(ބުދަ ދުވަހާ ގުޅޭ)

އާދަނު އުނދޯލިން ފައިބައިގެން ދުވެފައި ގޮސް ދޮރާށި ހުޅުވައިލާފައި ބޭރު ބަލައިލިއެވެ. މުޅި މަގުގައި ވެސް އެ ވަގުތު ތިބީ ދެ މީހުންނެވެ. އެ މީހުން ތިބީ ފާރާ ތަންކޮޅެއް ދުރުގައި ނުވެސް ދެނަހުރި ކަމަށް ހަދައިގެން، ދެއަތް ފުރަގަހަށް ލައިގެންނެވެ. އާދަނު ވެސް ނުދެނަހުރި ކަމަށް ހެދިފައި، އެ މީހުންގެ މޫނު ވަކިވާ ވަރަށް ގާތަށް ޖެހިލިއެވެ. އެކަކީ ފޮނިތޮށި ދޮންއާދަނެވެ. އަނެކަކީ ދަބަރު މުހައްމަދުފުޅެވެ. މުހައްމަދުފުޅަކީ މަދަރުސަތުއް ސަނިއްޔާގެ ޕިޔޯނެކެވެ. މުހައްމަދު ހަމީދުގެ ވަރަށް އަރިސް މީހެކެވެ. ހަމީދުގެ ރޭގަނޑު ތާވަލުގައި ހިމެނޭ "ހާއްސަ" ކަންކަން ފަހިކޮށްދޭ މީހަކީ މުހައްމަދުފުޅެވެ. އެއިން އެކަކީ ވެސް އާދަނުގެ ރައްޓެއްސެއް ނޫންކަމުން އާދަނު ވާހަކައެއް ނުދައްކައެވެ.

ޖެހިގެން އައި ދުވަހު އާދަނު ގަލޮޅު އަވަށުވެރިގެއަށް ގެންދިޔައެވެ. ކޮންމެ އަވަށަކަށް ނެރެން ޖެހޭ އަމުރުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ އަވަށުވެރިގެއިންނެވެ. އެ ތަނުގައި ތިބެނީ ވަރަށް ބާރުގަދަ ބައެކެވެ. އާދަނު ހިތަށް އެރިއެވެ. އަވަށުވެރިގެއަށް އަހަރެން ގެންނަން ޖެހުނީ ކޮން ފަދަ ކުށެއް ކޮށްގެން ބާއެވެ؟ ކޮޅުފިލާގޮނޑީގައި އެތައް އިރަކު ބައިންދާފައި ސުވާލުކުރަން އާދަނު ވެއްދިއެވެ. 

"އާދަނަށް އެނގޭތަ މި ގެނެވުނީ ކީއްވެގެންކަން؟" ދޮހޮއްކޮ ވަރަށް ހަރުކަށި ރާގެއްގައި ސުވާލުކުރިއެވެ. 

"ނޫން! އަޅުގަނޑަކަށް ނޭނގޭ!" ހައިރާންވެފައި އާދަނު ބުންޏެވެ. "މި ތަނަށް ގެންނަންޖެހޭ ވަރުގެ ކުށެއް އަޅުގަނޑު ނުކުރަން."  

"އާދަނު މި ގެނައީ މަދަރުސާ ކުއްޖަކާ ހިތާވެގެން އުޅޭ ޚަބަރު ލިބިގެން،" ނިތްކުރިއަށް ރޫތައް އަރުވާލާފައި ދޮހޮއްކޮ ބުންޏެވެ. "ތެދެއްތަ އެއީ؟ ރޭގަނޑު ގެއަކަށް ގޮސް ވާހަކަ ދައްކަން އިންނަމުތަ؟"

"ލައްބަ! އެއީ ތެދެއް،" އާދަނު ބުންޏެވެ. "އެކަމަކު އަޅުގަނޑާ ރައްޓެހި ބައިވަރު އަންހެންކުދިންނާ ފިރިހެންކުދިން އުޅޭނެ. ގެއެއްގެ އުނދޯލީގަ ވާހަކަ ދައްކާލަން ތިބުމަކީ މައްސަލައެއް ކަމަކަށް ނުދެކެން."

