ބޮލީވުޑްގެ ތަރި އިމްރާން ހާޝްމީގެ އެންމެ ކާމިޔާބު އަދި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "އަވާރަޕަން"ގެ ދެވަނަ ފިލްމުގެ ޓީޒާ އާންމުކޮށްފި އެވެ.
ވިޝޭޝް ފިލްމްސް އިން މި ޓީޒާ އާންމުކޮށްފައި ވަނީ ފުރަތަމަ ފިލްމަށް ބަރާބަރު 19 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އެއާ އެކު، ގިނަ ދުވަސްތަކެއް ވަންދެން މި ފިލްމަށް އިންތިޒާރު ކުރަމުން އައި ފޭނުންނަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފަ އެވެ.
މި ޓީޒާ ފެށިގެން އަންނަނީ އިމްރާންގެ ކެރެކްޓަރު "ޝިވަމް ޕަންޑިިތު" ސައިކަލެއްގައި ދާ މަންޒަރަކުންނެވެ. ފުރަތަމަ ފިލްމުގައި އޭނާގެ ލޯބިވެރިޔާ (ޝްރިޔާ ސަރަން)ގެ ވަކިވުމުގެ ހިތާމައިގައި އަދިވެސް އޭނާ އުޅޭކަން ޓީޒާއިން ހާމަވެ އެވެ.
ނިތިން ކައްކަރު ޑައިރެކްޓްކުރާ މި ފިލްމުން މިފަހަރު އާ މޫނުތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި، ފިލްމުގެ އަންހެން ލީޑް ރޯލުން ދިޝާ ޕާޓާނީ އަދި މި ފިލްމުގެ ވަރުގަދަ ވިލަންގެ ރޯލުން ފެންނާނީ ޝަބާނާ އަޒްމީ އެވެ.
"އަވާރަޕަން 2"ގެ ޓީޒާ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާ އެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
ފޭނުން އެންމެ ބޮޑަށް ފާހަގަކުރީ ޓީޒާގެ ބެކްގްރައުންޑްގައި އިވޭ "ތޯ ފިރު އާއޯ" ލަވައިގެ އާ ވާޝަންއަށެވެ. ގިނަ ބަޔަކު ބުނި ގޮތުގައި، އެ ލަވަ އިވުމުން ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. "ބޮލީވުޑްގެ އަސްލު ކިންގް އެނބުރި އައީ" ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އިމްރާންގެ ސީރިއަސް އަދި އަސަރުގަދަ އެކްޓިން އަށް ތައުރީފު ވެސް ކޮށްފަ އެވެ.
ފުރަތަމަ ފިލްމަކީ "ކަލްޓް ކްލެސިކް"އަކަށް ވުމުން، މި ފަހަރުގެ އެކްޝަން ސީންތަކާއި ޖަޒުބާތީ ބައިތަކަށް ވެސް ފޭނުން ކުރާ އުންމީދު ވަރަށް ބޮޑެވެ.
ރާޖަސްތާނާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޝޫޓްކޮށްފައިވާ "އަވާރަޕަން 2" ރިލީޒްކުރަނީ އަންނަ އޯގަސްޓް މަހު 14 ގަ އެވެ. މި ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ ސަނީ ޑިއޯލްގެ ބޮޑު ފިލްމު "ބަޓްވާރާ 1947"އާ އެވެ.