މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް-ޓައިމްގައި ބާއްވާ ހާއްސަ މިއުޒިކް ޝޯގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ، ޝަކީރާ އަދި ކޭ-ޕޮޕްގެ ރަސްގެފާނުން ކަމަށްވާ ބީޓީއެސް އިން ޕާފޯމްކުރާނެ ކަން ފީފާ އިން އިއުލާންކޮށްފި އެވެ.

އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އަންނަ ޖުލައި މަހު 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފައިނަލް މެޗުގެ މި ޝޯއަކީ އެމެރިކާގެ "ސުޕަ ބޯލް"ގެ ހާފް-ޓައިމް ޝޯއާ އެއްގޮތަށް ބާއްވާ ފުރަތަމަ ޝޯ އެވެ.

"ކޯލްޑްޕްލޭ"ގެ ކްރިސް މާޓިން ކިއުރޭޓްކުރާ އެ ޝޯއާ ގުޅިގެން، މެޗުގެ މެދުކެނޑުން އާންމުކޮށް އޮންނަ 15 މިނެޓަށް ވުރެ ދިގުވެދާނެތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއީ ވޯލްޑް ކަޕް ފައިނަލެއްގެ ހާފް-ޓައިމްގައި މިފަދަ ބޮޑު މިއުޒިކް ޝޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އޭއެފްޕީން ބުނީ މި ޝޯއަކީ ފީފާގެ ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑަށް 100 މިލިއަން ޑޮލަރު ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ޝަކީރާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ލަވަ "ދައި ދައި"ގެ ކުރު ވީޑިއޯއެއް އާންމުކޮށްފަ އެވެ. ނައިޖީރިއާގެ ފަންނާނު ބާނާ ބޯއީއާ އެކު ތައްޔާރުކޮށްފައިވާ އެ ލަވަ މިއަދު ރަސްމީކޮށް ނެރޭނެ އެވެ.

ފައިނަލް މެޗު ކުޅޭ ހަފުތާ ބަންދުގައި ނިއު ޔޯކްގެ ޓައިމްސް ސްކޮޔާގައި ވެސް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ފީފާ އިން ރާވާފައިވާ ކަމަށް އޭއެފްޕީން ބުންޏެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާ އެކު ބާއްވާ އެންމެ ބޮޑު މުބާރާތެވެ. އެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 11 ގަ އެވެ.