ފިލްމު "ހައްގު"ގެ ޕޯސްޓަރެއް.
03 ނޮވެމްބަރ 2025 - 06:49
ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ ކުރިއަށް އޮތް ފިލްމު "ހައްގު"ގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދޭން ހައި ކޯޓުގައި އިއްޔެ އެދިއްޖެ އެވެ.
"ހައްގު" އަކީ އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމު ހާއްސަ ކޮށްފައި ވަނީ 1985 ވަނަ އަހަރު އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން އޭރު ކޯޓުގައި ހިނގި "ޝާހް ބަނޫ މައްސަލަ" އަށެވެ.
ފިލްމު ރިލީޒްކުރުން ހުއްޓުވައިދޭން އިންދޯރުގެ ހައި ކޯޓުގައި އެދުނީ "ޝާހް ބަނޫ މައްސަލަ"ގައި ހިމެނޭ އަންހެން މީހާ، ޝާހް ބަނޫ ބޭގަމްގެ ވާރިސުންނެވެ. އޭނާގެ ފަސް ކުދިން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނީ އެ ފިލްމުން ގެނެސްދެނީ އިސްލާމީ މުޖުތަމައުގެ އަގު ވެއްޓޭ ގޮތަށް ކަމަށެވެ. އަދި ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
ވާރިސުން ހުށަހެޅި މައްސަލާގައި ބުނި ގޮތުގައި، އެ ފިލްމުގައި ޝާހް ބަނޫ ބޭގަމްގެ ރޯލެއް ދައްކާއިރު، އާއިލާގެ ހުއްދަ އެ ކަމަށް ހޯދާފައެއް ވެސް ނުވެ އެވެ. އަދި ޝާހް ބަނޫ ބޭގަމްގެ ދިރިއުޅުމާއި ހަޔާތުގެ ވާހަކަ ގެނެސްދިނުމުގެ ހުއްދައެއް ވެސް ނެތެވެ.
އޭގެ ސަބަބުން އޭނާގެ އަބުރު ގެއްލި އަދި އޭނާގެ ހައްގަށް އުނިކަން ލިބޭތީ އެ މައްސަލަ ބަލައިދޭން ވާރިސުން ވަނީ ހައި ކޯޓުގައި އެދިފަ އެވެ.
ޝާހް ބާނޫ މައްސަލައަކީ އިސްލާމީ ޝަރީއަތާ ވިއްދައި، އިންޑިއާގެ ޔުނިފޯމް ސިވިލް ކޯޑެއް ހެދުމާ ގުޅިގެން ވަރަށް މަޝްހޫރުވި ގާނޫނީ މައްސަލައެކެވެ. ޝާހް ބާނޫ ބޭގަމްގެ ކުރީގެ ފިރިމީހާ މުހައްމަދު އަހްމަދު ޚާން އޭނާ ވަރިކުރުމުން އިއްދައިގެ މުއްދަތުގެ ފަހުން ވެސް އޭނާގެ ހަރަދުތައް ބަލަހައްޓައިދޭން ޖެހޭ ގޮތަށް ހުކުމް ކޮށްދިނުމަށް އޭނާ އިންޑިއާގެ ސުޕްރީމް ކޯޓުގައި އެދުނެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ޝާހް ބަނޫ ބޭގަމްގެ ކޮޅަށެވެ.
އެކަމަކު، އިސްލާމީ ޝަރީއަތުގައި އިއްދައިގެ މުއްދަތު ހަމަވާ ފަހުން އަންހެން މީހާގެ ހަރަދުތައް ބެލެހެއްޓުމަކީ ފިރިހެން މީހާ ކުރަން ޖެހޭ ކަމަކަށް ނުވާތީ ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން މުސްލިމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑުވި އެވެ.
އެ ފާޑުކިޔުންތައް ބޮޑުވުމުން އެންމެ ފަހުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ވަރިވާ މުސްލިމު އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދޭ ގާނޫނެއް 1986 ވަނަ އަހަރު ހަދައިފަ އެވެ. އެ ގާނޫނާ އެކު، ސުޕްރީމް ކޯޓުގެ ނިންމުން ބާތިލުވި އެވެ. އަދި މުސްލިމު އަންހެނުން ވަރިވާ ފަހުން ފިރިހެން މީހާ ހަރަދު ދޭން ޖެހޭނީ އިއްދައިގައި އިންނަ 90 ދުވަހުގެ މުއްދަތަށް އެކަނި ކަމަށް އެ ގާނޫނުގައި ކަނޑައެޅި އެވެ.
ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ "ހައްގު" ރިލީޒް ކުރަނީ މި އަންނަ ހުކުރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy