އުމުރުން 58 އަހަރުގެ ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރުބާޒް ޚާންއަކީ "މުސްކުޅިއެއް" ކަމަށް ބުނެ، އެ ދެމަފިރިންގެ ދެމެދުގައި ހުރި އުމުރުގެ ފަރަގަށް ފާޑުކީ މީހަކަށް އޭނާގެ އަންހެނުން ސޫރާ ޚާން ވަރުގަދަ ރައްދެއް ދީފި އެވެ.
އެކަމެއް ހިނގީ މިދިޔަ އާދިއްތަ ދުވަހު، އުމުރުން 36 އަހަރުގެ ސޫރާ އޭނާގެ އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ "ސުވާލާއި ޖަވާބު" ލައިވް ސެޝަނެއްގަ އެވެ.
އެ ސެޝަންގެ ތެރެއިން މީހަކު ވަނީ ހިނިތުންވުމުގެ އިމޯޖީއަކާ އެކު، "ތިޔަ އުޅެނީ މުސްކުޅިއަކާ އެކު އުފަލުން ހެއްޔޭ،" އަހައިފަ އެވެ. އެ ސުވާލަށް ރައްދުދީ ސޫރާ ލިޔެފައި ވަނީ "ނާ ހަމަ ތެދެއް؟ އޭނާއަކީ މުސްކުޅިއެއް ނޫން، އޭނާއަކީ ލިމިޓެޑް އެޑިޝަންގެ ވިންޓޭޖު މޮޑެލްއެއް،" ކަމަށެވެ.
މީގެ އިތުރުން ވެސް، އެ ސެޝަންގައި ސަޕޯޓަރުން ކުރި އެހެން ބައެއް ސުވާލުތަކަށް ސޫރާ ޝައުގުވެރި ޖަވާބުތަކެއް ދީފައިވެ އެވެ.
އަރުބާޒާ އެކު ފުރަތަމަ ޑޭޓަށް ދާން އެއްބަސްވީ ކީއްވެގެންތޯ އެހެމުން ސޫރާ ބުނީ އެއީ ބެޓެއް ކޮށްގެން ބަލިވުމުން ކާންދޭން ޖެހުނީމަ ކަމަށެވެ. ކައިވެންޏަށް ފަހު ދިރިއުޅުމުގެ ކަންކަން ކިހިނެއްތޯ އެހުމުން ސޫރާ ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި ދަރިފުޅަށް ސިޕާރާ ޚާންގެ ނަން ދިނީ ކާކުތޯ އެހުމުން އޭނާ ބުނި ގޮތުގައި، އެ ނަން ދިނީ އަރުބާޒުގެ ބައްޕަ މަޝްހޫރު ލިޔުންތެރިޔާ ސަލީމް ޚާން އެވެ.
ސޫރާއަކީ އިންޑިއާގެ ފިލްމީ އަދި ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ މަޝްހޫރު މޭކަޕް އާޓިސްޓެކެވެ. އެ ދެމީހުން ބައްދަލުވީ "ޕަޓްނާ ޝުކްލާ" ފިލްމުގެ ސެޓުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެމީހުންގެ ގުޅުން ސިއްރުކޮށްގެން އުޅުމަށް ފަހު، ކައިވެނިކުރީ ޑިސެމްބަރު 24، 2023 ގަ އެވެ.
މިއީ އަރުބާޒުގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު ނެށުންތެރިޔާ މަލައިކާ އަރޯރާއާ އެވެ. އެ ކައިވެންޏަށް އަރްހާން ޚާން ކިޔާ ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.
އަރުބާޒު އާއި ސޫރާއަށް އަންހެން ދަރިއަކު ލިބުނީ މިދިޔަ އަހަރު އޮކްޓޯބަރު ފަހެއްގަ އެވެ.