"އަހަރެން މައްސަލައަކަށް ނިންމީމަ އެ ވާނީ މައްސަލައަކަށް،" މޭޒުމަތީގައި ފިސާރި ބާރަށް ޖަހާފައި ދޮހޮއްކޮ ބުންޏެވެ. "ކިޔަވާކުއްޖަކާ އެ ގޮތަށް ރޭގަނޑު އެކަނިމާއެކަނި ވާހަކަ ދައްކަން އިނުމަކީ މަނާކަމެއް. ސާފުވެއްޖެ؟ އޭނައަކީ އާދައިގެ ކުއްޖެއް ވެސް ނޫން. ހާއްސަ ކުއްޖެއް. އާދަނަށް ވެސް އެ ވަރު އެނގޭނެ."

އާދަނު ވިސްނައިލިއެވެ. ދޮންމަނިކު ދެއްކި ހުރިހައި ވާހަކައެއް އޭރު ވެސް ރަނގަޅަށް ހަނދާން ހުއްޓެވެ. އަންހެނެއް ފިރިހެނަކަށް ހެދެންޏާ ވެރީންނަށް ނުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެހެނަސް އާދަނު ހުރީ ދަހަނާ އަޅައިގެންނެވެ. ހަފީޒާއަށް ޓަކައި ހަނގުރާމައަށް ނުކުންނާކަށް އާދަނު ފަހެއް ނުޖެހުނެވެ. 

"އޭނައަކީ ކިޔަވާކުއްޖަކަށް ވަންޏާ އަޅުގަނޑަކީ ވެސް ކިޔަވާކުއްޖެކޭ އިނގޭތޯ،" ބުނަން ނުބުނަން އިނދެފައި އާދަނު ބުންޏެވެ. "ދެ ކިޔަވާކުދިން ވާހަކަ ދައްކާލަން ތިބުމަކީ މަނާކަމެއް ކަމެއް އަޅުގަނޑު ނުދެނަހުރިން." 

"ހާދަ އިދިކީލި ގޮތަކަށޭ ކަލޭ ތި ވާހަކަ ދައްކަނީ،" އާދަނާ ދިމާއަށް އިނގިލި ދިއްކޮށްލާފައި ދޮހޮއްކޮ ބުންޏެވެ. އަދި ދުރުގައި ހުރި މީހަކަށް ގޮވައިލިއެވެ. "ޕިޔޯނު! މީނަ ގެންގޮސް ގޭބަންދުކުރޭ!"

އަވަށުއޮފީހުން އާދަނު ގެންގޮސް ގޭބަންދުކުރިއެވެ. އާދަނު ކުޑަކޮށް ވެސް ބިރެއް ނުގަނެއެވެ. އެހެނަސް ވަރަށް ދެރަވިއެވެ. ހަފީޒާއާ ބައްދަލު ނުކުރެވޭނެތީއެވެ. ގޭބަންދުކުރީ ކިހައި ދުވަހަކަށް ކަމެއް ވެސް ޕިޔޯނު ނުބުނެއެވެ. ހަފީޒާގެ ހާލު ބަލައިލެވޭނެ ގޮތެއް، ވީ ގޮތް އަންގައިލެވޭނެ ގޮތެއް ވެސް އާދަނަކަށް ނެތެވެ. ރޭގަނޑު ހަފީޒާ އިންތިޒާރު ކުރާނެކަން އާދަނަށް އެނގެއެވެ. 

"ދޮރާށި ކައިރިއަކަށް ނުނިކުމެވޭނެ. ރައްޓެހިން ގެއަކަށް ނުވެއްދޭނެ،" ޕިޔޯނު ގަވައިދު ކިޔައިދިނެވެ. "އެންމެ ހާއްސަ ކަންތައް. ރޭގަނޑު އަށެއް ޖަހާ އިރު ކަލޭ ނިދަން ޖެހޭނެ."

ޕިޔޯނު ދިޔުމުން އާދަނު ދޮރާށި ކައިރިއަށް ނުކުތެވެ. މަގުގެ ދެކޮޅު ހޯދިއެވެ. ބޭނުމަކީ އާދަނު ގޭބަންދުކުރި ވާހަކަ އާއި ބައްދަލުކުރަން ނުދެވޭނެ ވާހަކަ ހަފީޒާ ގާތުގައި ބުނެދޭނެ މީހަކު ހޯދުމެވެ. ނަސީބު ދިމާކުރި ގޮތުން، އިރުއޮއްސުނު އިރު ވެސް އެ ކަހަލަ މީހަކާ ދިމައެއް ނުވިއެވެ. 

