(އާދިއްތަ ދުވަހާ ގުޅޭ)
"ދެވެން އޮތް އެންމެ ބޮޑު އަދަބެއް އާދަނަށް ދޭން ޖެހޭނެ." ސަލީމު ބުންޏެވެ.
"ސަލީމު ގައިގަ އާދަނު އަތްލީ ސަލީމު އެހެން ބުނި ފަހުންތަ؟" ފަނޑިޔާރުން ހެކިވެރިންނާ ސުވާލުކުރެއްވިއެވެ.
"ލައްބަ! އެހެން ބުނި ފަހުން،" ހެކިވެރިން ބުންޏެވެ. "ފީނާ އާދަނު ބުނި ތިހެން ނުބުނާށޭ ވެސް! ބުނީމަ ވެސް ސަލީމު ހަމަ އެހެން ބުނީ."
ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ފަނޑިޔާރުން އެކަކުއަނެކަކާ މަޝްވަރާ ކުރެއްވިއެވެ.
"އާދަނު އަތުގަ ކަނޑިއެއް އޮތް ނަމަ ސަލީމުގެ ބޯކަނޑައިލީސް،" ފަނޑިޔާރު ބުނުއްވިއެވެ. "ނަސީބެއް އޭނަ އަތުގަ ކަނޑިއެއް ނެތްކަން. ސަލީމުގެ ބޯކަނޑާލުން އާދަނަށް ހުއްދަ ވާނެ. ސަލީމު އެހެން ބުނި ފަހުން ސަލީމުގެ ގަޔަށް އަރައިގަތީމަ ތިއައީ ހަމަ ހައްގު އެރުމެއް. މައްސަލަ ނިމުނީ."
ޝަރީއަތް އެ ހިސާބުން ނިމުނީއެވެ. އެއްވެސް ކޮޅަކުން ސަލީމަށް ކާމިޔާބު ނުވުމުން ސަލީމުގެ ހިތުގައި ލައްގަނޑެއް ޖެހުނެވެ. އާދަނަށް ލޮޓިޔެއް ދޭނެ ގޮތަކާ މެދު ސަލީމު ވިސްނިއެވެ. އަދަބު ފުރިހަމަ ކޮށްފައި މީހުންގެ ތެރެއަށް ނުކުތް އިރު ސަލީމަށް މުރުތައްދު ސަލީމު ކިޔައި ނަން ހަރުކޮށްފިއެވެ.
ހަފީޒާގެ ޚަބަރެއް ނުވެއެވެ. ސިޓީއެއް ވެސް ނުލިބެއެވެ. އާދަނަށް ކޮންމެ ދުވަހަކީ، ލަހުން އިރުއޮއްސޭ، ދިގު ދުވަހެކެވެ. ކުރާނެ ކަމެއް ނޯވެއެވެ. ލޮލުކޮޅުން ހަމީދު ފެނުނަސް އާދަނުގެ ލޭ ކެކެއެވެ. އެ އަންނަ ރުޅިގަނޑު، އެހެން މީހަކަށް ފޮޅާލައިގެން ނޫނީ މައިތިރިއެއް ނުވެއެވެ. ބައްޕަ އާއި ދައްތަޔާ ވެސް ވާހަކަ ދެއްކުން މަދުކުރަން ޖެހުނެވެ. ބާރަށް އެއްޗެހި ބުނެވޭތީއެވެ. ބޭކަރީގައި ވެސް އާދަނަށް އިނދެވެނީ މޫނުހަދައިގެންނެވެ. މީހަކަށް ހީނލާ ހިތެއް ނުވެއެވެ. ހިނިތުންވުން ވެސް އާދަނާ ރުޅިވެ، މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނެވެ.
ހުސް ވަގުތެއް ލިބިއްޖެއްޔާ އާދަނު ގޮސް އިންނަނީ ކަންޒުދޮށުގޭގައެވެ. އެ ގޭ އަނބުގަހުގައި އުނދޯލިތައް އެލުވާފައި ހުރެއެވެ. މީހުންނާ ވަކީން އެ ގޮތަށް އިންނަ އިރު، އިބިލީހުގެ ވަސްވާހުން އާދަނުގެ ސިކުނޑި ތޮއްޖެހެއެވެ. ބަދަލުހިފާށެވެ. ބަދަލުހިފާށެވެ. އާދަނުގެ ހިތް ގޮވާ ގޮވެއްޔަކީ އެއީއެވެ.
