(އާދިއްތަ ދުވަހާ ގުޅޭ)

"ހަމީދު އުޅުއްވަނީ ހަފީޒާއާ ހިތްޕުޅާވެގެންނޯ!" ކާސިމު ބުންޏެވެ. މަލާމާތުގެ ރާގެއްގައެވެ. "ތެދެއް އުތަ؟"

އެހެން ނުވާންވީ ސަބަބެއް އާދަނަކަށް ނުވިސްނެއެވެ. ސަބަބަކީ ހަފީޒާގެ ރީތި ކަމާއި ހަމީދުގެ ކަށީގައި ހިފާފައިވާ އާދައެވެ. 

"އަހަންނާ ކޮން ބެހޭ ކަމެއް؟" އެހެން ބުނި އިރު ކާސިމުގެ މޫނަށް ބަލާކަށް އާދަނަކަށް ނުކެރުނެވެ. "ހަމީދު އުޅުއްވާނެ ގޮތަކަށް އުޅުއްވަފާނެއްނު. އެ ބޭފުޅާގެ ގައުމު. އެ ބޭފުޅާގެ ރައްޔިތުން. ކޮށްޓަވާފަ ކާޅަށް ކާން ދެއްވަން ވެސް ހުންނަވާނީ ހަމަ އެ ބޭފުޅާއެއްނު. ނުބެހޭ ކަންތަކާ ނުބެހުނިއްޔާ އެންމެ ރަނގަޅުވާނީ."

އެއީ އާދަނު ދޭން ބޭނުންވި ޖަވާބެއް ނޫނެވެ. ހަފީޒާގެ ލޯތްބަށް ޓަކައި ކިތަންމެ އުސް އޮޅިޔެއް ގިރާކުރަން ވެސް އާދަނު ހުރީ ތައްޔާރަށެވެ. 

"އާދަނު ތިޔަ ހީކުރަނީ އަހަންނަށް ދޮންކަޅުމިން ވެސް ނޭނގޭނެކަމަށް ދޮތަ؟" ކާސިމު ވައިއަޑުން ބުނެލިއެވެ. "އާދަނު އަވަށުވެރިގެއަށް ގެންދިޔަކަން އަހަރެން ދެނަހުރީމޭ! އެ މީހުން ކަލެޔަށް އެބަ ފާރަ ވެސް ލާ! މަ ބުނާނެ ވާހަކައެއް ނެތް. ނަމަނަމަ ދޫނުދޭތި! ކަމެއް ބޭނުންވެއްޖެއްޔާ އަހަރެން ވެސް އެބަ ހުރިކަން ހަނދާން ބަހައްޓާތި! ލަދެއް ގަންނާނެ ކަމެއް ނެތް. މި ތަނުން އަހަންނާ ދިމާވާނެ. ބުންބާމީހަކަށް ނުވިޔަސް އަހަންނަށް ވެސް ކޮށްދެވޭނެ ކަންކަން ހުންނާނެ."

ކާސިމުގެ އެހީއަކަށް އާދަނެއް ނޭދެއެވެ. އެ ފަދަ ދުވަހެއް އަތުވެދާނެ ކަމަށް ވެސް އާދަނު ހިޔެއް ނުކުރެއެވެ. ކޮންމެ ކަމެއް ކުރަން ޖެހުނަސް އާދަނަށް އެ ކަމެއް ކުރެވޭނެއެވެ. އެހެނަސް، ކާސިމު ދެއްކި ވާހަކަތައް އާދަނަށް ގަބޫލު ކުރެވެއެވެ. މާލޭގެ ހުރިހާ ބޮޑެތި މީހުން ތިބީ ބުންބާމީހުންގެ އަތުން ދަރަންޏަށް މުދާ ނަގައިގެންނެވެ. އެއީ ހަގީގަތެވެ.

ރޯދަމަހާއި "ތިންފިހާރަގޭ" ކައްކާ މަސް ވެސް އާދެއެވެ. އެ މަހުގައި ކައްކާނީ ބުންބާމީހުންގެ ތިން ފިހާރަ ބައިވެރިވެގެންނެވެ. އެ މީހުންގެ މުއްލާ އުޅޭ ދެ ބުރި ގެ ހުންނަނީ އަތިރިމާފަންނުގެ ކައިރީގައެވެ. ބުންބާމިސްކިތުގެ އިރުން އޮންނަނީ ބޮޑު ހުސް ގޯއްޗެކެވެ. ތިންފިހާރަގެ ހަދައިފައި އޮންނަނީ އެ ގޭގައި ހަދައިފައި ހުންނަ ބަދިގެއެއްގައެވެ. ކާން އިށީންނަން ބިންމަތީގައި ހުންނަނީ ކުނާ އަޅައިފައެވެ. 

