ފިލްމު "ހައްގު"ގެ ރޯލު ކުޅުމަށް ބޮލީވުޑްގެ ތަރި ޔާމީ ގޯތަމް ގުރުއާނާއި އިސްލާމީ ޝަރީއަތް ދަސްކުރުމަށް ހަތަރު މަސްދުވަސް ހޭދަކުރި ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ބުނެފި އެވެ.
"ހައްގު"ގެ ޑައިރެކްޓަރު ސުޕަރްން ވަރުމާ ބީބީސީ އޭޝިއަން ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އިސްލާމީ ޝަރީއަތާއި ގާނޫނުތައް ދެނެގަތުމަށް މުޅި ޓީމުން ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރި ކަމަށެވެ.
ޔާމީ ގޯތަމް އޭނާގެ "ޝާޒިއާ ބާނޯ"ގެ ރޯލު ފުރިހަމައަށް ކުޅުމަށް ހަތަރު މަސްދުވަސް ވަންދެން ކީރިތި ގުރުއާން ކިޔަވަން ދަސްކޮށް، އޭގެ މާނަ ދެނެގަތުމަށް މަސައްކަތް ކުރި ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
އެ ފިލްމަކީ 1980 ގެ އަހަރުތަކުގައި އިންޑިއާގައި ހިނގި މަޝްހޫރު "ޝާހް ބާނޯ" މައްސަލައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ޔާމީ ކުޅުނީ ތިންފަށުން ވަރިކުރުމަށް ފަހު ދަރިންނަށް ހަރަދު ނުދީ ދޫކޮށްލާ އަންހެނެއްގެ ރޯލެވެ. އެހެންވެ، އޭނާގެ ހައްގު ހޯދަން ކޯޓުގައި ވަކާލާތު ކުރެ އެވެ.
ޑައިރެކްޓަރު ބުނި ގޮތުގައި، އެހާ ގިނަ ދުވަހު ދިރާސާކުރީ ދީނީ އަދި ގާނޫނީ ކަންކަމުގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވައި، ހަގީގީ މައުލޫމާތު ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށެވެ.
އެ ފިލްމުގައި ޔާމީއާ އެކު ދެން އެންމެ މުހިންމު ރޯލު ނުވަތަ އޭނާގެ ފިރިމީހާގެ ރޯލު ކުޅުނީ އިމްރާން ހާޝްމީ އެވެ.
މިދިޔަ އަހަރު ގެނެސްދިން މި ފިލްމަކީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އަދި ނެޓްފްލިކްސް އިން މި ފިލްމު ސްޓްރީމް ކުރަން ފެށުމާ އެކު ގިނަ ބައެއްގެ ތައުރީފު އޮއްސާލި އެވެ.