"އައްސަލާމް އަލައިކުމް!" މީހަކު ގޮވައިލި އަޑުއިވުނެވެ.
އާދަނު ބަލައިލި އިރު ނތ. ހަސަންދީދީ އާއި އިބްރާހީމް މަނިކު ދޮންމަނިކު ދުރުވާ ތަން ފެނުނެވެ. އެއީ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންނެވެ. ދުރުވީ މަޖިލީހުން ނިމިލައްވައިގެންނެވެ. ދުރުވެ އެ ތަނުގައި ހުރި ދެ އުނދޯލީގައި ދެ ބޭފުޅުން އިށީންނެވިއެވެ. އާދަނު ސަލާން ބަލައިގަތެވެ.
"އާދަންހޮއްކޯ! މިއަދަކީ މަޖިލީހުގަ ވަރަށް ފޯރިގަދަ ދުވަހެއް،" ދޮންމަނިކު ބުނުއްވިއެވެ. "ޓޯޗު ހުއްދަ ދޭން ނިންމަން ވެގެން ވާހަކަ ދެކެވުނީ. ފާހެއް ނުވި. އެކަކު ބުނެފި، ހެޔޮނުވާނޭ ތި ވަރުގެ ކަމެއް ކުރާކަށް. ތިޔަކަން ކޮށްފިއްޔާ މީހުންގެ ލޯތައް ހަލާކުކޮށް އަނދިރިކޮށްފާނޭ."
"ދެން ތި ބޭފުޅުންނަކަށް އެނގިވަޑައެއްނުގަތްތޯ އޭގެ ބަދަލުގަ އެއްޗެއް ވިދާޅުވާކަށް؟" އާދަނު އެހިއެވެ.
"އަހަރުމެންނަށް އެއްޗެއް ބުނެވޭ ވަރަށް ވުރެ މާ އަޑުގަދަ މީހުންނޭ އެ ތާ ތިބީ،" ހަސަންދީ ބުނުއްވިއެވެ. "އެ މީހުން ޒުވާބު ކުރަނީ އޭރުން އެތައް ބައެއްގެ ލޯތައް ހަލާކުވެދާނޭ ކިޔާފަ. މީހުންގެ ލޮލަށް އަލިކޮށް ޖެއްސުން ކުރާނޭ، މީހުންނަށް އަނިޔާ ވެސް ލިބޭނޭ ކިޔާފަ. އަނެއްކޮޅުން ފާރުމަތިން އަލިކޮށް ގިފިލިބަލާނޭ ވެސް ކިއި!"
"އަޅުގަނޑު ނަމަ ބުނީމުސް ތިޔަ ޓޯޗަށް ވުރެ މާ ނުރައްކާތެރިވާނެ އަތް،" އާދަނުބުންޏެވެ. "ލައިސަނެއް ދޫކޮށްގެނެއް ނޫން އަތް ދޫކޮށްފަ މިހިރީ. ގޮށްމުށްކަވާފަ ޖެހިޖެހީނުން ލޯ ވެސް ދުއްވާލެވޭނެ. އަނގަ މި އޮތީ. ދަތް ވެސް އެޅޭނެ. ފައި މި އޮތީ. ފައި ކުރުކޮށްފަ ޖަހަން ވެސް ޖެހޭނެ."
"އާނ! އާދަންހޮއްކޮ ރަނގަޅުވާނެ އެ ތަނަށް ގޮސް ތިހެން ޒުވާބުކޮށްލަން،" ދޮންމަނިކު ބުނުއްވިއެވެ. "އެ ތާނގަ ރުއް ގިނަވަނީ އަޑުގަދަ މީހުންގެ. އަހަރެން ބުނީމޭ ބޮޑެތި ތިލަ ހުންނަ ފުރޯތައް ވެސް އެހެރީ ދޫކޮށްފައޭ. މޭގަ ތިލައިން ޖަހައިފިއްޔާ އަނެއްކޮޅަށް ފޫއަޅާނޭ. ލައިސަނެއް ދޫކޮށްގެނެއް ނޫން ފުރޯތަކާ، ކޯރާޑިތަކާ، ދަރޭތިތައް ދޫކޮށްފަ އެހެރީ."
