(ބުދަ ދުވަހާ ގުޅޭ)
ބަނޑޭރިގެއަށް ވައްދާ ހުރިހައި މާވަހަރުތަކަށް ހަދަނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހައި ކަމެއް އާދަނު އަހައިހޯދިއެވެ. ކިލެގެފާނު ފުރައިވަޑައިގަންނަވަންވީމައި މާވަހަރުތައް ނަގައި ވެވުގެ ދޫނިފަތް މަތީގައި އަތުރަން އަންގަވާނެއެވެ. ގޯނީގައި ބަންދުކުރުމުގެ ކުރިން މާވަހަރުން ފެން ހިއްކައިލުމަށް ޓަކައެވެ. ބޭރަށް ގެންދަވާނީ ދެ ގޯންޏެއް ހައި މާވަހަރު އެއްވީމައެވެ.
މާވަހަރުތައް ހިކެންވާ އިރަށް ގޯނި ތައްޔާރުކުރެއެވެ. ގޯނި ފަހަނީ ރިޔާކަނޑާ ފޮތިންނެވެ. އާންމު ހަނޑޫ ގޯނި ސައިޒުގެ ގޯންޏެވެ. ހަފުތާއެއް ހައި ދުވަހު ވެވުގެ ތުންފަތް މަތީގައި ބަހައްޓައިގެން ހިއްކާފައި މާވަހަރުތައް ގޯންޏަށް އަޅައެވެ. އެ ކަމުގައި އުޅެނީ ބޮޑުދޮންމަނިކު މާލިމީއާއި ހަކުރުހާޖީއެވެ. ސަރުކާރު ނަވުގައި ދެ ގޯނި ގެންގޮސް މިސްރަށް ވިއްކައިލައެވެ. ލިބޭ ފައިސާއަށް ކާޑުގެ ބާވަތްތަކާއި މުދާކޮޅެއް ވެސް ރާއްޖެ ގެނެއެވެ. އެހެނަސް އެއީ، ދެ ގޯނި މާވަހަރުން ލިބޭ ފައިސާޔާ އަޅައިބަލާ އިރު ދާދި ކުޑަ އެތިކޮޅެކެވެ.
މިސްރުގައި ދެތިން މަހެއް ވަންދެން ހުންނަވާފައި ކިލެގެފާނު މާލެވަޑައިގަންނަވާ ދުވަހަކީ ބޮޑު ދުވަހެކެވެ. ބޮޑުބޭބެއަށް މަރުހަބާ ކިޔުމަށް ޓަކައި، ހަމީދު އިސްވެ ހުންނަވައިގެން ހަތަރު އަވަށުގެ މައިޒާންދޮށުގައި ބަކަރިކަތިލައެވެ. ފަޅުއޮޑިފަހަރުގެ މީހުންނަށް ދާންދެން ބަތާއި ބަކަރިރިހަ ކާންދެއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބެނީ އުފަލުން ފޮޅިފައެވެ. އާދަނު ހިތަށް އަރައެވެ. ދެ ގޯނި މާވަހަރަށް ވީ ގޮތާ މެދު ނުވިސްނިޔަސް އެހެން ކަންކަމާ މެދު ރައްޔިތުން ވިސްނައިލާ ނަމައެވެ. މާލޭގައި އިތުރަކަށް ބިމެއް ނުހިއްކައެވެ. ބިން ގަނެވިއްކުމެއް ނޯވެއެވެ. ވީ އިރު ކިލެގެފާނުގެ އެހައި ބިން ގިނައީ ކީއްވެގެން ހެއްޔެވެ؟ ގަނޑުވަރު ގިނައީ ކީއްވެގެން ހެއްޔެވެ؟ އާދަނަށް އެ ހުރިހައި ކަމެއް އެނގެނީ، ހުރިހައި ކަމެއްގެ ތެރެއަށް ބޯބާނާތީއެވެ. ސަރުކާރާ ދެކޮޅަށް ތެދުވެ، އިދިކޮޅު މީހުންނާ އާދަނު ބައިވެރިނުވާ ހަމަ އެކަނި ސަބަބަކީ ހަފީޒާގެ ލޯތްބެވެ. ހަފީޒާއަށް ޓަކައި އާދަނު ދެ ލޯ މަތީގައި ފޮތި އޮޅައި، ކަންފަތަށް ކަފަޖަހައި، އަނގައިގަ މަލަން އަޅަން ވެސް ތައްޔާރެވެ.
