ހޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑިސީ"ގެ ވޯލްޑް ޕްރިމިއާ އިނގިރޭސިވިލާތުގެ ލަންޑަނުގައި މިއަދު ބާއްވާފައިވާއިރު، އެ ފިލްމު ބެލި ފިލްމު ކްރިޓިކުންގެ ފަރާތުން ފިލްމަށް އާދަޔާ ހިލާފު ތަރުހީބެއް ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފިލްމުގެ ފުރަތަމަ ރިވިއުތަކުގައި ގިނަ ކްރިޓިކުން ވަނީ "ދަ އޮޑިސީ"އަކީ "އިންޓަސްޓެލާ" އާއި "އިންސެޕްޝަން" ކަހަލަ މޮޅު ފިލްމުތައް ގެނެސްދީފައިވާ ނޯލަންގެ ކެރިއަރުގައި މިހާތަނަށް އުފެއްދި އެންމެ ފުރިހަމަ، އަދި އެންމެ މޮޅު "މާސްޓަޕީސް" ފިލްމު ކަމަށް ސިފަކޮށްފަ އެވެ. އަދި މި ފިލްމުގެ ތަރިންގެ ފަރާތުން ފެނުނީ އެމީހުންގެ ކެރިއަރުގެ އެންމެ މޮޅު އެކްޓިން ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮލައިޑާގެ ކްރިޓިކް ސްޓީވަން ވެއިންޓްރައުބް ބުނި ގޮތުގައި މި ފިލްމަކީ ގަބޫލުކުރަން ވެސް ދަތިހާ މޮޅު ފިލްމެކެވެ. ފިލްމުގެ އެކްޓިން އާއި ހޯމާގެ ވާހަކައިގައި ހިމެނޭ ސުޕަނެޗުރަލް އަދި ބިރުވެރި ބައިތައް ނޯލަން ގެނެސްދީފައިވާ ގޮތް ވަރަށް ފުރިހަމަ އެވެ.
ފިލްމް ކްރިޓިކެއް ކަމަށްވާ ޕެރީ ނެމިރޮފް ފާހަގަކުރި ގޮތުގައި މިއީ ހޯމާގެ އެޕިކް ވާހަކަ ނޯލަންގެ އަމިއްލަ ސްޓައިލަށް ގެނެސްދީފައިވާ ވަރަށް ވަރުގަދަ ފިލްމެކެވެ. މިހާ ބޮޑު އަދި އަސަރުގަދަ ވާހަކައެއް މިހާ ފުރިހަމައަށް ސިނަމާއަށް ގެނެސްދެވޭނެ އެހެން ޑައިރެކްޓަރެއް މި ދުނިޔޭގައި އުޅޭނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމު ޖާނަލިސްޓް ރޭޗަލް ލެއިޝްމަން ބުނީ މި ފިލްމަކީ ލޯތްބާއި ބީވުމުގެ މައްޗަށް ބިނާކޮށްފައިވާ، ނޯލަންގެ މޮޅުކަން ވަރަށް ފުރިހަމައަށް ދައްކައިދޭ ފިލްމެއް ކަމަށެވެ.
މި ފިލްމުގައި "އޮޑިސިއަސް"ގެ ރޯލު ކުޅެނީ މެޓް ޑޭމަން އެވެ. މީގެ އިތުރުން ރޮބަޓް ޕެޓިންސަން، އޭން ހެތަވޭ، ޓޮމް ހޮލެންޑް، ޒެންޑޭއާ، ޖޯން ލެގުއިޒާމޯ އަދި ލުޕިޓާ ނިއޮންގޯ ކަހަލަ މަޝްހޫރު ތަރިން މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.
ވެރައިޓީގެ ޖޭޒް ޓޭންގްކޭ އަދި ފިލްމު ޖާނަލިސްޓް ސައިމަން ތޮމްޕްސަން ވެސް ފާހަގަކުރި ގޮތުގައި މެޓް ޑޭމަންގެ ފަރާތުން ފެނުނީ އޭނާގެ ކެރިއަރުގެ އެންމެ ވަރުގަދަ އަދި އެންމެ މޮޅު އެކްޓިން އެވެ.
ފޭންޑެންގޯގެ އެރިކް ޑޭވިސް ވަނީ ރޮބަޓް ޕެޓިންސަންގެ އެކްޓިންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ފިލްމުގައި "އެންޓިނަސް" ގެ ނުލަފާ (ވިލަން) ރޯލުން ފެންނަ ޕެޓިންސަންއަކީ މުޅި ފިލްމުގެ ސަމާލުކަން އަތުލި ތަރި ކަމަށާއި، އޭނާގެ މަކަރުވެރި އަދި ރޭވުންތެރި އެކްޓިން ބަލާލަން ވަރަށް ޝައުގުވެރިވި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭން ހެތަވޭ އާއި ޓޮމް ހޮލެންޑްގެ ހުނަރަށް ވެސް ކްރިޓިކުން ތައުރީފުކޮށްފައިވެ އެވެ.
ގްރީކްގެ ގަދީމީ ޅެމެއްގެ މައްޗަށް ހަދާފައިވާ މި ފިލްމަކީ، ހަނގުރާމައަށް ފަހު ރަސްގެފާނު އޮޑިސިއަސް އެނބުރި ގައުމަށް ދިޔުމަށް ކުރާ 10 އަހަރުގެ ދިގު، ނުރައްކާތެރި ދަތުރު ދައްކާ ފިލްމެކެވެ. މި ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާއި 53 މިނެޓެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ މި މަހު 17 އިން ފެށިގެންނެވެ.