ދަރޭތީގެ ނަން އާދަނުގެ ހިތުގައި ހަރުލީ އެ ދުވަހުން ފެށިގެންނެވެ. އެއީ ކަތިވަޅީގެ ދިގު ވައްތަރެކެވެ. ބަދަލުހިފަން ބޭނުން ނަމަ އެ ކަހަލަ ވަރުގަދަ ހަތިޔާރެއް އޮންނަން ޖެހެއެވެ. އެ ފަދަ އެއްޗެއް ލިބޭނެ ތަނެއް، ލިބޭނެ ގޮތެއް ވެސް އާދަނަކަށް ނޭނގެއެވެ.
އިރުއޮއްސުނެވެ. ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ އަޑު އިވެން ފެށިއެވެ. ބަންގި ނިމުމާ އެކު ނާބުސްހާނުން ނާބަޖެހި އަޑު ވެސް އިވުނެވެ. ފިކުރުގެ ޖަންގައްޔެއްގެ ތެރެއަށް ގެއްލި ހުރެގެން އާދަނު މިސްކިތަށް ދިޔައެވެ. މިސްކިތުން އެނބުރި ގެއަށް އައި އިރު ވެސް އާދަނުގެ ފިކުރު ހުސްވާ ގޮތެއް ނުވިއެވެ.
ރޭގަނޑު އެގާރަ ޖެހުމާ އެކު ދަންބެރު ޖަހާ އަޑު އިވެން ފެށިއެވެ. ދަންބެރު ޖެހުމަށް ފަހު ގެއިން ބޭރަށް ނުކުމެވޭނީ އަވަށުވެރިގެއިން ހުއްދަ ލިބިގެންނެވެ. އެގާރައިގެ ފަހުން ފަހު ހިނގަނީން މަގުތަކުގައި ފޯރިމަރައެވެ. އެއީ ވެސް ވެރިކަމާ މީހަކު ތޮޅިދާނެކަމުގެ ބިރަށް ހަމީދު ނިންމެވި ނިންމެވުމެކެވެ. އޭގެ މީހަކަށް ޝައްކުވާ ފަދަ ގޮތަކަށް މީހަކު ފެނިއްޖެ ނަމަ، އެ މީހެއްގެ ފަސްފަހަތުން ބޯކޮޅުބަލާނެއެވެ. ބައެއް ފަހަރު ސުވާލުކޮށް، އެ މީހަކު އަވަށުވެރިގެއަށް ދައްކައި ބަންދު ވެސް ކުރެއެވެ. އެއިން ކަމަކާ ބިރުގަންނަ ވަރަށް ވުރެ ނަފުރަތުގެ ވަކިތައް ދިގުވެފައިވާ އާދަނު ގޮސް ބޮޑުފާރުގައި ލެނގިލައިގެން ވިސްނަން ހުއްޓެވެ.
"ފީނާ!" ވައިއަޑުން މީހަކު ގޮވައިލި އަޑުއިވުނެވެ.
އާދަނު ފުރަތަމަ ހީކުރީ އެއީ ހީއެއް ކަމަށެވެ. ފީނާއަކީ އާދަނުގެ އެންމެ ގާތް ބައެއް އެކުވެރިން ގޮވާ ވަނަމެކެވެ. އަނެއްކާ ވެސް ހަމަ އެ ނަމުން ގޮވައިލި އަޑުއިވުނެވެ. އާދަނު ދެކޮޅު ހޯދައިލިއެވެ. މީހެއްގެ ހިލަމެއް ނެތެވެ.
"ފާރުން އަތިރިއަށް އާދޭ!" އެ މީހަކު އެދުނެވެ.