ހަފީޒާޔާ ބައްދަލުކުރަން އާދަނަށް އޮންނަ ދެ މަގުން އެއް މަގު ބަންދުވިއެވެ. ރެޔާއި ދުވާލު ބަޔަކު ފާރަލާން ތިބޭތީ، ހަފީޒާގެ ގެއަށް ދިޔުން އާދަނު ހުއްޓައިލިއެވެ. ބާކީ އޮތް ހަމަ އެކަނި މަގަކީ، މުހައްމަދު ހަމީދު އާންމުކޮށް ވަޑައިގަންނަވާ ފެންފަރުދާގެއެވެ. އެއީ ވެސް ފިނިފެންމަލުގެ ދާނެއް ނޫނެވެ. ބައްދަލުކުރަން ޖެހެނީ ސިއްރުންނެވެ. އަބަދާއަބަދު ކަޅިމަތިބަލަން ޖެހެއެވެ.
މެންދުރުފަހެއްގެ ވަގުތެވެ. އާދަނާއި ހަފީޒާ ތިބީ ފެންފަރުދާގޭގައި ތިންހަމަ ކުޅޭށެވެ. ކުޑަ މޭޒުގެ ދެކޮޅުގައި، ތިންހަމަގޮނޑިއަށް ބަލަން އިސްޖަހައިގެން ތިބެ ވާހަކަ ދައްކާ އިރު، ދުރުން މީހަކު ބެލިޔަސް ވާހަކަ ދައްކާ ކަމެއް ނޭނގޭނެއެވެ.
"ހަފީޒާ މިހާރު އަހަރެން ދެކެ ފޫހިވަނީތަ؟" އާދަނު ސުވާލުކުރިއެވެ.
"އަހަރެން ހީކުރީ އާދަނު ކަމަށް ފޫހިވަނީ،" ހަފީޒާ ބުންޏެވެ. "އާދަނަށް އެނގޭނެ އަހަންނަށް އާދަނުގެ އެންމެ ކަމުދިޔަ ސިފަތައް. އެއީ ދީނަށް ލޯބިކުރުމާއި ޖެހިލުން ކުޑަކަން. ދެން ބަޔަކު ފާރަލިޔެކޭ ކިޔާފަ އާދަނު ނުޖެހޭ ޑަރުހީވާކަށް. އަހަރެން ކޮންމެ ރެޔަކު އާދަނަށް އިންތިޒާރު ކުރަން."
"ހަފީޒާއަކަށް ނޭނގޭތަ އަހަރެން ގޭބަންދުކުރިކަމެއް؟" އާދަނު އެހިއެވެ.
"އެނގޭ!" ހިތާމައިގެ އަސަރު އެކުލެވިފައިވާ އަޑަކުން ހަފީޒާ ބުންޏެވެ. "އެހެންވިޔަސް އާދަނުގެ އިންތިޒާރުގަ، މުނާޖާ ގޮވަންދެން އަހަރެން އިންނަން. ވަރަށް ހަނދާންވޭ! މަދަރުސާ ނޯންނަންޏާ އިރު އަރަންދެން ވެސް އިންނަން. ހީވަނީ ހަމަ ދެންމެދެންމެ އާދަނު އަތުވެދާނޭ!"
ހަފީޒާ ރޯން ފެށިއެވެ. ރުމާލުން ކަރުނަ ފުހުން ނޫން ކަމެއް ނުކުރެވޭ ވަރަށެވެ. މީހަކު ބަލާތޯ އާދަނު ވަށައިގެން ކަޅި ހިންގައިލިއެވެ. އެ ފަދަ ނުރައްކަލެއް ނެތެވެ.
"ކީއްވެ ތި ރޮނީ؟" އާދަނު ވަރަށް އޯގާވެރިކަމާ އެކުގައި އެހިއެވެ.
"އަހަރެންގެ ލޯތްބާ ދޭތެރޭ އާދަނު ޝައްކު ނުކުރައްޗޭ!" އާދޭހުގެ ރާގެއްގައި ހަފީޒާ އެދުނެވެ. "ތީ އަހަރެން ފުރަތަމަ ލޯބިވި މީހާ. ލޯބިވެވޭނީ އެކަކު ދެކެ، އެއް ފަހަރު."
