އިންޑިއާގެ 72 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގައި "އާޓިކަލް 370" އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދުމަށް ފަހު، މަޝްހޫރު އެކްޓްރެސް ޔާމީ ގޯތަމް ފިލްމީ ދާއިރާއަށް ނުކުންނަން މަސައްކަތްކުރާ "އައުޓްސައިޑަރުން" ނުވަތަ އާއިލީ ނުފޫޒެއް ނެތި އަމިއްލައަށް މަސައްކަތްކުރާ މީހުންނަށް ހިތްވަރުގެ މެސެޖެއް ދީފަ އެވެ.

އެވޯޑު ހަފުލާއަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ޔާމީ ބުނީ ބޮޑެތި ހުވަފެންތަކާ އެކު އިންޑިއާގެ މުމްބާއީއަށް ދާ އެންމެންގެ ނަމުގައި އޭނާ ބުނަން ބޭނުންވަނީ މުސްތަގުބަލުގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ ކަމަށެވެ. އަދި އަމާނާތްތެރިކަމާ އެކު މުރާލިކޮށް މަސައްކަތް ކުރަމުން ގެންދިއުމަށާއި ކޮންމެވެސް ދުވަހަކުން އެ މަސައްކަތުގެ ކާމިޔާބީ ހައްގު ގޮތުގައި ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ޔާމީ ބުނީ ދިރިއުޅުމުގެ ދަތުރުގައި އޭނާއަށް އަދިވެސް ދަސްކުރަންޖެހޭ އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި އިންޑިއާގެ ތާރީހާ ގުޅިފައިވާ މުހިންމު ތަނެއްގައި ގައުމީ އެވޯޑެއް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ބުންޏެވެ. 

އެ އެވޯޑު ހަފުލާ ބޭއްވީ ގުޖުރާތުގެ އެކްތާ ނަގަރުގަ އެވެ. 

ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 14 އަހަރު ފަހުން ޔާމީއަށް މި އެވޯޑު ލިބިފައި ވަނީ 2024 ވަނަ އަހަރު ނުކުތް ސިޔާސީ އެކްޝަން ތުރިލާ ފިލްމު "އާޓިކަލް 370"ގައި އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުން އޭނާ ދެއްކި މޮޅު އެކްޓިންއަށެވެ. މި ފިލްމަކީ ޔާމީގެ ފިރިމީހާ އަދި ޑައިރެކްޓަރު އަދިތުޔާ ދާރުގެ ޕްރޮޑަކްޝަނުން އުފެއްދި ފިލްމެކެވެ.