ބޮޑުފާރަކީ ވަރަށް ބޮޑު، އުސް، އުވަނުޖަހާ، ބޯ ފާރެކެވެ. ފާރު ބޯކަމުން، އެއް ފަރާތުން އަނެއް ފަރާތް ފެންނަ ކަހަލަ ބާކޮޅެއް ފާރަކު ނުހުރެއެވެ. އެކަމަކު ބައެއް ދިމާތަކުން ވާހަކަ ދެއްކުމުން އަނެއް ކޮޅުގައި ހުންނަ މީހާއަށް ކުޑަކޮށް އަޑުއިވެއެވެ. އާދަނަށް ހުރެވުނީ އެ ކަހަލަ ދިމާއެއްގައެވެ. އާދަނު އަތިރިއަށް ފޭބި އިރު ދޮންމަނިކު އިންތިޒާރުގައި ހުއްޓެވެ. ދޮންމަނިކަކީ ފަހަކަށް އައިސް އާދަނުގެ މަގުބޫލުކަން ގެއްލިފައިވާ އެކުވެރިއެކެވެ. އޭނަ ގާތުގައި ދިއްފުށީ ދޮހޮއްކޮ ވެސް ހުއްޓެވެ.
"ކަލޭ ކީއް ތި ކުރަނީ؟" ދޮންމަނިކާ ދިމާއަށް އާދަނު ބުންޏެވެ. "އަވަށުވެރިގެއިން އަންގައިގެން އަހަރެންގެ ބޯކޮޅު ބަލަނީ ދޮތަ؟"
"އެއަށް ވުރެ މާ މުހިންމު ކަމެއް ކުރަން މި އުޅެނީ،" ދެކޮޅު ހޯދައިލާފައި، ވައި އަޑުން ދޮންމަނިކު ބުންޏެވެ. "ކަލޭ ވެސް އަހަރުމެންނާ ބައިވެރިވާންވީނު؟"
"ކީއްކުރަން؟" އާދަނު އެހިއެވެ.
"ހަމީދުގެ ބަލާވެރިކަން ބޮޑުވެގެން މި އުޅެނީ،" ދޮހޮއްކޮ ބުންޏެވެ. "ހިނގާބަލަ!"
"ކޮން ތާކަށް؟" އާދަނު އެހިއެވެ.
"ކަލޭ ބޭނުންތަ ބަދަލުހިފަން؟" ދޮހޮއްކޮ އެހެން ބުނުމުން އާދަނު ބޯޖަހައިލިއެވެ. "އާނ! ހައްޕު ކިޔައިގެން ހިނގާ! ކަލޭ ބަލައޭ އަހަރުމެން މި އައީ."
ދަންވަރުގެ އަނދިރި ވަގުތުގައި ވެސް އެ މީހުން ދިޔައީ ފާރުބުޑުންނެވެ. ގަސްތަކު ތެރެއިންނެވެ.
"ކަލޭ ބުނި..." އާދަނު ސިއްރުން ބުނަން އުޅުނު ވާހަކަ އެ ހިސާބުން ހުއްޓުނެވެ.
"އަހަރެންގެ ހިޔާލު ބަދަލުވީ!" ވައި އަޑުން ދޮންމަނިކު ބުންޏެވެ. "ހަމީދަށް ބައްޕަ ވިކިއްޖެ! އެއީ ތެދު ވާހަކައެއް. އަހަރެންގެ ނަފުސު ވިއްކާލުމަށް ވުރެ އަހަރުމެންގެ އެކުވެރިކަން މާ މުހިންމު. މީ އާދަނު އެންމެ އެކަނިވެރިވި ދަނޑިވަޅު. އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅު. ކިހިނެއް އާދަނު ދޫކޮށްލާނީ؟ އެކަމަކު އަހަރުމެން ދެ މީހުންނަކަށް މި ކަމެއް ނުކުރެވޭނެ. އިތުބާރު ހިފޭ ބަޔަކު އެބަ ބޭނުންވޭ! އެ ކަމާ މި އުޅެނީ."