އަށެއް ޖަހާ އިރު ނިދަން އެންގީ ކީއްވެކަން އާދަނަށް އެނގެއެވެ. ހަފީޒާގެ ނަން އާދަނުގެ ހިތުން ފުހެލުމަށް ޓަކައެވެ. ނިދޭތޯ އާދަނު މަސައްކަތްކުރިއެވެ. ނުވައެއް ޖެހި އިރު ވެސް އެ ކަމެއް ނުވިއެވެ. އާދަނު ތެދުވިއެވެ. ރޯނުގައި އޮތް ކަނޑިއްކެއް ގައިގަ އޮޅައިގެން ގެއިން ނުކުތެވެ. 

ގޭގެއިން މަގުތަކަށް ތިރިވެފައިވާ މާގަސްތަކާއި އަނބުގޮފިތަކާއި ބޯވެލި ވެޔޮތަކުން ފަރުދާވެގެން ހަފީޒާގެ ގެ ފެންނަ ހިސާބަށް އާދަނު ދިޔައެވެ. ގެ ކައިރީގައި ދެ ފާރަވެރިން ބައިތިއްބާފައި ތިއްބެވެ. ދޮންއާދަނާއި މުހައްމަދުފުޅެވެ. ބަނޑުމުސާރައަށް ބައްދައި، އެ މީހުން ބަލިކޮށްފައި އާދަނަށް އެ ގެއަށް ވަދެވިދާނެއެވެ. ފަހުން އޭގެ ބަދަލު އަންނާނެއެވެ. އާދަނު ރަށަކަށް އަރުވައިލާނެއެވެ. އެ ހިސާބުން ހަފީޒާ ގެއްލުނީއެވެ. އެ ހުރިހައި ގޮތަކަށް ވިސްނައިފައި އާދަނަށް މަޖުބޫރުވީ އެނބުރި ގެއަށް ދާށެވެ.

މުހައްމަދު ހަމީދުއާ ދެކޮޅު ޝުއޫރުތައް ރަށު ތެރޭގައި ގިނަވާން ފެށިއެވެ. ގޭގައި އުޅޭ ރަށްރަށު މީހުންގެ ފަރާތުން އާދަނަށް އެ ޚަބަރުތައް ލިބެއެވެ. ކާބޯތަކެއްޗާއި އަންނައުނުގެ ދަތިކަމާއި އަށިގޭގެ ނުހައްގު އަދަބުތަކާއި ސަރުކާރުގެ އިސްރާފުގެ ވާހަކަ ދައްކާ މީހުން ގިނަވާން ފެށިއެވެ.

ހަމީދު މުނިފޫހިފިއްލެވުމަށް ކުރައްވާ ބޭކާރު ހަރަދުތަކެވެ. ބޭކާރު ދަތުރުފުޅުތަކެވެ. ދީނަށް ވުރެ ބޮޑަށް ކުޅިވަރަށް ދެއްވާ ޝައުގުވެރިކަމެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވާ އިރު ވެސް ޒުވާނުން ފުޓުބޯޅަ ކުޅެން ދޫކޮށްލައްވާފައި އޮންނަ އޮތުމެވެ. ފުޅިބައްތި އަލީގައި ރައްޔިތުން ބައިތިއްބާފައި، ފަންސިނަމާގައި ފަރަންޖީ ފިލްމު ދައްކަން ޖަނަރޭޓަރު ހުންނަ ވާހަކައެވެ. ދިވެހީން އިސްލާންދީނާ ފެޔަށް ޖައްސައި، ފަރަންޖީ ސަގާފަތް ދިރުވަން ހަމީދު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތެވެ. ނަފުރަތުގެ ހުޅުގަނޑު ބޮޑުވަމުން ގޮސް ބައެއް މީހުންގެ ހުޅުގަނޑު ފަޅައިގެން ވެސް ދެއެވެ. 

ފަންސިނަމާ ރޯކޮށްލުން އެއީ އެކަކު ބޭރުކޮށްލި އުދާސްގަނޑެކެވެ. އެ ކަން ކުރި މީހާ ފަޅާއަރައި، އޭނަ ހައްޔަރު ކުރިއެވެ. ފަނަރަ ދުވަހަށް ފަހު އަވަށުވެރިގެއަށް ގެންގޮސް ނަސޭހަތްދީފައި އާދަނު ދޫކޮށްލި އިރު ފަންސިނަމާ ހުރީ މަރާމާތު ކޮށްފައެވެ. ހަފީޒާއާ އެކުގައި ސިނަމާއަށް ދާން ނިންމިނިންމުން އާދަނު ހަނދާން ހުއްޓެވެ. ކައިވެންޏަށް އެހުން އަވަސްކުރަން އާދަނު ބޭނުމެވެ. އާދަނު ހީކުރީ، ރޭގަނޑުގެ ބަދަލުގައި ދުވާލު ހަފީޒާއާ ބައްދަލުކުރީމައި މައްސަލައެއް ނުޖެހޭނެ ކަމަށެވެ. 