ބޮޑެތި ތެލި ބަހައްޓައިގެން ކައްކާފައި، ސަރުކާރުގެ ހުރިހައި ބޮޑެތި ބޭފުޅުންނަށް ބޮޑެތި ދޮލަގު، އެއާ ޖެހުނު މީހުންނަށް ކުދި ދޮލަނގު ފޮނުވައެވެ. ދޮލަގު ހުންނަނީ ބޮޑު ފޮތިގަނޑެއް އޮޅައި ކޭމެއް ހެން ތައްޔާރުކޮށްފައެވެ. އޭގެ ދޮލަނގަކުން ދިހަ ވަރަކަށް މީހުންނަށް ކެވޭނެއެވެ. އެ ދޮލަނގުގައި ކުކުޅުރިހަ އާއި ބަކަރިރިހަ އާއި މަސްރިހަ އާއި ބިސްރިހަ އާއި ކަލިޔާބިރިންޖީ އާއި ބޮޑުފިޔާ ސަޓަންޏާއި ޕާޕަރާއި ހަލުވިދާ ހުރެއެވެ. ބޮޑެތި ގޭގެއަށް ފޮނުވާ ދޮލަނގު ބޮޑެތިކަމުން ދޮރަކުން ނުވެއްދެއެވެ. ވައްދަނީ ފާރުމަތިންނެވެ. އެއް ދެ މީހުން ފާރު މައްޗަށް އަރާފައި، ތިރިން ދޮލަނގު ދިއްކުރުމުން ފާރު މަތީގައި ބަހައްޓަނީއެވެ. ދޮލަނގު ދިއްކުރި ދެ މީހުން ގޭތެރެއަށް ވަނީމައި އަލުން އެ މީހުންގެ ބޯމަތީގައި ބަހައްޓަނީއެވެ. 

ރައްޔިތުން ތިބެނީ ބުންބާމީހުންގެ އަޅުންނަށް ވެފައެވެ. ވިޔަފާރީގައި ބުންބާމީހުން ބޭނުން މަކަރެއް ހަދަންވީއެވެ. އެ މައްސަލައެއް ނުބެލެއެވެ. ބެލިޔަސް އެކަށީގެންވާ ފިޔަވަޅެއް ނޭޅެއެވެ. ރައްޔިތުންނަށް އެ ކަން އެނގެއެވެ. އެއްޗެއް ބުނެގެން ލިބިދާނެ ގެއްލުމަކަށް ތައްބައްދައިގެން ތިބެނީއެވެ. 

ދުނިޔެއަކީ ދާއިމީ ތަނެއް ނޫނެވެ. އިންސާނުން މަރުވާނެއެވެ. އިމާރާތްތައް ވީރާނާވާނެއެވެ. ކަންކަން ވެސް އަބަދު އެއްގޮތަކަށް ނޯންނާނެއެވެ. ދިވެހީންގެ ކެތްތެރިކަން ކޮޅުންލީ ދުވަހަކު، ބުންބާމީހުންގެ ބަޔަކު ފަހައިގަތެވެ. އެ ތިން މީހުން ދުވެ ގޮސް ބުންބާމިސްކިތަށް އެރިއެވެ. ހެންވޭރު ބޮޑުނުލަފާ ވެސް ފަހަތުން މިސްކިތަށް އެރިއެވެ. ތިން ފޫޓެއް ވަރުގެ ކުޑަދޮރުގައި ޖަހާފައި ހުރި ލަކުޑި ތޭރި ދަމައިގެންފައި ބުންބާމީހެއް ގައިގައި ތަޅައިގަތެވެ. އޭރު ސިފައިންގެ ވެރިޔަކަށް ހުންނެވީ ފަރީދެވެ. އެ ފަހަރު މައްސަލަ ނިމުނީ ބުންބާމީހުންގެ ތިން މީހުން ގައުމަށް ފޮނުވައިލާ ގޮތަށެވެ. ބުންބާމީހުންގެ "ދަރުބުރި" ކިޔާ ބޯޓެއް އޮވެއެވެ. އެ މައްސަލައިގައި "ހުދުހާ" ފިހާރަ ބަންދުކޮށް، ތިން ބުންބާމީހުން ދަރުބުރި ބޯޓުން ރާއްޖެއިން ފޮނުވައިލިއެވެ. އާދަނަށް އެ މަންޒަރު ވެސް ފެނުނެވެ. އާދަނު ހިތަށް އެރިއެވެ. ހައްގު ހޯދަން ދިވެހީން ތަސައްރަފު ފުދެނީއެވެ. އެއީ ބަދަލެއްގެ ކޮޅުމައްޗެވެ.

