(އާދިއްތަ ދުވަހާ ގުޅޭ)
"ހަފީޒާއަށް މިހާރު ކިތައް އަހަރު؟" ހަމީދު ވިދާޅުވިއެވެ.
ދިމާ އުތުރަށް ދިޔަ ވާހަކައެއް ކުއްލިއަކަށް ހުޅަނގަށް ދީލައިލި ސަބަބު ކަލޭފާނަކަށް އޮޅިއެއް ނުލައްވައެވެ. އެއީ އެހެން މީހަކު ބުނި އެއްޗެއް ނަމަ ކަލޭފާނު އެއްސެވީހެވެ. ތިޔަ ފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ އެހެނަސް ކުރިމަތީގައި އިންނެވީ އަވަށުވެރިޔެއްގެ މަގާމާއި ސަރުކާރު ނައުފަހަރުތަކުގެ ނެވިކަން ކަލޭފާނަށް ދެއްވި މުޙައްމަދު ހަމީދެވެ. މީހަކު ކުށެއް ނުކުރިޔަސް އަދަބު ކަނޑައަޅުއްވައި، ހުކުންކުރައްވައި، ހުކުން ތަންފީޒު ވެސް ކުރައްވާ ވެރިޔާއެވެ.
"ފަނަރަ އަހަރު." ކަލޭފާނު ބުނުއްވިއެވެ.
"ދަރީން ފުރާވަރަށް އަޅާ އިރު އެ ކުދިންގެ މުސްތަގުބަލާ މެދު މައިންބަފައިން އޮންނާނީ ގޮތެއް ނިންމާފަ،" ގޮނޑީގައި ލެނގިވަޑައިގަންނަވަމުން ހަމީދު ވިދާޅުވިއެވެ. "ހަފީޒާއާ ދޭތެރޭ ކަލޭފާނު ވެސް ގޮތެއް ނިންމަވާފަ އޮންނަނީ. އަޅުގަނޑު ވެސް ގޮތެއް ނިންމައިފިން. އަޅުގަނޑަށް ޔަގީން ކަލޭފާނު އިންކާރެއް ނުކުރައްވާނެކަން."
"އެއީ ކޮން ގޮތެއްތޯ؟" ކަލޭފާނު އެއްސެވިއެވެ.
ދެތިން ދުވަސް ތެރޭގައި އާދަނުގެ ހެދުންތައް ފަހައި ނިމުނެވެ. ގަޔަށް ވަރަށް ހެޔޮވަރެވެ. އާދަނުގެ ދިރިއުޅުމުގެ ހަމަ އެކަނި މަގުސަދަކީ ހަފީޒާއާ ބައްދަލުކުރަން ދިޔުމެވެ. ނިދައި ހޭލަނީ ހަފީޒާއަށް ޓަކައެވެ. އާމުދަނީ ހޯދަނީ ހަފީޒާއަށް ޓަކައެވެ. ކާން ލިބިއްޖެއްޔާ ކަނީ، ނުލިބިއްޖެއްޔާ ނުކައި ހުންނަނީ ވެސް ހަފީޒާއަށް ޓަކައެވެ.
ރޭގަނޑު ހަފީޒާއާ ބައްދަލުކުރާ ވަގުތު ކައިރި ވަމުން އަންނަ ވަރަކަށް އާދަނު ކެތްތެރިކަން ކުޑަވެއެވެ. އާދަނުގެ ގޭގައި ކޮންމެ ކަމެއް ކުރަން ހުއްޓަސް، ހަފީޒާއާ ބައްދަލުކުރާ ވަގުތު ޖެހުމުން އެ ދިމާއަށް ދުއްވައިގަނެވެއެވެ. އާދަނަށް ހަފީޒާ ލިބުމުން އެހެން މީހުންގެ ލޮލަށް ވާނެ އުނދަގުލަކާއި ހިތަށް ކުރާނެ އަސަރަކާ މެދު އާދަނެއް ނުވިސްނައެވެ. އެއީ އާދަނަށް ހެދުނު ގޯހެކެވެ. އެ ގޯސް ނުހެދުނު ނަމަ މާ ރަނގަޅުވީހެވެ.
ދުވަހެއްގެ މެންދުރުފަހެވެ. ބުރަކަށި ދަމައިލާނަމޭ ހިތައި އާދަނު ގެއަށް ވަން އިރު ރަޒިއްޔާ އާއި އީސާފުޅާއި ހަބީބާ ތިބީ އޮލަވާހަކައެއްގައެވެ. ރަޒިއްޔާއަކީ މުޙައްމަދު ހަމީދުއާ ގާތް ގުޅުމެއް އޮންނަ، މަދުން ގެއަށް އަންނަ، ދުރުތާ ތިމާގެ ދައްތައެކެވެ. އާދަނުގެ ބައްޕަ އާއި އެއްބަޑުއެއްބަފާ ދައްތަ ގާތުގައި ބައިތިއްބައިގެން ރަޒިއްޔާ ދައްތަ ދައްކަން އޮންނާނީ ކޮން ވާހަކައެއްބާއޭ އާދަނު ހިތަށްއެރިއެވެ. އަމުދުން، އާދަނު ފެންނަ އިރަށް ރަޒިއްޔާ ކުއްލިއަކަށް ތެދުވެގެން ދާން ހިނގައިގަތް ގޮތާއި ބަލަން ނުބަލަން ކަހަލަ ގޮތަކަށް އާދަނަށް ބަލައި ގޮތުގެ ސަބަބުން އާދަނުގެ ހިތުގައި ޝައްކެއް އުފެދުނެވެ.
"އާދަންހޮއްކޯ!" އާދަނާ އަރައި ހަމަވެފައި ރަޒިއްޔާ ގޮވައިލިއެވެ.
"ދައްތަ މި ގަޑީގަ ކޮން ވަޑާމެއް؟" އާދަނު ބުނެލިއެވެ.
"މި ދެން ހަމަ ދަމުން ވަދެލީ!" ރަޒިއްޔާ އެހެން ބުނެފައި ދިޔައީއެވެ.
އާދަނު ހިތަށްއެރިއެވެ. ނޫނެކެވެ. ރަޒިއްޔާދައްތައަކީ، ގެ ހުރަސްކޮށްފައި ދިޔަސް އާދަނު އުޅޭ ގެއަށް ވަންނަ މީހެއް ނޫނެވެ. އެ އަށް ވުރެ މާ އަތްމަތި ތަނަވަސް، ނުފޫޒުގަދަ، ހިތްމޮޅު މީހެކެވެ. ބޭނުން ކޮންމެ ވަގުތަކު ހަމީދުގެ ގަނޑުވަރަށް ވަދެވި، އެއް ސުފުރާ މަތިން ކައިބޮއިހެދުމަކީ ދައްތަގެ ބޮޑާކަން އިތުރުވި ކަމެކެވެ. ނުގުޅޭ ގަޑިތަކުގައި ރަޒިއްޔާދައްތަގެ ގެއަށް ހަމީދު ވަޑައިގަންނަވާ ތަން ވެސް އާދަނަށް އެތައް ފަހަރަކު ފެނިފައިވެއެވެ.
"ދަރިފުޅާ!" އީސާފުޅު ބުންޏެވެ. "މިރޭ އިޝާނަމާދުން ފައިބައިގެން ބައްޕަޔާ އެއްކޮށް އެބަ ޖެހޭ ގެއަކަށް ގޮސްލަން. އެ ގެއިން ކާނީ ވެސް."
އާދަނަށް އެއީ އާ ކަމެއް ނޫނެވެ. މީސްމީހުން ގާތަށް އާދަނު ގެންގޮސް، މަސައްކަތް ދަސްކޮށްދޭން ބާރު އެޅުމަކީ ބައްޕަގެ އާދައެކެވެ. މައްސަލައަކަށްވީ ދެން ބައްޕަ ބުނި އެއްޗެވެ.
"ފެންވަރާ ނަލަވެގެން ހުންނާތި،" އީސާފުޅު އެދުނެވެ. "ބައްޕައަށް މިއަދު ލިބުނު ވަރަށް ވަސްމީރު އަތަރުފުޅިއެއް. އެ އަތަރު ލާނީ އިނގޭ! މި ފޮތިގަނޑު ޕާރުސަލުކޮށްލާ! މި ވެސް ގެންދަންޖެހޭނެ."
އީސާފުޅު ދިއްކޮށްލީ ރަތްތަގައްލާ ފޮތިގަނޑެކެވެ. އެއީ ކުލަގަދަ، ކެހެރި ޒާތުގެ މޮޅު ފޮއްޗެކެވެ. ނަލަވުމާއި އަތަރުލުމާއި ރަތްތަގައްލާ ފޮތިގަނޑު އެއްކޮށްލުމުން އާދަނަށް ފެނުނީ އެންމެ ނަންބަރެކެވެ. އެއީ ކައިވެންޏެވެ.
"ބައްޕަ ތި އުޅެނީ އަހަރެން މީހަކާ ދެވަންތަ؟" އާދާނު އެއްސެވެ.