ހަފީޒާގެ ގެއަށް ވަދެ، ފައި ދޮންނަން ހުއްޓައި އުނދޯލި ހެއްލޭ ހެން އާދަނަށް ހީވިއެވެ. އާދަނު ބަގީޗާ ތެރެއަށް ވަން އިރު ހަފީޒާ އުނދޯލީގައި އިނެވެ. އޭނަގެ ރީތި، ދިގު އިސްތަށިގަނޑު ބޮލުގެ ދެ ފަރާތުން ކުރިމައްޗަށް ގެނެސްފައި އޮތެވެ. މޫނުގެ ބައްޓަން ފާޅުވެ، ކަޅިރަވައިގެ ތޫނުކަން އިތުރުވެ، ޒުވާންކަން ފުރިހަމަވެފައިވެއެވެ. ފިޔާތޮށިކުލައިގެ ހެދުމުގައި ހަފީޒާގެ ތުންފަތް ފިނިމަލެއްގެ ކަރުގަނޑު ފަދައެވެ. ގިއުޅު އަތުކުރީގައި ހުރި ތަނޑިތަކުން އިވޭ އަޑު މިޔުޒިކެއް ފަދައެވެ. ވަޔާ ކުޅެން ދޫކޮށްލާފައި އޮތް ހެދުމުގެ ފުޅާ ފަސްބައި ރާޅުބާންޏެއް ފަދައެވެ. އާދަނު ފެނުމުން ހަފީޒާ ތެޅެމުންފޮޅެމުން އައިސް އާދަނު ގައިގައި ބައްދައިލިއެވެ. ނޫނެކެވެ. އެއީ އާދަނު ހީކުރި ގޮތެވެ. އެހެނެއް ނުވިއެވެ. ހިނިތުންވެލާފައި ހަފީޒާ އިނީއެވެ. އާދަނު އައިސް އުނދޯލި ކައިރީގައި ހުއްޓުމުން އާދަނަކަށް ތަނެއް ވެސް ނުދެއްކިއެވެ. އެއީ ހަފީޒާއާ ވަރަށް ނުގުޅޭ ކަމެކެވެ. އާދަނު ގޮސް ޖޯލީގައި އިށީނެވެ. ޖޯއްޔާއި އުނދޯއްޔާ ދެމެދުގެ ދެތިން ފޫޓު އާދަނަށް ދެތިން މޭލު ފަދައެވެ. 

"އާދަނު ފެނުނީމަ ވަރަށް އުފާވެއްޖެ!" ހަފީޒާ ބުންޏެވެ. 

އާދަނު ހިތަށްއެރިއެވެ. އެއީ ހަފީޒާ ދުލުކުރިން ބުނެލި އެއްޗެކެވެ. ހަފީޒާގެ މޫނާއި އަޑެއް އެ ކަމަށް ހެކިވެރިއެއް ނުވެއެވެ. ޔަގީނެވެ. އާދަނުގެ ހަފީޒާ އާދަނާ ދުރަށް ދާން ފަށައިފިއެވެ. 

"އަހަންނަށް އެނގޭ އާދަނު ދޫކޮށްލާ އިރަށް މި ގެއަށް އަންނާނެކަން،" ސުވާލު އުފެދޭ ކަހަލަ މޫނުމައްޗެއް އަޅައިގެން އިން ހަފީޒާ ބުންޏެވެ. "އެހެންވެ އިންތިޒާރުގަ މި އިންނަނީ. ނަސީބެއްނު އެހާ ގިނަ ދުވަސްނުވެ ސަލާމަތްވިކަން."

އާދަނު ހިތަށްއެރިއެވެ. ގޭބަންދުގެ ފަނަރަ ދުވަސް އާދަނަށް ފަނަރަ އަހަރު ފަދައެވެ. ހަފީޒާއަށް އެހެން ނުވީ ކީއްވެގެން ހެއްޔެވެ؟ އެތައް ޒަމާނެއް ކޮށްފައި އަލުން ބައްދަލުވި ފަހަރު ޝަކުވާ ކުރާކަށް އާދަނު ބޭނުމެއް ނޫނެވެ. ހިތްފުރެންދެން ހަފީޒާ އަށް ބަލަހައްޓައިގެން އިނުން މާ ހިތަށްފަސޭހައެވެ. އާދަނު ކުރީ އެ ކަމެވެ. ހުރިހައި ވާހަކައެއް ދެއްކީ ހަފީޒާއެވެ. 