އާދަނަށް ފެނުނީ ހަފީޒާގެ ލޯތްބަށް ކުޑަ ވެސް ބަދަލެއްއައިސްފައި ނުވާ ތަނެވެ. އެއީ ނިޔަތް ސާފު، ވަފާތެރި، ތެދުވެރި ލޯތްބެވެ. ވީމާ އާދަނު ނިންމީ، ކުރިން އާދަނަށް ވީ ވަހުމެއް ކަމަށެވެ. އާދަނާއި ހަފީޒާއަށް ނޭނގޭ ކަމެއް ވެސް އެ ވަގުތު ހިނގަމުންދިޔައެވެ. ދެލޯބިވެރިންނަށް ފާރަލީ މީހަކު އެ ކަން ކުރީ ސިއްރަކުން ނޫނެވެ. އޭނަ ހުރީ ދާދި ގާތުގައެވެ. ނުދެނަ ހުރި ކަމަށް ހެދިގެންނެވެ.
"އަހަންނަށް މާފުކުރޭ!" އާދަނު ބުންޏެވެ. "އަހަރެން ކަހަލަ، މީހަކަށް ނުވާ ގަމީހަކަށް، ހަތަރު ފަރާތުން ފިރިހެނުން ކަޅިއަޅާ ތި ކަހަލަ ފަތްމިންޏެއް ލިބުނީމަ، ހިތުގަ ވަސްވާސް އުފެދޭނެ. ލޮލަށް ހަމަނިދި ވެސް ނުލިބޭނެ. ހަފީޒާ ވިސްނާލަބަލަ! މި ދޮރު ބަންދުވެއްޖެއްޔާ ދެން ކިހިނެއް އަހަރުމެން ބައްދަލުކުރާނީ؟"
ހަފީޒާ އެއްޗެއް ނުބުނެ ގިސްލަން އިނީއެވެ. ފާރަލާމީހާ ހުރީ މަސައްކަތު މީހަކަށް ހެދިގެން ތަންތަން ފުހޭށެވެ. ދައްކާ ހުރިހާ ވާހަކައެއް އޭނަ އަޑުއެހިއެވެ. އެއީ ހަމީދުގެ ޖާސޫސެކެވެ.
"ކޮންމެވެސް މީހަކު އަހަރުމެން ދުރުކުރަން ވަރަށް އެބަ މަސައްކަތް ކުރޭ! އެކަމަކު އިރާދަކުރެއްވިއްޔާ އަހަރުމެން ދުރެއް ނުކުރެވޭނެ،" އާދަނު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އަހަންނަށް ވަރިހަމަ އެއް ހާސް ދުވަހަށް ހުރަގެއަށް ލިޔަސް. ބުރީހަންނަގައި، އަނދަގޮނޑި ޖެހިޔަސް. ހަމަ ދޫކޮށްލާ އިރަށް އަންނާނަން. ދެފައިގަތާ ވާގި ނުހުންނާނީ. ފިރުކިފަ އާދެވޭނެއްނު."
"އެނގޭތަ އެ މީހަކީ ކާކުކަން؟" ހަފީޒާ ބުންޏެވެ. "މުހައްމަދު ހަމީދު. އާދަނު ގޭބަންދުކުރަން އަމުރުކުރީ ވެސް އޭނަ."
ހަފީޒާގެ ސާބިތުކަން ފެނިފައި އާދަނުގެ ހިތުގައި އޮތް ލޯބި އިތުރުވިއެވެ. މުހައްމަދު ހަމީދުއާ މެދުގައި އޮތް ނަފުރަތު ވެސް އިތުރުވިއެވެ. އޭނައާ ބެހޭ ގޮތުން ރަށު ތެރޭގައި ދައްކާ ވާހަކަ އެއީ ތެދެއްކަން އާދަނަށް ކަށަވަރުވިއެވެ. ހަމީދުގެ ހުއްދަ ނެތި ދޫންޏަކަށް ފިޔަމަޅައިލަން ވެސް ނުކުރޭ ގައުމެއްގައި، އާދަނު ގޭބަންދުކުރުމުގެ އަމުރު ނެރޭނީ އެހެން ކާކު ހެއްޔެވެ؟ ހައްގުން ކަމަކާ ނުލައި، ދައުވާއެއް ނުކޮށް، ކުށެއް ސާބިތުނުވެ، ފަނަރަ ދުވަހު އާދަނު ގޭބަންދު ކުރުމަކީ އާދަނު ދުށް ގޮތުގައި މުހައްމަދު ހަމީދު ކުރެއްވި ކުށެކެވެ.