ހަފީޒާގެ ގެއަށް ދިޔުން އާދަނު ހުއްޓައިލިއެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން އިނދެވުނީ، މަހަށް ދިޔަ ދޯނީގެ ކޮޅުފަސްކޮޅުގައެވެ. ހުންގާނު ކައިރީ ފޫހަރާލައިގެން ވިސްނަން އިންދައި، ދުރުދުރުން އޮޔާދާ އެއްޗެއް އާދަނުގެ ލޮލުގައި އަޅައިގަތެވެ. ފުރަތަމަ ފެނުމާ އެކު ވެސް އެއީ ކޯޗެއްކަން އާދަނަށް އެނގުނެވެ. ދެކި ފަރިތަ އެއްޗަކަށް ވީތީއެވެ. 

"އަންބަރެއް!" އާދަނު ހަޅޭއްލަވައިގަތެވެ. "ދޯނި އަނބުރާ!"

ދޯނިން ދަތުރުކުރި ހަތަރު މީހުންނަށް ވެސް އެހެން ހީވުމުން ދޯނި އަނބުރައިލިއެވެ. ދެފެން ދޭތެރޭގައި އޮތް އެއްޗާ ދިމާއަށް ދޯނި ދުއްވަން ފެށިއެވެ. 

"ނޫނޭ އާދަނާ! ކަލޭތީ ނަސީބުގަދަ މީހެއް،" އެހެން މީހަކު ބުންޏެވެ. "އެއްދުވަހު ގޫޑުހަކުރު، އަނެއް ދުވަހު އަންބަރެއް. ތީ މި ދޯނީގެ ނަސީބު."

"އެއީ ހުދުއަންބަރެއްކަން ޔަގީން ކަށަވަރު،" ކެޔޮޅު ބުންޏެވެ. "އެކަމަކު އަހަރުމެންނަކަށް ތިއިން ކުނޑިފުކެއް ވެސް ނުލިބޭނެ. ތިޔަ ގެންދަން ޖެހޭނީ ބަނޑޭރިގެއަށް. އެހެން މީހަކު ހުރިހާ ފޮންޏެއް ބޯނީ."

ކަނޑުން ނެގި އިރު އެ މާވަހަރު ހަތަރު ރާތަލަށް ވުރެ ބަރުވާނެ ކަމަށް އާދަނު ލަފާކުރިއެވެ. 

"އެނގިދާނެތާ ވާ ގޮތެއް،" އާދަނު ބުންޏެވެ. "ކަލޭމެން ތިބޭ ދޯނީގަ. އަހަރެން ދާނަން ބަނޑޭރިގެއަށް."

ނާއިންސާފު އާންމުވެފައިވާ ރާއްޖޭގައި ތަފާތެއް ދެއްކިދާނެ ކަމަށް އާދަނު ހީކުރިއެވެ. ދެން ތިބި މީހުން ވެސް އުންމީދުކުރިއެވެ. މާލެ އަށް ލެފުމާ އެކު، މާވަހަރު ހިފައިގެން އާދަނު ބަނޑޭރިގެއަށް ދިޔައެވެ. ބަނޑޭރިގެއިން މާވަހަރާ ހަވާލުވީ އުންޑަ ހުސޭނެވެ. ނަމުގެ ކުރިޔަށް އުންޑަ ކިޔެއް ކަމަކު އޭނައަކީ ހޯލިކޮޅެއް ހެން ހުންނަ މީހެކެވެ. ތަޅުންގަނޑު މަތީގައި މާވަހަރު ބާއްވައިގެން ހުސޭނު ވަރަށް ރަނގަޅަށް ބެލިއެވެ. 

