މުނިފޫހިފިލުވުން / ހޮލީވުޑް

ބްލޭކަށް އަބުރުގެ ދައުވާކޮށް ބަދަލުގެ ގޮތުގައި 400 މިލިއަން ޑޮލަރު ހޯދަން ޖަސްޓިން އެދެފި

ހޮލީވުޑްގެ ތަރިން ކަމަށްވާ ޖަސްޓިން ބޮލްޑޯނީ އާއި ބްލޭކް ލިވްލީ.

18 ޖެނުއަރީ 2025 - 06:54

ހޮލީވުޑްގެ ތަރި ބްލޭކް ލިވްލީ އާއި އޭނާގެ ފިރިމީހާ ރަޔަން ރެނޮލްޑްސް އަށް އަބުރުގެ ދައުވާ އާއި އިތުރު ގިނަ ދައުވާތަކެއް ކޮށް، ބަދަލުގެ ގޮތުގައި 400 މިލިއަން ޑޮލަރު ނަގައިދޭން ހޮލީވުޑްގެ އެކްޓަރު ޖަސްޓިން ބޮލްޑޯނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ބްލޭކްއާ ދެކޮޅަށް ޖަސްޓިން މައްސަލައެއް ހުށަހެޅި އިރު، ބްލޭކް ވަނީ އެ ދެ ތަރިން އެކުގައި އެންމެފަހުން ކުޅުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި އޭނާގެ ކޯ-ސްޓާރަކަށް އަދި ޑައިރެކްޓަރަކަށް ވެސް އުޅުނު ޖަސްޓިން އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ.

ޖަސްޓިން އަބުރުގެ ދައުވާކުރަނީ ބްލޭކް އާއި ރަޔަންގެ އިތުރުން އެ ދެމަފިރިންގެ ޕަބްލިސިސްޓް ލެސްލީ ސްލޯނީ އާއި ސްލޯނީގެ ޕަބްލިކް ރިލޭޝަން ފާމް "ވިޝަން ޕީއާރު"އާ ދެކޮޅަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ އެމެރިކާގެ ނިއު ޔޯކުގެ ކޯޓަކަށް މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަބުރުގެ ދައުވާގެ އިތުރުން އެތައް ތުހުމަތެއް ހިމެނޭ އެ މައްސަލާގައި ވަނީ ބްލޭކް ކުރި ތުހުމަތުތަކާ ގުޅިގެން ޖަސްޓިން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 400 މިލިއަން ޑޮލަރު ނަގައިދޭން ކޯޓުގައި އެދިފަ އެވެ.

އަބުރާބެހުމުގެ ދައުވާގެ އިތުރުން، ޖަސްޓިން ބްލޭކަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ބިރުދެއްކުމާއި ނުހައްގު ގޮތުގައި ޕްރައިވެސީ އަށް އަރައިގަތުމާއި ހެޔޮ ނިޔަތާއި އިންސާފުވެރިކަމާ އެކު މުއާމަލާތްކުރުމުގެ އެއްބަސްވުމާ ހިލާފުވުމާއި އެއްބަސްވުންތަކާ ގުޅުންހުރި ކަންކަމަށް ގަސްތުގައި ހުރަސްއެޅުމާއި މާލީ މަންފާއަށް ގަސްތުގައި ހުރަސްއެޅުން އަދި މާލީ މަންފާއަށް އަމިއްލަ އިހުމާލުން ހުރަސްއެޅުމުގެ ދައުވާ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ޖަސްޓިންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަތައް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި ޖަސްޓިން އާއި ބްލޭކްއާ ދެމެދުގައި ބަދަލުކުރެވިފައި ހުރި މެސެޖުތަކާއި އީމެއިލްތަކާއި ވީޑިއޯ ފުޓޭޖްތަކާ އަދި އެހެނިހެން ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށެވެ. އެ ހެކިތަކުން ޖަސްޓިންގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް އޭނާގެ ޓީމުން ބުންޏެވެ.

"ދެފަރާތުގެ ދެމެދުގައި ރިއަލް ޓައިމްގައި ބަދަލުކުރެވިފައިވާ ފުރިހަމަ މެސެޖުތަކާއި އީމެއިލްތަކާއި ވީޑިއޯ ފުޓޭޖްތަކާ އަދި އެހެނިހެން ލިޔެކިޔުންތަކުގެ ހެކިތައް ހުށަހެޅުމުގެ ފުރިހަމަ ތައްޔާރީގައި އަޅުގަނޑުމެން ތިބުމުން، މިއީ އޭނާއަށް ކާމިޔާބު ނުކުރެވޭނެ އަދި ހަމަ ޔަގީނުން ވެސް އޭނާ ބަލިވާނެ މައްސަލައެއް ނޫން ކަން ވަރަށް ސާފުކޮށް އެނގޭ،" އެ ބަޔާނުގައި ބުންޏެވެ.

"ބްލޭކް އާއި އޭނާގެ ޓީމުން އެއްވެސް ގާނޫނީ ފިޔަވަޅެއް އެޅުމުގެ ކުރިން އަމިއްލަ މަންފާއަށްޓަކާ މީޑިއާ ބޭނުންކޮށްގެން އެންމެނަށް އޮޅުވާލައިގެން، އެހެން މީހުންގެ އަބުރުކަތިލާއި ދިރިއުޅުން ހަލާކުރަން މަސައްކަތް ކޮށްފައިވާކަން އަހަރެމެން ހަނދާން ބަހައްޓަންވާނެ. އަހަރެމެންނަށް ހަގީގަތް އެނގޭ، އަދި މިހާރު އާންމުންނަށް ވެސް އެ ހަގީގަތް އެނގޭ،

"ޖަސްޓިން އާއި އޭނާގެ ޓީމުގެ ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް، ލިޔެކިޔުންތައް ދޮގެއް ނުހަދާނެ."

މިދިޔަ މަހު ބްލޭކް ޖަސްޓިން އަށް ދައުވާކޮށް ކޯޓަށް މައްސަލައެއް ހުށަހެޅީ "އިޓް އެންޑްސް ވިތު އަސް"ގެ ޝޫޓިންގެ ދުވަސްވަރާއި ފިލްމުގެ ޕްރޮމޯޝަން އަދި ޕްރިމިއާގެ ދުވަސްވަރު ހިނގާފައިވާ އެކިއެކި ކަންކަމާ ގުޅުވައިގެންނެވެ. ބްލޭކް ވަނީ ޖަސްޓިން އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ބްލޭކްގެ އަގުވައްޓާލަން މަސައްކަތްކުރި ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454