"ދެން އެކުން މާ ވާހަކަ ގިނަ ނުކުރޭ!" އީސާފުޅު ބުންޏެވެ. "އަހަރުމެން ކޮންމެ ކަމެއް ކުރިޔަސް ކުރާނީ ހަމަ ދަރިފުޅަށް ރަނގަޅަކަށް. އެ ކަކުންޏެއް ހޮރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުން."
ވީ ގޮތް އާދަނަށް ވިސްނުނެވެ. ވަގުތުން މޭޒުމަތީގައި ފޮތިގަނޑު ބޭއްވިއެވެ. ބައްޕައަށް އަދަބު ކުޑަނުވާނޭ ގޮތުގެ މަތިން މަޑުމަޑުންނެވެ.
"ތިމާޔާ ނުބެހޭ ކަމަކާ ކާޅު ކެޔަސް ސޮއްނުގޮވާށޭ ދައްތަ ގާތުގަ ބުނޭ!" އާދަނު އެހެން ބުނެފައި، އެތެރެއަށް ނުވަދެ ގެއިން ނުކުތެވެ.
ތުއްތަނިކުގެ ތަޖުރިބާއަށް ބަލާފައި، ބުލޫބޭކަރީގެ މޭސްތިރިކަން ތުއްތަނިކާ ހަވާލުކުރިއެވެ. ބުލޫބޭކަރީއަކީ މުޙައްމަދުދީދީ އަތުން އުއްދަނޑި މޫސާފުޅު ކުއްޔަށްހިފި ތަނެކެވެ. އާދަން ކަލޭފާނު ވެސް ހިއްސާވާ ތަނެކެވެ. އެ ތަނުގައި ފާރޮށްޓާއި މަޑުފާރޮށްޓާއި ބަނަހާއި ބިސްކޯދު ފިހެއެވެ. ބުލޫބޭކަރީގެ ނަން އެ ތަނަށް ދެވުނީ މާ ފަހުންނެވެ. ކޮންމެއަކަސް ބުލޫބޭކަރީގެ ހިންގުން ތުއްތަނިކާ ހަވާލުވީމައި، ތުއްތަނިކު ކުރިން ހިންގި ސައިހޮޓާ ބަންދުކޮށްފައި، ބުލޫބޭކަރީއަށް އާދަނު ގެނައެވެ. އެ ތަނުގެ ސޭޓަކަށް ވެސް އާދަނު އިނދެއެވެ.
ގެއިން ކުރިމަތިވި ހާދިސާއިން ބޯހާސްވެގެން އާދަނު ބޭކަރީއަށް ވަނެވެ. ވަގުތަކީ ތަނުގައި ކަމޭދުން ގިނަ ވަގުތެކެވެ.
"އަހަނ!" ތުއްތަނިކު ބުންޏެވެ. "ނިދި ހަމަވީ؟"
"އާނ ގެއަށް ވަންތަނާ ނިދިފިލައިފި،" އާދަނު ބުންޏެވެ. "އަހަރެން އަތުން ދުވަހަކު ވެސް މީހަކު މަރުވަންޏާ މި އުޅޭ..."
ކުއްލިއަކަށް މަގުމަތީގެ ހަލަބޮލިކަން އިތުރުވިއެވެ. ދެ ފަޔަށް ބާރުލައިފައި އެންމެން ވެސް ހިނގަނީ އެއްދިމާއަކަށެވެ.
"ކިހިނެއްވެގެން މި އުޅެނީ؟" ތުއްތަނިކު ބުންޏެވެ. "އާދަނާ ދޭބަލަ ބަލައިލަން."
އާދަނު އިނީ ދާ ހިތުން ކެތްމަދުވެފައެވެ. ވަގުތުން ބޭކަރީން ނުކުމެގެން ހިނގައިގަތެވެ. މީހުންގެ ޗުކުޗުކުއެޅުވުމުން އެނގުނީ މެދުރާއްޖެތެރޭގެ ރަށަކުން ފަނޑިޔާރުގެއަށް މީހަކު ގެންނަ ކަމެވެ. ފަނޑިޔާރުގެ ހުންނަނީ ބަގީޗާގޭގެކުރިމަތިންނެވެ. ފަނޑިޔާރުގޭގެ އެއްބައި އޮންނަނީ ފަރީދީމަގަށެވެ. ފަނޑިޔާރުގެ ކައިރީގައި ބޮޑު އަނބުގަހެއް ހުރެއެވެ. މަންޒަރު ބަލަން އެއްވާ މީހުން ތިބީ ގަސްދޮށުގައެވެ. އާދަނު އެ ތަނަށް ދިޔަ އިރު ދޮންމަނިކު ވެސް އެ ތަނުގައި ހުއްޓެވެ.