"ކީއްވެ މި ތަންކޮޅު ނެއްޓިފަ މި އޮތީ؟" ޝައްކުގެ ނަޒަރަކުން އާދަނަށް ބަލައިލަމުން ހުސޭނު ސުވާލުކުރިއެވެ. "ކަލޭ އެތިކޮޅެއް ވަގަށް ނެގީ އުތަ؟ އެއީ ދުއްރައިން ތަޅާ ވަރުގެ ކުށެއް ކަމެއް އާދަނަކަށް ނޭނގޭތަ؟"

"އަހަންނެއް އެއްވެސް ތަންކޮޅެއް ނުނައްޓަން،" އާދަނު ޖަވާބު ދިނެވެ. "އެކަމަކު ބުނެފާނަން ވާހަކައެއް. މީ އަހަރުމެން ހޮވި އެއްޗެއް. ބަނޑޭރިގެއަށް މި ނުގެނެސް، މި ހިފައިގެން ބަންގާޅަށް ގޮސް ވިއްކާލި ނަމަވެސް ހުސޭނަކަށް ނޭނގުނީސް. ނުލާހިކު ރަނގަޅު އަގުގަ ވިކޭނެ. ހުސޭނު ވެސް މި ފަހަރު ޖެހޭނެ ރަނގަޅު އަގެއް ދޭން."

މާވަހަރު ހިފައިގެން ހުސޭނު އެތެރެއަށް ވަނެވެ. ދެން ނުކުތީ މުންޑަކާ ފޮށައެއް ހިފައިގެންނެވެ. 

"މީ ލިބޭނެ އެއްޗަކީ!" ހުސޭނު ބުންޏެވެ. 

ހުސޭނަށް ވިސްނައިދޭން އާދަނު ވަރަށް ވާހަކަ ދެއްކިއެވެ. އެހެނަސް ބޮޑު ލާރިއެއް ވެސް ނުލިބުނެވެ. އާދަނަށް ކުރެވުނުހައި ވެސް ކަމަކީ، ދޯނީގައި ތިބި ކޮންމެ މީހަކަށް މުންޑަކާއި ފޮށައެއް ހޯދުމެވެ. އެ ވެސް ދިނީ، އެ މީހުންގެ އަތަށް ނޫނީ ނުދޭން އެތައް ބަހަނާއެއް ދައްކާފައެވެ. އަންނައުނު ހިފައިގެން މާޔޫސްކަމާ އެކު އާދަނު ދޯންޏަށް އައެވެ. އެއްބަޔަކު އުފަލާ އެކު ގަބޫލުކުރިއެވެ. އަނެއް ބަޔަކު ފުސްމޫނުހަދައިގެން ތިބީއެވެ. 

"ރާކަނިމަސް ކެވިއްޖެ؟" ކެޔޮޅު ބުންޏެވެ. "ބަނޑޭރިގޭ ދޮރުމައްޗަށް އަރާ އިރު ހުންނާނެ ބޮޑު ގެއެއް. އެ ގޭގެ މެދުގަ ހުންނާނެ ބޮޑު ކޮޓަރިއެއް. އެ ކޮޓަރީގަ އޮންނާނެ، އުނަގަނޑުތާ ފެން ހުންނަ، ބޮޑު ވެވެއް. ހޮވާ ހުރިހާ މާވަހަރެއް އޮންނާނީ އެ ވެވަށް އަޅައިފަ. މާވަހަރު ހިކިގެން ލުއިވެދާނެތީ."

"ލުއިވިއްޔާ ކިހިނެއް ވަނީ؟" މީހަކު ސުވާލުކުރި އަޑުއިވުނެވެ. 

"ކިލެގެފާނުގެ ޖީބަށް ބަރެއް ނުވާނެއްނު،" ޗޮކެއް ކަނޑާފައި ކެޔޮޅު ބުންޏެވެ. "ކިލެގެފާނަކީ ސަރުކާރުގެ ބޮޑުބަނޑޭރި. ހަމީދުގެ ބޮޑުބޭބެ. މިހާރު އެބަ އުޅުއްވާ މާލޭގަ. ހަވީރު ދޭބެލަ ކުޅިބަލަން އެ ގޭދޮށަށް. ހިތަށް އަރާނެ ސަހަރޯއޭ! ލޮލުގަ އަނދުންއަޅުވާ ވާހަކަ އަޑުއަހަމެއްނު ދޯ! އޭނަ ލާނީ ބޮލާކީނި."

