23 އޮކްޓޯބަރ 2021 - 07:05
އަމިއްލަ ހަޔާތުގެ ވާހަކަ ކިޔައިދޭން އަމިއްލަ އަށް ފިލްމެއް ހަދާކަން މިދިޔަ އަހަރު އިއުލާންކުރި އެމެރިކާގެ ޕޮޕް ލަވައިގެ ރާނީ މެޑޯނާގެ ފިލްމުގެ ސްކްރިޕްޓް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުނެފި އެވެ.
ސްކްރިޕްޓާ އެކު ނަގާފައިވާ ފޮޓޯތަކަކާ އެކު 63 އަހަރުގެ ފަންނާނުން ބުނީ "މެޑަމް އެކްސް" ގެ ނަމުގައި ހަދަން ނިންމާފައިވާ އަމިއްލަ ބައޮގްރަފިކަލް ޑްރާމާގެ ސްކްރިޕްޓް އެއްކޮށްހެން ނިންމައިލެވުމަކީ ކާމިޔާބީއެއް ކަމަށެވެ، އަދި މިކަމުގައި އޭނާގެ ދަރިންގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ބުންޏެވެ.
އަމިއްލަ ހަޔާތުގެ ވާހަކަ، އަމިއްލަ އަށް ޑައިރެކްޓްކުރާ ފިލްމެއްގައި ކިޔައިދޭން ނިންމިކަން މެޑޯނާ އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ކުރިން ބުނެފައިވާ ގޮތުގައި "މެޑަމް އެކްސް" ގެ ސްކްރީންޕްލޭގެ މަސައްކަތްކުރަނީ މެޑޯނާއާ ގުޅިގެން ކުރާނީ ސްކްރީން ރައިޓަރު ޑިއަބްލޯ ކޯޑީ އެވެ. އޭނާ އަކީ "ޔަންގް އެޑަލްޓް" އާއި "ޖޫނޯ" ފަދަ ފިލްމުތަކުގެ ރައިޓަރެވެ. އެކަމަކު ސްކްރިޕްޓްގެ އެންމެ ފަހުގެ އަޕްޑޭޓް ގެނެސްދިން ޕޯސްޓްގައި މެޑޯނާ ޓެގް ކޮށްފައި އޮތީ 2002 ގެ އިރޮޓިކް ބްލެކް ރޮމޭންޓިކް ކޮމެޑީ ޑްރާމާގެ ސްކްރީން ރައިޓަރު އެރިން ކްރެޒިޑާ ވިލްސަންގެ ނަމެވެ.
އަމިއްލަ ބައޮގްރަފިކަލް ޑްރާމާ މެޑޯނާ އަމިއްލަ އަށް ޑައިރެކްޓްކުރާ އިރު، އޭނާ ކުރިން ދެ ފިލްމެއް ޑައިރެކްޓްކުރި އެވެ. އެއީ 2011 ގެ "ޑަބްލިއުއީ" އާއި 2008 ގެ "ފިލްތު އެންޑް ވިޒްޑަމް" އެވެ.
"މެޑަމް އެކްސް" ގައި މެޑޯނާގެ ރޯލު ކުޅޭނީ އޭނާ އަމިއްލަ އަށް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy