މީގެ އަހަރުތަކެއް ކުރިން ވައިރަލްވި "ސެލްފީ މޭނޭ ލޭލީ އާޖް" އާއި "ދިލޯން ކާ ޝޫޓަރު" ކަހަލަ ލަވަތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދި ދިންޗަކް ޕޫޖާ (ޕޫޖާ ޖެއިން) ކައިވެނިކޮށްފި އެވެ.

ޕޫޖާ ކައިވެނިކުރީ ލަވަކިޔުންތެރިޔާ ޔަވާންއާ މިދިޔަ ބުދަ ދުވަހު އެވެ.

ޕޫޖާ އޭނާގެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އޭނާގެ ފޭނުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް ބައެއް މީހުން މިއީ އާ ލަވައެއްގެ ޝޫޓިންއަކަށް ނުވަތަ މިއުޒިކް ވީޑިއޯއަކަށް ނަގާފައިވާ ފޮޓޯތަކެއްތޯ ސުވާލު އުފައްދައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "ހިންދުސްތާން ޓައިމްސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޕޫޖާ ބުނީ މިއީ ހަމަ އަސްލު ކަމަށާއި އޭނާ ހަމަ ހަގީގަތުގައި ވެސް ކައިވެނިކުރީ ކަމަށެވެ.

"މިއީ އެއްވެސް މިއުޒިކް ވީޑިއޯއެއް ނޫން، މިއީ ހަގީގީ ކައިވެންޏެއް،" ޕޫޖާ ބުންޏެވެ.

އުމުރުން 32 އަހަރުގެ ޕޫޖާ ބުނީ އޭނާއާ ޔަވާންއާ ފުރަތަމަ ދިމާވީ އޮންލައިންކޮށް ކަމަށެވެ. އަދި ދުވަސްކޮޅަކު ރައްޓެހިވެގެން އުޅުމަށް ފަހު، ދެފަރާތުގެ މައިންބަފައިންގެ ރުހުމާ އެކު ކައިވެނި ކުރީ އާއިލާގެ ގާތް މީހުންނާ އެކު ބޭއްވި ވަރަށް ކުޑަ ހަފުލާއެއްގައި ކަމަށް އޭނާ ބުންޏެވެ. 

އިންޓަނެޓަށް ދޫކޮށްލި ފޮޓޯތަކާއި ވީޑިއޯތަކުގައި އޭނާގެ ފިރިމީހާގެ މޫނު ފޮރުވާފައި ހުރުމާ ގުޅިގެން ސުވާލުކުރުމުން ޕޫޖާ ބުނީ އަމިއްލަ ދިރިއުޅުން "އަމިއްލަ ގޮތުގައި" ބޭއްވުން މާ ރަނގަޅު ކަމަށް ދެކޭ ކަމަށެވެ. އަދި މިވަގުތު ފިރިމީހާގެ މޫނު ދައްކާލަން ދެމީހުން ވެސް ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

"އޭނާއަކީ ލަވަކިޔުންތެރިއެއް. އަހަރެމެންގެ ގުޅުން ވަރަށް ވަރުގަދަ. އޭނާއަކީ ވަރަށް ރަނގަޅު މީހެއް، އަދި އަހަރެން އޭނާގެ ލަވަކިޔުމަށް ވަރަށް ލޯބިކުރަން،" ޕޫޖާ ބުންޏެވެ. 

މިހާތަނަށް އެކީގައި މަސައްކަތް ނުކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދެމީހުން އެކުގައި މިއުޒިކީ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ޕޫޖާ ބުންޏެވެ.

ކައިވެނީގެ ޚަބަރާ އެކު، އޭނާގެ ކުރީގެ މަޝްހޫރު ލަވަ "ސެލްފީ މޭނޭ ލޭލީ އާޖް"އާ ގުޅުވައިގެން "ޝާދީ މޭނޭ ކަރްލީ އާޖް"ގެ ނަމުގައި އާ ލަވައެއް ނެރުމަށް ގިނަ ފޭނުންތަކެއް ވަނީ އެދިފަ އެވެ. އެ ވާހަކަ ދައްކަމުން ޕޫޖާ ބުނީ ފޭނުން ބޭނުންވާ ނަމަ އެފަދަ ލަވައެއް ކުރިއަށް އޮތް ތަނުގައި ހަމަ ޔަގީނުން ވެސް އުފައްދާނެ ކަމަށެވެ.