ހަވީރުވީ އިރު އާދަނު ހުރީ ކިލެގެފާނުގެ ގެ ކައިރީގައި، މަގުގެ އަނެއް ފަރާތުގައެވެ. ކިލެގެފާނުގޭ ދޮރުމަތީގައި އެއްތެޔޮ ފުރި، އަތްގަނޑު ލީ ގޮނޑިއެއް ހުއްޓެވެ. ފާރު ކައިރީގައި، ކަނޑިކި ފޮތިގަނޑެއް އަޅާފައިވާ، ހަނި ދިގު މޭޒެއް ހުއްޓެވެ. މޭޒުގެ އެއްކޮޅުގައި ކުނބޯހާޖީ އާއި ޝުކުރު މަނިކު ހުއްޓިލައިގެން ތިއްބެވެ. އަނެއް ކޮޅުގައި ހުރީ ކުޑަދޮންމަނިކު މާލިމީއެވެ. ފޫޅުއާދަންފުޅާއި ބަޖިޔާ ބޭހޮއްކޮ ފަދަ މީސްމީހުން، ކިލެގެފާނު ގޮނޑީގައި އިށީންނަވާތޯ ބަލަން ދުރުގައި ތިއްބެވެ. އެއީ ގުޅަ އާއި ބޯކިބަލާއި ދޮންކެޔޮކަޖޫ އާއި ޒިލޭބީ ވިއްކާ މީހުންނެވެ. 

އިރުކޮޅަކުން ކިލެގެފާނު ނުކުންނަވައިފައި ގޮނޑީގައި އިށީންނެވިއެވެ. ހަމަ އިށީންނެވުމާ އެކު، ދޮލަގުތައް ހިފައިގެން ކިލެގެފާނު ކުރިމަތިން މީހުންތައް ހިނގަން ފެށިއެވެ. ދުވަސްވަރުގެ ގޮތުން ދޮލަނގުތައް ތަންކޮޅެއް ފަގީރެވެ.

"އޭ! ގެނެބަލަ ގެނެބަލަ!" ދޮލަނގު ހިފައިގެންދާ މީހުންނަށް ކިލެގެފާނު އެންގެވިއެވެ. "ތި ދޮލަނގުތައް މޭޒުމަތީ ބަހައްޓަބަލަ!"

ދޮލަނގުތައް ފޮތިގަނޑުން ބަންދުކޮށްފައި ހުންނަ އިރު ވެސް ހެދިކާތަކުގެ މީރުވަހުން ހީވާނީ ބަނޑުފުރިއަރައިފާނޭހެންނެވެ. 

"ފޮތިގަނޑު މޮހާލާ!" ކިލެގެފާނު ބުނުއްވިއެވެ.

އެ ދަނޑިވަޅަށް ފާރަލާ ބަޔަކު ތައްޔާރަށް ތިއްބެވެ. ފޮތިގަނޑު މޮހާ އިރަށް އެ މީހުން މޭޒު ހުރަސްކުރަން ފެށިއެވެ. ކަޅި ހުންނަނީ ކިލެގެފާނަށެވެ. 

"އޭ ކޮއްކޯކޮއްކޯ! އާދެބަލަ އާދެބަލަ!" ކިލެގެފާނު ބުނުއްވިއެވެ. "މީން އެއްޗެއް ކާލަބަލަ!"

އެ ވަގުތު މަގުހިނގާ ހުރިހައި އެންމެންގެ ހައިހޫނުކަން ފިލުވައިދިނީ ކިލެގެފާނެވެ. އާދަނު ފިޔަވައެވެ. އާދަނު ދުރުގައި ކުޅިބަލަން ހުރީއެވެ. މީހަކު ފައިސާގެ އެހީއަކަށް އެދުނު ނަމަ ކިލެގެފާނު ވިހި ރުފިޔާ ދެއްވައެވެ. އެ އޮންނަނީ އޮޅައިލައިފައި ބޭރުން ކަރުދާސްކޮޅެއް ލައިފައެވެ. އިރުކޮޅެއް ނުވެ ދޮލަނގުތައް ހުސްވިއެވެ. ހުސްވީމައި ދޮލަނގުތައް ގެނައި މީހުންނަށް ފައިސާ ދޭން ކިލެގެފާނު އެންގެވިއެވެ. އެ ކަން އެ ގޮތަށް ހަމަޖެހެނުވެ. 

އެ ފަދަ ކަންކަން ކުރައްވާތީ، ކިލެގެފާނު ދެކެ މީހުން ވަރަށް ލޯބިވެއެވެ. އާދަނަކަށް އެ ލޯތްބެއް ނުވެވުނެވެ. ސަދަގާތް ކުރުމަކީ ހެޔޮކަމެއް ކަމަށް އާދަނު ގަބޫލުކުރިއެވެ. މައްސަލައަކީ މުޅީން އެހެން މައްސަލައެކެވެ. އާދަނު ހިތަށްއަރައެވެ. މީހުން ސުވާލުކުރާ ނަމައެވެ. ބަނޑޭރިގެއަށް ވައްދާ ހުރިހައި މާވަހަރުތަކަށް ހަދަނީ ކިހިނެއް ހެއްޔެވެ؟ (ނުނިމޭ)