އިންޑިއާގެ ކޮމީޑިއަން ޕްރަނިތު މޯރޭގެ ކޮމެޑީ ޝޯއެއްގެ ތެރެއިން ބެލުންތެރިއަކު އަންހެނުންނަށް ނިސްބަތްކޮށް ދެއްކި ހުތުރު ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ކޯޅުންގަނޑެއް އުފެދި، ފާޑުކިޔުންތައް އަމާޒުވުމުން އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކޮށްފި އެވެ.

މި މައްސަލަ އުފެދުނީ ޕްރަނިތުގެ ޝޯގައި ބައިވެރިވި 23 އަހަރުގެ ހިމާންޝޫ ޖަންގްރާ ނަމަކަށް ކިޔާ މީހަކު، އޭނާ އަންހެނަކާ އެކު ދިޔަ ޑޭޓެއްގެ ވާހަކަ ކިޔައިދިނުމުންނެވެ. އެ މީހާ ބުނި ގޮތުގައި، އޭނާ ވަނީ އެ އަންހެން މީހާއަށް ކުކުޅު ބިރިޔާނީ ތައްޓެއް ގަނެދޭން 370 ރޫޕީސް ހޭދަކޮށްފަ އެވެ. އަދި އެ ފައިސާ ހޭދަކުރުމުން އޭގެ ބަދަލުގައި އެ އަންހެން މީހާގެ ފަރާތުން "ރިޓާންއެއް" އޭނާއަށް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ބިރިޔާނީ ކެއުމަށް ފަހު ގެއަށް ލައިދިނުމަށް އެ އަންހެން މީހާ އެދުމުން، "މަގޭ 370 ރޫޕީސް ހިނގައްޖެ، އެހެންވީމާ އޭގެ ބަދަލު ހޯދަން ޖެހޭނެ" ކަމަށް ބުނެ އޭނާ އެ އަންހެން މީހާ ގޮވައިގެން ޕާކަކަށް ދިޔަ ކަމަށް ބުނެ އެވެ. އަދި އަންހެން މީހާ އެކަމާ ދެކޮޅު ހެދި ނަމަވެސް، މަޖުބޫރުން ކަހަލަ ގޮތަކަށް ޕާކަށް ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. 

މި ވާހަކަތައް ދެއްކި އިރު، ކޮމީޑިއަން ޕްރަނިތު އެކަން ނުހުއްޓުވައި ޝޯ ކުރިއަށް ގެންދިއުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ، ހާއްސަކޮށް އަންހެނުންނާއި މަޝްހޫރު އިންފްލުއެންސަރުންގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. 

ފާޑުކިޔުންތައް ބޮޑުވުމާ އެކު، އެ ވާހަކަތައް ދެއްކި ހިމާންޝޫ ވަނީ މާފަށް އެދުމަށް ފަހު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިލިޓްކޮށްފަ އެވެ. ޑިޒައިން ކޮމްޕެނީއެއްގައި މަސައްކަތް ކުރާ ހިމާންޝޫ މިހާރު ވަނީ އެ މައްސަލައިގައި ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ކޮމީޑިއަން ޕްރަނިތު ވެސް ބަޔާނެއް ނެރެ މި މާފަށް އެދިފައިވެ އެވެ.

ޕްރަނިތު ބުނީ ބެލުންތެރިޔާ ދެއްކި ވާހަކަތަކަކީ އޭނާ ގަބޫލުކުރާ ވިސްނުމެއް ނޫން ކަމަށެވެ. އަދި އެ ވަގުތު ހީލުމުގެ ބަދަލުގައި އެ ވާހަކައާ ދެކޮޅަށް ވާހަކަދެއްކުނު ނަމަ މާ ރަނގަޅުވީސް ކަމަށާއި އެއީ އޭނާއަށް ނިންމުނު ނުބައި ނިންމުމެއް ކަމަށް އެއްބަސްވާ ކަމަށް ވެސް ޕްރަނިތު ބުންޏެވެ.

މި މައްސަލަގަނޑަށް ފަހު 3.8 މިލިއަން ފޮލޯވަރުން ތިބި ޕްރަނިތުގެ އިންސްޓަގްރާމް އެކައުންޓް މިހާރު ވަނީ ޑީއެކްޓިވޭޓް ކޮށްފަ އެވެ. ނަމަވެސް، ކޮމެޑީ ކޮންޓެންޓް ޕޯސްޓްކުރާ އޭނާގެ ދެވަނަ އެކައުންޓް އަދިވެސް އެކްޓިވްކޮށް އެބައިނެވެ.