"ކިހިނެއްވެގެން ކާކުތަ މި ގެންނަނީ؟" އާދަނު އެހިއެވެ.
"ދޮންކަނބުލޮޔޯ ކިޔަނީ،" ދޮންމަނިކު ބުންޏެވެ. "ޖިންސު ކަށަވަރުކުރާށޯ މި ގެންނަނީ."
"އޭނ؟" އާދަނަށް ބުނެވުނެވެ.
"އެހެރަ އަންނަނީ!" ދޮންމަނިކު ބުންޏެވެ.
އާދަނަށް ފެނުނީ، މެދުއުމުރަށް ވުރެ ތަންކޮޅެއް ހަގު ހެން ހީވާ އަންހެނެކެވެ. އޭނަ ހުރީ ދިވެހިލިބާހެއް ލާފައި، ކަނޑިއްކެއް އަނދެފައި، ބޮލުގައި ރުމާފަޅިއެއް އަޅައިގެންނެވެ. އިސްތަށިގަނޑު ދިގެވެ. ލިބާހަށް އައިބެއް ނޫނެވެ. ރަނޑު ހިނގުމެއްގައި ހިނގައިލާފައި ގޮސް ފަނޑިޔާރުގެއަށް އޭނަ ވަނެވެ. ދެނެއް ޚަބަރެއް ނުވިއެވެ.
"އެއީ ޒުވާން އަންހެނެއް." ވަރަށް ޔަގީންކަމާ އެކުގައި އާދަނު ބުންޏެވެ.
"ލޮލަށް ފެންނަ ކޮންމެ އެއްޗެއް ހަގީގަތަކަށް ނުވާނެ އާދަނާ،" ދޮންމަނިކު ބުންޏެވެ. "އާދަނު ކުރިމަތީގަ ހަފީޒާގެ ކައިވެންޏަށް ކަލޭފާނު ރުހުން ދިނީ. ހަފީޒާ ވެސް އެއްބަސް. އެކަމަކު ކިހިނެއް އެ ހަފީޒާޔާ ތި އާދަނާ އިންނާނީ؟ ނީނދެވޭނެ. އާދަނު ގަބޫލުނުކުރަންޏާ ފާލުބަލާ! އަތްބަލާ!"
އާދަނު އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު، ފަޑިޔާރުގެއިން ދޮންކަނބުލޮނުކުތް ތަން ފެނުނެވެ. އޭނަގެ ބޯހުރީ، ފިރިހެނެއްގެ ބޯކޮށާ ހެން ކޮށައިފައެވެ. ލިބާހުގެ ބަދަލުގައި އޭނަ ލައިގެން ހުރީ، އަތްކުރު ގަމީހެކެވެ. ކަނޑިކީގެ ބަދަލުގައި މުންޑެކެވެ. ފަނޑިޔާރުގެއިން ދޮންކަނބުލޮގެ ނަން ދޮންކަލޯއަށް ބަދަލުކުރެއްވިއެވެ. އޭނައަށް ކައިވެނި ކުރެވޭނީ އަންހެނަކާ ކަމުގައި ވެސް ނިންމެވިއެވެ.
"ވެރިންގެ ބާރު ފެނޭ؟" ދޮންމަނިކު އެހިއެވެ. "އަންހެނަކު ފިރިހެނަކަށް ބަދަލުކުރެވެންޏާ، އެ މީހުންނަށް ނުކުރެވޭނީ ކޮން ކަމެއް؟ އަޅެ މިހެން ހަދާބަލަ! ހަފީޒާ ގާތު ބުނޭ އިންނަން ބޭނުމޭ!"
"އެކަމަކު ހަފީޒާ ކިޔަވަނީއޭ!" ވިސްނާލައިފައި އާދަނު ބުންޏެވެ.
"މަދުރަސާއިން ކަނޑާލާ!" ދޮންމަނިކު ބުންޏެވެ.
"އިނދެގެން ގެނެސް ވައްދާނެ ތަނެއް ވެސް ނެތޭ!" އާދަނު ބުންޏެވެ.
"ތަން ބޭނުންވާނީ އިނދެވުނިއްޔާތާ!" ދޮންމަނިކު ބުންޏެވެ. "އެ މަލެއް ނުފޮޅޭނޭ އާދަނާ! ނީނދެވޭނެ."
