ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ފަތުރާ އަޑުތަކަށް އޭނާ ނިމުމެއް ގެނެސްފި އެވެ.
އުމުރުން 83 އަހަރުގެ އަމީތާބް ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އިއްޔެ އޭނާ ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ އޭނާގެ ގެ "ޖަލްސާ"ގެ ބޭރަށް ނުކުމެ، ކޮންމެ ހަފުތާއަކު އެއް ފަހަރު ސަޕޯޓަރުންނާ ބައްދަލުކުރާ ގޮތަށް ފޭނުންނަށް ފެނިލައިފަ އެވެ.
އެ ބައްދަލުވުމުގައި އަމީތާބް ވަނީ އާދައިގެ މަތިން، ޖޫހޫގައި ހުންނަ އޭނާގެ ގޭގެ ދޮރުމައްޗަށް ނުކުމެ، އޭނާ ދެކިލުމަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ހިނިތުންވުމާ އެކު މަރުހަބާ ކިޔައިފަ އެވެ. ސަޕޯޓަރުންނަށް އަތްޖަހައި އޭނާ ހިތްވަރު ދިނެވެ.
ސަޕޯޓަރުންނަށް ފެންނާނެހެން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއްގައި ހުރެ، ގޭގެ ދޮރުމަތީގައި އެތައް އިރެއް ވަންދެން އަމީތާބް ހުއްޓެވެ.
އަމީތާބް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު އޭނާގެ ގޭގެ ބޭރުގައި ސަޕޯޓަރުންނާ ބައްދަލުކުރުމަކީ އެތައް އަހަރެއް ވަންދެން ކުރަމުން އަންނަ ކަމެކެވެ. ކޮވިޑް-19ގެ ލޮކްޑައުންގެ ދުވަސްވަރު ފިޔަވައި، ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު އެތައް ސަތޭކަ ސަޕޯޓަރުންނެއް އޭނާގެ ގޭގެ ބޭރަށް އެއްވެ އެވެ. އޭނާ ބަލިވެ ހޮސްޕިޓަލުގައި އޮތް ކަމުގެ އަޑުތަކާ އެކު، އިއްޔެ އޭނާ ނުފެންނާނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ.
އަމީތާބް ބަލިވެ އުޅޭ ކަމުގެ އަޑުތައް ފެތުރުނު ދަނޑިވަޅުގައި، މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އެކްސްގައި ވެސް ވަރަށް މާނަފުން ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓުގައި ލިޔެފައި ވަނީ "މީހުން ހާސްވެއްޖެ؛ ހިޔާލުތައް ފާޅުކޮށްފި - މީހަކަށް ވިސްނުނަސް ނުވިސްނުނަސް، އެމީހުން އެވީ ހަމަ އެއްޗެއް ލިބުނު ބަޔަކަށް އެއްޗެއް ދިން ބައެއް ފަދަ،" އެވެ.
އަމީތާބް އެންމެ ފަހުން ފެނުނީ 2024 ވަނަ އަހަރު ނުކުތް ރަޖްނީކާންތުގެ ތަމަޅަ ފިލްމު "ވެއްޓައްޔަން" އިންނެވެ. އެއީ އޭނާގެ 50 އަހަރަށް ވުރެ ދިގު ފިލްމީ ކެރިއަރުގައި ކުޅުނު ފުރަތަމަ ތަމަޅަ ފިލްމެވެ.
އޭގެ ކުރިން އޭނާ ވަނީ ނަގް އަޝްވިންގެ ތެލެގޫ ފިލްމު "ކަލްކީ 2898 އެސްޑީ" އިން ތެލެގޫ ސިނަމާއަށް ތައާރަފުވެފަ އެވެ. ޕްރަބާސް، ދީޕިކާ ޕަޑުކޯން އަދި ކަމަލް ހަސަން މުހިންމު ރޯލުތައް ކުޅުނު އެ ސައިންސް ފިކްޝަން ފިލްމުގައި އަމީތާބް ކުޅުނީ "އަޝްވަތާމާ"ގެ ރޯލެވެ. އަދި އެ ފިލްމުގެ ސީކުއެލް އިން ވެސް އަމީތާބް ފެންނާނެ އެވެ.