"އާދަނު ބުނީމެއްނު ވާހަކައެއް ބުނަން އެބަ އޮތޭ!" ހަފީޒާ ވަރަށް މަޑުމަޑުން ބުންޏެވެ. "އަހަރުމެން ދެމީހުން އެއްކޮށެއް ދެނެއް ސިނަމާއަކަށް ނުދެވޭނެ. ކޮން ވާހަކައެއްތަ އެއީ؟"
އާދަނު ބުނަން ދެ ފަހަރު އަނގަހުޅުވައިލާފައި، ވިސްނައިލާފައި، ތިންވަނަ ފަހަރަށް އަނގަ ހުޅުވައިލިއެވެ.
"އަހަރެން ބޭނުން... ހަފީޒާއާ އިންނަން." އާދަނު ބުންޏެވެ.
ހަފީޒާގެ މޫނުމަތީގައި ހުރި ހިތާމައިގެ އަސަރު ފިލައި، އުފާވެރިކަން ވެރިވިއެވެ. އެއީ ލޮލާއި ތުންފަތް ހެކި ދިން ހާލިސް އުފަލެވެ. ދެއްކުންތެރިކަމެއް، ގަރަނބުކަމެއް ނެތެވެ.
"ބައްޕަ ގާތަށް މީހަކު ފޮނުވާ!" ހަފީޒާ އެދުނެވެ. "ވަގުތު ކުޑަތަންވެއްޖެ!"
ދެވަނަ ފަހަރަށް އާދަނު އަވަށުވެރިގެއަށް ގެންދިޔައެވެ. ކުރިން ވެސް ކުރި ސުވާލުތައް ކޮށްފައި، އެ ފަހަރު ވިހި ދުވަހަށް ގޭބަންދުކުރިއެވެ. އެ ހިސާބުން އާދަނުގެ ގޭބަންދު ސިލްސިލާ ފެށުނެއެވެ. ހަފީޒާ އެއް ފަހަރު ވެސް އަވަށުވެރިގެއަކަށް ނުގެންދެއެވެ. އާދަނު ދޫކޮށްލާ ދުވަސް ނޫން އަނެއް ދުވަހު ބަންދުކުރެއެވެ. ހަފީޒާގެ ބައްޕަޔާ ބައްދަލު ކުރާކަށް އާދަނަކަށް ފުރުސަތެއް ނުލިބެއެވެ. އާދަނުގެ ބައްޕަ ގާތުގައި އެ ވާހަކަ ދައްކަން އާދަނަށް ވަރަށް އުނދަގުލެވެ. ބައްޕަ ބުނާނީ ކީކޭކަން އެނގޭތީއެވެ. އާދަނަށް ގޮތް ހުސްވިއެވެ. ބިތްޖެހިފައި ހުންނަން ފެށިއެވެ. އީސާފުޅަށް އެ މަންޒަރު ފެނުނެވެ.
"ދަރިފުޅު ކީއްވެގެންތަ މާ ވަރަކަށް ގޭބަންދުކުރަނީ؟" ތިންވަނަ ފަހަރު ގޭބަންދުކުރުމުން އީސާފުޅު ސުވާލުކުރިއެވެ. "ކޮބައިތަ ދަރިފުޅުގެ ކުށަކީ؟"
"ނުފޯރާ ފޮތިން ފޫގެޅުން،" އާދަނަށް ބުނެވުނީ އެހެންނެވެ. "ބައްޕަ ވެއްޖެ އަހަންނަށް ކަމެއް ކޮށްދޭން. އާދަން ކަލޭފާނާ ބައްދަލުކޮށްފަ، އަހަންނާ ހަފީޒާޔާ.."
"ތިޔައީ ބޮޑު ގޯހެއް ދަރިފުޅާ!" އީސާފުޅު ބުންޏެވެ. "އަހަރުމެންނާ އާދަން ކަލޭފާނާ..."
"ބައްޕާ!" އިހުތިރާމާ އެކުގައި އާދަނު ބުންޏެވެ. "ބައްޕަ ބުނަން ތި އުޅޭ އެއްޗަކާ، ބައްޕަގެ ހިތުގަ އޮތް އެއްޗެއް ވެސް އަހަންނަށް އެނގޭ. ބައްޕަ ބުނާ ހުރިހާ ގޮތެއް ހަދަން އަހަރެން މަސައްކަތް ކުރަން. މި ފަހަރު އަހަރެން ބުނާ ގޮތަށް މި ކަން ކޮށްލަދީ. ވީހާ ވެސް އަވަހަކަށް އާދަން ކަލޭފާނާ ބައްދަލުކުރޭ!"
