ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އެންމެފަހުގެ މާސްޓަޕީސް "ދަ އޮޑިސީ"އަށް ފާޑުކިޔުންތެރިންގެ ފަރާތުން އާދަޔާޚިލާފު ބޮޑު ތަރުހީބަކާއި ތައުރީފެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނީ މިއަދު ރަސްމީކޮށް ރިލީޒްކުރާ މި ފިލްމު ވެފައި ވަނީ ނޯލަންގެ ކެރިއަރުގައި ވެސް މިހާތަނަށް އެންމެ މަތީ ރޭޓިންއެއް ހޯދި ފިލްމަށް ކަމަށެވެ.
މި ފިލްމު ރިލީޒްކުރުމުގެ ކުރިން ކްރިޓިކްސް ނުވަތަ ފާޑުކިޔުންތެރިންނަށް ފިލްމު ދެއްކުމާ އެކު، މަޝްހޫރު ފިލްމު ރިވިއު ސައިޓް ކަމަށްވާ "ރޮޓެން ޓޮމާޓޯސް"ގައި މި ފިލްމުގެ ރޭޓިން ވަނީ 96-99 ޕަސެންޓާ ދެމެދުގެ ދެމެދުގެ އަދަދަކަށް މައްޗަށް ޖެހިލައިފަ އެވެ. މިއީ ނޯލަންގެ "ދަ ޑާކް ނައިޓް" (94 ޕަސެންޓު) އަދި "އޮޕެންހައިމާ" (93 ޕަސެންޓު) އަށް ވުރެ ވެސް މަތީ އަދަދެކެވެ.
ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފާޑުކިޔުންތެރިން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ؛
- ދަ ގާޑިއަން: "މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މާސްޓަޕީސްއެއް. މިއީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ކޮލިޓީއެއް ހުރި ފިލްމެއް."
- ދަ އިންޑެޕެންޑެންޓް: "މިއީ ނޯލަންގެ ކެރިއަރުގައި މިހާތަނަށް ގެނެސްދިން އެންމެ މޮޅު މަސައްކަތް."
- ދަ ޓައިމްސް: "އުފަލާއި ހިތާމައިގެ އިތުރުން މޮޅު ސިނަމަޓޯގްރަފީގެ ފުރިހަމަ މިސާލެއް."
މި ފިލްމަކީ ގްރީކްގެ މަޝްހޫރު ޅެންވެރިޔާ ހޯމާ ލިޔެފައިވާ "ދަ އޮޑިސީ" ކިޔާ 3،000 އަހަރުވީ މަޝްހޫރު ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ވާހަކަ ބިނާކޮށްފައި ވަނީ ޓްރޯޖަން ހަނގުރާމައަށް ފަހު، ރަސްގެފާނު އޮޑިސިއަސް (މެޓް ޑޭމަން) އޭނާގެ އަމިއްލަ ވަޒަން ކަމަށްވާ އިތާކާ އަށް އެނބުރި ދިއުމަށް ކުރާ ދިގު، އަދި ބިރުވެރި ދަތުރަށެވެ. އެ ދަތުރުގައި ކަނޑުގެ ރާޅުތަކާއި ގްރީކް ކާބަފައިންގެ ގަބޫލުކުރުންތަކާއި އެކި ކަހަލަ ބިރުވެރި ކަންކަމާ އޭނާއަށް ކުރިމަތިލާން ޖެހެ އެވެ. އެ ދަތުރަށް 10 އަހަރު ހޭދަވާއިރު، އޭނާގެ އަނބިމީހާ ޕެނެލޮޕީ (އޭން ހެތަވޭ) އާއި ފިރިހެން ދަރިފުޅު ޓެލެމާކަސް (ޓޮމް ހޮލޭންޑް) ގޭގައި އޭނާގެ އިންތިޒާރުގައި ތިބެ އެވެ.
މިއީ ޖުމްލަ 250 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
މުޅި ފިލްމު ޝޫޓްކޮށްފައި ވަނީ ހަމައެކަނި އައިމެކްސް ފިލްމު ކެމެރާތައް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ކޮންމެ މަންޒަރެއްގެ ކޮލިޓީ ވަރަށް މަތިވެފައި ބޮޑު ސްކްރީނުގައި ބަލާލަން ވަރަށް ފުރިހަމަ ވާނެ އެވެ.
މެޓް ޑޭމަންގެ އެކްޓިންއަށް ގިނަ ބަޔަކު ސާބަސްދެމުން އަންނައިރު، ޒުވާން އެކްޓަރު ޓޮމް ހޮލޭންޑްގެ އިމޯޝަނަލް ރޯލަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ އިތުރުން ރޮބަޓް ޕެޓިންސަން އާއި ޒެންޑޭޔާ އަދި ޝާލީޒް ތެރަން ކަހަލަ މަޝްހޫރު ތަރިންގެ މޮޅު ހުނަރު ވެސް މި ފިލްމުން ފެނެ އެވެ.
މި ފިލްމުގެ ބެކްގްރައުންޑް މިއުޒިކާއި ބެރުގެ އަޑުތަކުން މުޅި ސިނަމާ ގުގުމާލާ ކަހަލަ އިހުސާސެއް ބެލުންތެރިންނަށް ކުރުވާ ކަމަށް ރިވިއުތަކުގައި ބުނެފައިވެ އެވެ.
މި ފިލްމަކީ ކުރިއަށް އޮތް އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރާނެ އެންމެ ކުރީގައި އުޅޭ ފިލްމު ކަމަށް މިހާރު ވެސް ހޮލީވުޑްގެ ފިލްމީ މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.