްސަލަ ނިމުމަކަށް އައުމަކީ ދެ ފަރާތަށް ވެސް ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށް ބުންޏެވެ.
ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށް އެއްބަސްވި ނަމަވެސް، ބްލޭކް އަށް ދޭންޖެހޭ މާލީ ބަދަލެއް ނުވަތަ އެއްބަސްވުމުގެ އެހެން ތަފްސީލުތަކެއް އާންމެއް ނުކުރެ އެވެ.
މީގެ ކުރިން ކޯޓުން ވަނީ ޖަސްޓިންއަށް ތުހުމަތުކޮށް ބްލޭކް ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ބޭރުކޮށްލައިފަ އެވެ. ނަމަވެސް، ބަދަލުހިފުމުގެ ގޮތުން ޖަސްޓިން އަމަލުކުރި ގޮތް ކަމަށް ބުނާ މައްސަލައިގެ ބައި ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.
މި މައްސަލަ ފެށުނީ 2024 ވަނަ އަހަރު މި ފިލްމު ރިލީޒްކުރި ދުވަސްވަރު، ފިލްމުގެ ޑައިރެކްޓަރު އަދި އެކްޓަރު ޖަސްޓިންގެ ފަރާތުން ބްލޭކްއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. މީގެ އިތުރުން ބްލޭކްގެ އަބުރު ކަތިލަން ޖަސްޓިން މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރި އެވެ.
މި މައްސަލަ ހައްލުވުމާ އެކު، ބްލޭކް ވަނީ މިއަދު ބޭއްވި މި އަހަރުގެ މެޓް ގާލާގައި ވެސް ބައިވެރިވެފަ އެވެ. މިއީ މި ގާނޫނީ ހަނގުރާމައަށް ފަހު އޭނާ އާންމުންގެ ތެރެއަށް ނުކުތް ފުރަތަމަ ފަހަރެވެ.