ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ސްޕެއިންގެ ސަރުކާރުން ކުރި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާއިން އޭނާ ސަލާމަތްވެ، ޖޫރިމަނާގެ ގޮތުގައި އޭނާގެ އަތުން އަތުލި 55 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 64 މިލިއަން އެމެރިކާ ޑޮލަރު) އިތުރު އިންޓްރެސްޓާ އެކު އަނބުރާ ދެއްކުމަށް ސްޕެއިންގެ ހައިކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައަކީ 2011 ވަނަ އަހަރު ޝަކީރާ ސްޕެއިނަށް ދައްކަން ޖެހޭ އިންކަމް ޓެކްސް ނުދައްކާ އޮޅުވާލާފައިވާ ކަމަށް ބުނެ އެ ގައުމުގެ ޓެކްސް އިދާރާއިން ފެށި މައްސަލައެކެވެ. ސްޕެއިންގެ ގާނޫނު ބުނާ ގޮތުން  އެ ގައުމުގެ ޓެކްސް ދައްކަންޖެހޭ ރަށްވެއްސެއްގެ ގޮތުގައި ބެލެވޭނީ އަހަރެއްގެ ތެރޭގައި މަދުވެގެން 183 ދުވަސް މީހަކު އެ ގައުމުގައި ހޭދަކޮށްފިނަމަ އެވެ.

ނަމަވެސް ރިޕޯޓްތައް ބުނި ގޮތުގައި، 2011 ވަނަ އަހަރު ޝަކީރާ ސްޕެއިންގައި 183 ދުވަސް ހޭދަކުރިކަން ޓެކްސް އިދާރާއަށް ކޯޓުގައި ސާބިތުކޮށް ނުދެވުނެވެ. 

ޓެކްސް އިދާރާއަށް ސާބިތުކޮށްދެވުނީ ޝަކީރާ އެ އަހަރު ސްޕެއިންގައި އުޅުނީ އެންމެ 163 ދުވަހު ކަމަށެވެ. މީގެ އިތުރުން އެ އަހަރު ޝަކީރާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި 120 އަށް ވުރެ ގިނަ ކޮންސެޓް ބާއްވައި، ގިނަ ވަގުތު ދަތުރުފަތުރުގައި ހޭދަކޮށްފަ އެވެ.

ސްޕެއިންގެ ޓެކްސް އިދާރާއިން ބުނަމުން އައީ އެ ދުވަސްވަރު ޝަކީރާ އާއި ބާސެލޯނާގެ ކުރީގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުންނާއި، އޭނާގެ މާލީ މައިގަނޑު މަސައްކަތްތައް ހުރީ ސްޕެއިންގައި ކަމަށް ވާތީ، އޭނާއަކީ އެ ގައުމުގެ ރަށްވެއްސެއް ކަމަށެވެ.

ނަމަވެސް، ކޯޓުން ކަނޑައެޅީ އެ ދެމީހުންގެ ގުޅުމަކީ ކައިވެންޏެއް ފަދަ ގާނޫނީ ގުޅުމެއް ނޫން ކަމަށާއި، އަދި ޝަކީރާގެ ވިޔަފާރިގެ މައި މަރުކަޒަކީ ސްޕެއިންކަން ވެސް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މި ކާމިޔާބީއާ ގުޅިގެން ޝަކީރާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި އަށް އަހަރު އޭނާގެ އަބުރު ނަގާލުމަށާއި ނަފުސާނީ ގޮތުންނާއި ސިއްހީ ގޮތުން އޭނާއަށާއި އާއިލާއަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ސްޕެއިންގެ ދައުލަތުގެ އިދާރާތަކުން ބޮޑެތި ކެމްޕޭންތަކެއް ހިންގާފައިވާ ކަމަށެވެ.

އޭނާ އެއްވެސް އިރެއްގައި ޓެކްސް އަށް މަކަރު ހަދާފައި ނުވާނެ ކަމަށާއި، ކޯޓުގެ ނިންމުމުން އެ ހަގީގަތް ހާމަވެއްޖެ ކަމަށް ޝަކީރާ ބުންޏެވެ.

ޝަކީރާ ބުނި ގޮތުގައި، އޭނާގެ އުންމީދަކީ މި ނިންމުމުގެ ސަބަބުން، ޓެކްސް އިދާރާގެ ބާރުގެ ދަށުން ކުށްވެރިންގެ ގޮތުގައި ބަލައި ނިކަމެތިކުރަމުންދާ އާންމުންނަށް އިންސާފު ލިބުމަށް މަގުފަހިވެގެންދިއުމެވެ.

ޝަކީރާގެ ވަކީލު ހޯސޭ ލުއިސް ޕްރާޑާ ބުނީ މި މައްސަލަ ކޯޓުގައި ދިފާއުކުރާނެ މާލީ ތަނަވަސްކަން ޝަކީރާގެ ހުރި ނަމަވެސް، ޓެކްސް އިދާރާގެ މިފަދަ ހަރުކަށި އުސޫލުތަކުގެ ސަބަބުން އާންމު އެތައް މީހުންނަކަށް މާލީ ގޮތުން ގެއްލުން ލިބި، އެ މީހުންނަށް ނަފުސާނީ ގޮތުން ވެސް އަސަރުތައް ކުރަމުންދާ ކަމަށެވެ.

ހައި ކޯޓުން އެގޮތަށް ނިންމި ނަމަވެސް، ސްޕެއިންގެ ޓެކްސް އިދާރާއިން ވަނީ މި މައްސަލަ އެ ގައުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން ފައިސާ އަނބުރާ ނުދޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ވެސް، 2012 އާއި 2014 އާ ދެމެދުގެ އަހަރުތަކުގެ ޓެކްސް މައްސަލައެއްގައި ޝަކީރާ ވަނީ ޝަރީއަތަކަށް ނުގޮސް ސަރުކާރާ އެކު އެއްބަސްވެއް ހަދައި ހަތް މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކައިފަ އެވެ.

ޝަކީރާ އެ ފަހަރު ބުނެފައި ވަނީ އެ ފައިސާ ދެއްކީ ކުށަށް އިއުތިރާފުވުމުގެ ގޮތުން ނޫން ކަމަށާއި، އެއީ އޭނާގެ ދަރިންނާއި އަމިއްލަ ނަފްސުގެ ހަމަޖެހުމަށްޓަކާ ކަމަށެވެ.