"އިނދެގެން ކޮން ތާކު އުޅޭނީ ދަރިފުޅާ؟" އީސާފުޅު އެ ސުވާލު ވެސް ކުރިއެވެ. "ގަނޑުވަރެއް ކަހަލަ ތަނެއްގަ އުޅެ ބޮޑުވެފަ ހުރި ކުއްޖަކު ކިހިނެއް މި ޖިފުޓިގަނޑުގަ ނިދާނީ؟"
"އަހަންނަށް ރަނގަޅީ މިހާރު އެ ގެއަށް ބައްޕަ ދިޔައިއްޔާ!" އާދަނު ދެއްކީ މުޅީން އެހެން ވާހަކައެކެވެ.
"ބައްޕައަކަށް ނުކެރޭނެ،" އީސާފުޅު ފަހުބަސް ބުންޏެވެ. "ދަރިފުޅަށް ވެސް ކެރިގެން ނުވާނެ."
ދެން އާދަނު މިނިވަންވި ދުވަހު، އަވަށުވެރިގެއިން ނުކުތް ގޮތަށް ހަފީޒާގެ ގެއަށް ދިޔައެވެ. އާދަން ކަލޭފާނާ ބައްދަލުވާނެ ކަމުގެ ކުޑަ ވެސް އުންމީދެއް ނެތިއެވެ. ފާރަވެރިންގެ ލޯ ކުރިމަތިން އެ ގެއަށް އާދަނު ވަން އިރު ކަލޭފާނު ބޭރަށް ނުކުންނަވަނީއެވެ. އާދަނު ފެނިފައި ކަލޭފާނު ހުއްޓުން އެރިއެވެ. ސަލާން ގޮވާކަށް، ހާލުއަހުވާލު އަހާކަށް އާދަނު ހަނދާނެއް ނެތެވެ.
"އަޅުގަނޑު މި އައީ ހަފީޒާޔާ އިންނަން ވަލީވެރިޔާގެ ރުހުންހޯދަން." އަދަބު އިހުތިރާމާ އެކު އާދަނު ބުންޏެވެ.
ދޭނެ ޖަވާބަކާ މެދު ކަލޭފާނު ވިސްނައިލެއްވިއެވެ. ވަގުތުން ޖަވާބު ނުދެއްވުން އެއީ އާދަނަށް ލިބުނު ވަރަށް ބޮޑު ޖަވާބެކެވެ.
"ގޮތުގަ ބަލާ އިރު މި ކަން ކުރަން ޖެހޭނީ އަޅުގަނޑުގެ ބައްޕަ. ބައްޕައަކަށް ނުކެރުނު،" އާދަނު ބުންޏެވެ. "ރުހުން ދެއްވާނެކަން އަޅުގަނޑަށް މުޖައްރިބު. އެކަމަކު ސަގާފީ ތަރުތީބު އަޅުގަނޑަށް މުހިންމު ވާތީ މި އައީ."
އާދަނު އެ ގެއިން ނުކުތީ އުފަލުން ފޮޅިފައި ހުރެގެންނެވެ. އޭރު، އަވަށުވެރިގެއިން އައި މީހުން ދޮރުމަތީގައި އިންތިޒާރަށް ތިއްބެވެ. އެ މީހުން ނުވެސް ބުނަނީސް، އެ މީހުންނާ އެކު ހިތުން ރުހުމުން އާދަނު ހިނގައިގަތެވެ. ހިނިއައިސްފައި ހުރެގެންނެވެ. އާދަނުގެ މަގުސަދު ހާސިލުވެއްޖެއެވެ.
"އަހަރެން އުލުބައިންދާފަ އިރަށް ދޮންކުރިޔަސް، އިރާދަކުރެއްވިއްޔާ ދެނެއް ކައިވެންޏެއް ނުހުއްޓުވޭނެ،" އާދަނު ބުންޏެވެ. "ކަލޭމެން ހުރިހާ އެންމެން ވެސް ވާނެ ވަލީމާއަށް އަންނަން."
އެކަކު ވެސް އެއްޗެއް ނުބުނެއެވެ. އާދަނާ ދިމާއަކަށް ނުވެސް ބެލިއެވެ. ސަބަބު އެނގުނީ އިރުކޮޅެއް ފަހުންނެވެ. (ނުނިމޭ)