"އަން!" ނޫސްކަރުދާހުގައި ބަންދުކޮށްފައިވާ ޕާރުސަލެއް ދިއްކޮށްލަމުން ހަފީޒާ ބުންޏެވެ. 

"ތީ ކޯޗެއް؟" އާދަނު އެހިއެވެ. 

"އަވަށު ފައިބޯޅަ މުބާރާތް ފެށެނީނު،" ހަފީޒާ ބުންޏެވެ. "މި ހަރުވާޅު ލައްޗޭ!"

ބޯޅަކުޅެން ލާނެ އެއްޗެއް އާދަނު އަތަކު ނެތެވެ. ހުރީ މުންޑެވެ. ހަފީޒާއަށް އެ ކަން އެނގުމަކީ އާދަނު އުފާވިކަމެކެވެ. އެހެނަސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. 

"ފަންސިނަމާގަ އަދި ވެސް އޮތީ..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 

"ދަނީ އިނގޭ!" އުނދޯލިން ތެދުވަމުން ހަފީޒާ ބުންޏެވެ. "ދާނަން ފައިބޯޅަކުޅޭ ތަން ބަލަން. ބާރަށް ބޯޅަޖަހާތި!"

"ފޫހިވީ؟" ނީނދެވިގެން އާދަނަށް އެހުނެވެ. 

"އުހުނ! މި ދަނީ ފަޗިސްކުޅެން. ހެޔޮތަ؟" ހަފީޒާ އެހިއެވެ. 

"އާނ ހެޔޮ! އެކަމަކު ކުޑަ އެދުމެއް އެބަ އޮތް. އަހަރެންގެ ހިތާ ނުކުޅޭތި!" އާދަނު ބުނެލިއެވެ. 

އޮލިންޕަސް ކިޔާ އާ ސިނަމާއެއް ހެދުމުގެ މަސައްކަތް ފެށުނެވެ. އެ ކަމަށް ހަމަޖެހުނު ބިމަކީ ބޮއިދޮންމަނިކުގެ ގެ ހުރިތަން ވީމައި، އޭނައަށް ބަދަލުދެއްވީ މަޖީދީ މަގުން ގުރީންގަހުވަ ހޮޓާ ހަދާފައި ހުރި ތަނެވެ. އެ ގެއާ ޖެހިގެން ދެން ހުންނަނީ ބަތް ކާސިމުގެ ގެއެވެ. އޭނަ ވަރަށް ގިނައިން ގަލޮޅުމައިޒާނުގައި އަނގަތަޅަން އިނދެއެވެ. ފިކުރަކަށް ގެއްލިފައި ހުރެ އެ ހިސާބަށް އާދަނަށް ދެވުނެވެ. 

"ހުރިހާ ވެސް މައްސަލައަކީ އެއީ،" ގާތުގައި އިން މީހާޔާ ދިމާއަށް ކާސިމު ބުނި އަޑުއިވުނެވެ. "ވެރިން މި ތިބެނީ ބުންބާމީހުން އަތުން ދަރަންޏަށް މުދާ ނަގާނަގާ އެ މީހުންގެ ދަށުވެފަ. ބުންބާމީހުން ހިތުހުރި ގޮތަކަށް ކަންތައްކުރާ އިރު ވެސް ފިޔަވަޅެއް ނޭޅޭ! ސިފައިންގެ ވެރިޔާ ހަމަ ފިނޑީ! މި ވެރިކަން އެބަ ޖެހޭ ވައްޓާލަން."

އެ ހިސާބުން އާދަނު އަންނަ ތަން ކާސިމަށް ފެނުނެވެ. 

"އޭ އާދަނާ!" ކާސިމު ގޮވައިލިއެވެ. "އައިސްބަލަ އައިސްބަލަ!"

އާދަނު އައުމުން ޖޯއްޔެއް ދައްކާފައި އިށީންނަން ބުންޏެވެ. އާދަނު އިށީނެވެ. 

"ވާހަކައެއް އަޑުއަހައިފީމޭ!" ކާސިމު ބުންޏެވެ. "ހަމީދު އުޅުއްވަނީ ހަފީޒާއާ ހިތްޕުޅާވެގެންނޯ!" (ނުނިމޭ)