ފެންވަރައި ނަލަވެގެން، ހަފީޒާ ދިން ހެދުން އަޅައިގެން، ބައްޕަގެ އަތަރުފުޅިން އަތަރުލައިގެން ހަފީޒާއާ ބައްދަލުކުރަން އާދަނު ދިޔައެވެ. ކައިވެނީގެ ވާހަކަ ދައްކަން ހިތުނިޔަތްގަނެގެންނެވެ. އޭރު "ފަންސިނަމާ" ގައި އަޅުވާފައި އޮތީ އަލްބޭލާއެވެ. ދަގަނޑު ހޮޅި އާއި ވަކަރާއި ފަން ބޭނުންކޮށްގެން ހަދާފައިވާ ފަންސިނަމާއަކީ ހަތްދިހަ ވަރަކަށް މީހުންގެ ޖާގަ އޮންނަ، ފަނަރަ ވަރަކަށް ފޫޓު ފުޅާ، ފަންސަވީހަކަށް ފޫޓު ދިގު ގެއެކެވެ. އެތެރޭގައި ހުންނަނީ ގޮނޑި ޖަހައިފައެވެ. އަތްގަނޑުލީ ދިގު ގޮނޑި ވެސް ހުރެއެވެ. އެއީ އެންމެ އަގުހެޔޮ ގޮނޑިއެވެ. އިސްކިރީނާ ކައިރިވާ ވަރަކަށް އަގު ބޮޑުވެފައި، ދުރުވާ ވަރަށް އަގުހެވެވެ. އެންމެ އަގުބޮޑު ގޮނޑިތަކުގެ އަގަކީ ފަންސާސް ލާރިއެވެ. ކިރިޔާ ފުދޭ ވަރުގެ ކުޑަ ޖަނަރޭޓަރަކުން ކަރަންޓު ނަގައިގެން ފިލްމު ދައްކަނީ ބޮޑުއިސްކިރީނުގައެވެ. ޝޯ އޮންނަނީ ރޭގަނޑު އަށެއްޖަހާ އިރުއެވެ.
"މާދަމާރޭ ފަންސިނަމާގަ އެބަ އަޅުވާ އަނާރުކަލީ!" ވާހަކައެއްގެ މެދުތެރެއިން އާދަނު ބުންޏެވެ. "ހިނގާބަލަ!"
"އަހަރެން ގެންދެވޭނެ؟" ހަފީޒާ ސުވާލުކުރިއެވެ.
"ކީއްވެ ނުގެންދެވޭނީ؟" ޖެހިލުމެއް ނެތި އާދަނު ބުންޏެވެ. "އެ ތަނުގެ ބޮޑަކަށް އުޅެނީ އަހަންމައިދީ. ފިލްމު ދައްކާ މެސިނު ހިންގާ ހަދަނީ އޭނަ. އަހަންމައިދީއާ އަހަރެން ތިމާގެ ވާނެ. ގެފުރިފަ ނެތިއްޔާ ވަދެވޭނެ. ހަފީޒާއަށް ކެރޭނެތަ ދާން؟"
"ކެރިދާނެ،" ރަކި ގޮތަކަށް ހަފީޒާ ބުންޏެވެ. "މާ ހާއްސަ ކަމެއް އޮތީތަ؟"
"އާނ!" އާދަނު ބުންޏެވެ. "ވަރަށް މުހިންމު ވާހަކައެއް ބުނަން ވެގެން. މިހާރު ވެސް އެ ވާހަކަ ބުނެވިދާނެ. އެކަމަކު ހާއްސަ ވާހަކައެއް ބުނަން ރަނގަޅު ވާނީ ހާއްސަ ތަނެއް."
ހަފީޒާ ހިނިތުންވެލާފައި ކުއްލިއަކަށް ބޭރު ފާރާ ދިމާއަށް ބަލައިލިއެވެ. އެ ފަހަރު ބޮލެއް ފެނުނީ ހަފީޒާއަށެވެ.
"އައްދެ! ކާކު ފާރުމަތިން ބޯއަރުވައިގެން އެހެރީ؟" ހަފީޒާ ބުންޏެވެ.
އާދަނު ބަލައިލުމާ އެކު ބޯ ތިރިކޮށްލިއެވެ. ދެނެކާ ދެނެއް ނެތެވެ. އާދަނު އުނދޯލިން ފައިބައިގެން ދުވެފައި ގޮސް ދޮރާށި ހުޅުވައިލާފައި ބޭރު ބަލައިލިއެވެ. (ނުނިމޭ)