ބޮނދަމުން، ބައެއް ފަހަރު ބަނޑުޖަހަމުން ތިން މީހުން ގޮސް ވަނީ، ވީރާނާވެފައިވާ ފަޅުގެއަކަށެވެ. އެ ގޭގެ އަނދިރި ކޮޓަރިއެއްގެ ތަޅުންގަނޑު މަތީގައި އޮތް ކުނައެއްގައި މީހަކު، ދެފައި ވަށްކޮށްގެން އިށީނދެގެން އިން ހެން އާދަނަށް ހީވިއެވެ. ކައިރީގައި އަތްބައްތިއެއް ހުއްޓެވެ. އެ ބައްތިއަކުން އޭނަގެ މޫނެއް ނޭނގެއެވެ. ދޮންމަނިކަށް އާދަނު ކުރި އިތުބާރު އޮތީ ހީނަރުވެފައެވެ. އާދަނު ހިތަށް އެރިއެވެ. މަޅިއެއްގައި އާދަނު ބައްދަނީ ނޫންބާއެވެ؟ އާދަނު ގާތުގައި ތިބި ދެ މީހުން ކުނާގައި އިށީނުމުން އާދަނު ވެސް އިށީނެވެ. ވައި ވަންނާނެ އެއްވެސް ދޮރެއް ނެތް އެ ކޮޓަރިއެކޭ ފާރޮށި ފިހާ އުނދުނެކޭ އެއްގޮތެވެ.
"އަދި ކިތެއް މީހުން އަންނާނެ؟" އާދަނު އެހިއެވެ.
"މި ހަމަވީ!" ނަން ނޭނގޭ މީހާ ވައިއަޑުން ވާހަކަދެއްކިއެވެ. "މުޅިއެކު ހަތަރު މީހުން."
އެއީ ދަންނަ އަޑެއް ހެން އާދަނަށް ހީވިއެވެ. ޔަގީންކުރަން ބޭނުންވިއެވެ.
"ތީ ކާކު؟" އާދަނު ސުވާލުކުރިއެވެ.
"ޔޫސުބު!" ދޮންމަނިކު ބުންޏެވެ. "ފަރީދު ގޭގަ އުޅޭ ޔޫސުބު."
ފަރީދު އާއި ހަމީދަކީ ގާތް ގުޅުމެއް އޮންނަ ދެ މީހުންނެވެ. ޔޫސުބުއަކީ ފަރީދުގެ އެއް އަތެވެ. އެ ނަންބަރުތައް އެއްކޮށްލުމުން އާދަނަށް ފެނުނީ ބިރުވެރި ނަތީޖާއެކެވެ.
"އެ ގޭގަ އުޅޭ މީހަކަށް މަ ކިހިނެއް އިތުބާރު ކުރާނީ؟" އާދަނު ސުވާލު އުފެއްދިއެވެ.
"އަހަރެން ބުނީމަ އާދަނަށް އިތުބާރު ކުރެވެން ޖެހޭނެ." ދޮންމަނިކު ބުންޏެވެ.
"މީ ޝައްކު ކުރަންވީ ވަގުތެއް ނޫން،" ޔޫސުބު ބުންޏެވެ. "ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ހުރިހާ ރައްޔިތުން އެ ތިބީ އަހަރުމެންގެ އިންތިޒާރުގަ. އަހަރުމެން އެންމެންނަކީ ވެސް ނުހައްގުން އަނިޔާ ލިބިފަ ތިބި މީހުން. އެންމެން ވެސް މި ތިބީ ހަމީދު ދެކެ ރުޅި އައިއްސަ. އެކަމަކު، ރުޅި އައިއްސަ ތިބެގެނެއް އެއްވެސް ކަމެއް ނުކުރެވޭނެ. ކަންތައް ކުރެވޭނީ ހިތްވަރުގަދަ، ކެރޭ މީހަކަށް. ތީ އެ މީހަކީ. ސުވާލަކީ، އާދަނަށް ކެރޭނެހޭ މި ކަން ކުރަން؟"
"ކޮން ކަމެއް؟" އާދަނު ސުވާލުކުރިއެވެ.
"ހަމީދު މަރާލަން." ދޮންމަނިކު ބުންޏެވެ.
"މިހާރު ވެސް ތައްޔާރަށް މި ހިރީ،" އާދަނު ބުންޏެވެ. "ހިނގާ ދަމާ!"
"ތިހެނެއް އަދި ނުދެވޭނެ،" ދޮހޮއްކޮ ބުންޏެވެ. "ޖެހޭނެ ތައްޔާރުވާން. ހަތިޔާރު ވެސް ބޭނުންވާނެ."
އެ ވަގުތު ބޭރުން އަޑެއް އިވުނެވެ. ދޮންމަނިކު ބައްތި ނިއްވައިލިއެވެ. މުޅި ތަން އަނދިރިވިއެވެ. (ނުނިމޭ)