(ބުދަ ދުވަހާ ގުޅޭ)
ދޮހޮއްކޮ ވިސްނައިލިއެވެ. ހިތަށް އެރިއެވެ. އާދަނުގެ ކިބައިން ބަދަލުހިފަން މިއީ ރަނގަޅު ދަނޑިވަޅެކެވެ. އަނެއްކޮޅުން، ސައްލާކުރަން އެއްވި ދެ ގެއަށް އާދަނު ދިޔައެވެ. ލިޔުންތައް އަންދާކަށް ވަގުތެއް ނުލިބުނެވެ. ލިޔުންތަކާއި ދަރޭތި ވެސް ވަޅުލީއެވެ. ހުރިހައި ކަމެއް ކޮށްފައި، ނާދީއަށް ދާން ހިނގައިގެންފައި ކުއްލިއަކަށް ހިތަށް އެރިއެވެ. ދޮހޮއްކޮ ނައީ ކީއްވެގެންބާއެވެ؟ އާދަނަށް ދޮހޮއްކޮ ލަނޑެއް ދިނީބާއެވެ؟ ހައްޔަރު ކޮށްފައި ހުއްޓައި ފިލުމަކީ އަދަބު އިތުރުވާނެ ކަމެކެވެ. އާދަނަށް އެ ވަރު ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ދޮހޮއްކޮއަށް ޝައްކު ކުރަމުން، މީހަކު ފާރަލާތޯ ވަށައިގެން ހޯދަމުން ނާދީގެ ދޮރާ ހަމައަށް އާދެވުނު އިރު ވެސް މީހަކާ ދިމައެއް ނުވިއެވެ. އާދަނު މަޑުމަޑުން ނާދީ ތެރެއަށް ބޯދިއްކޮށްލިއެވެ. ތަނު ތެރޭގައި އޮތީ ހަމަހިމޭންކަމާއި އަނދިރިކަމެވެ.
"ދޮހޮއްކޮ!" ވައިއަޑުން އާދަނު ގޮވައިލިއެވެ.
ދޮހޮއްކޮ ޖަވާބެއް ނުދިނެވެ. ދެ ފަހަރަކު ގޮވައިލައިފައި އާދަނު އެތެރެއަށް ވަނެވެ. ދޮހޮއްކޮ ކުރިން ވެސް އިން ތަނުގައި އިނެވެ. އާދަނު ގޮސް ގާތުގައި އިށީނެވެ.
"ކަލެއަށް ގޮވާގޮވާ!" އާދަނު ބުންޏެވެ. "ކީއްވެތަ އަނގައިން ނުބުނީ؟"
"ބަނޑަށް ގޮވިޔަކަސް އަހަންނަށް އަޑުއިވޭތަ؟" ދޮހޮއްކޮ ވެސް ވައިއަޑުން ބުންޏެވެ. "ވިތަ އެ ކަން؟"
ކަން ހިނގައިދިޔަ ގޮތުގެ އުފާވެރި ޚަބަރު ދިނުމަށް ފަހު ދޮހޮއްކޮ އާއި އާދަނު ދުރުދުރުގައި އިށީނދެލައިގެން ތިއްބެވެ. ދަންވަރު ބާރަ ޖަހަން އުޅެނިކޮށް ޔޫސުބާއި ދޮންމަނިކު ގޮވައިގެން ހަސަން ކަލޭފާނު އައެވެ. އެ މީހުން ބޭތިއްބީ އާދަނުމެންނާ ދުރުގައެވެ. ނާދީގެ ގޮނޑިތައް ތަރުތީބުކޮށް، ފަރުދާ ނަގައި، ބިގަރު ދިއްލައި އަލިކުރިއެވެ. ދެން ފެނުނީ ސިފައިންގެ ދެތިން މީހުންނާ އެކު ހަމީދު ވަޑައިގަތް ތަނެވެ. އޭގެ ފަނަރަ ވަރަކަށް މިނެޓު ފަހުން ހަސަން ކަލޭފާނު އައިސް އެންމެން އެތެރެއަށް ވެއްދިއެވެ. ސުވާލުކުރަން އިންނެވީ ހަމީދެވެ.
"ކަލޭމެން މި ގެނައީ ކީއްވެގެންކަން އެނގޭ؟" ފުރަތަމަ ސުވާލަކީ އެއީއެވެ.
އެކަކަށް ވެސް އަނގަ ހުޅުވައިލާކަށް ނުކެރުނެވެ. އެކަކުއަނެކަކަށް ބަލަބަލައި ތިބީއެވެ. ތަނަށް ފެތުރިފައިވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ.
"އާދެ އެނގޭ!" ޒުވާން އާދަނު ވާހަކަ ދެއްކިއެވެ. "އަޅުގަނޑު މި ތަނަށް ގެންނަންޖެހޭ އޮންނާނީ އެންމެ ސަބަބެއް."
"އެނގެންޏާ އަޅެ ބުނެބަލަ! ކޮން ސަބަބެއް؟" ހަމީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރާ ބެހެން އުޅޭ ވާހަކަ އައްސަވައިގެން ކަމަށް ވާނީ." އާދަނު ބުންޏެވެ.
ހަމީދު ކަޅި ވެސް ނުޖައްސަވައި އާދަނާ ދިމާއަށް ބަލަހައްޓައިގެން އިންނެވިއެވެ.
"ސަރުކާރާ ބެހޭށޭ؟" މަލާމާތުގެ ރާގެއްގައި ހަމީދު ވިދާޅުވިއެވެ.
"އާދެ!" ދެން ވެސް ޖަވާބު ދިނީ އާދަނެވެ.
"ސަރުކާރާ ކިހިނެއް ބެހެން؟" ހަމީދު ވިދާޅުވިއެވެ.
"ސަރުކާރާ ބެހެވޭނެ ސަރުކާރު ވައްޓާލަން އުޅުނަސް،" އާދަނު ބުންޏެވެ."ވެރިޔާ އަވަހާރަ ކޮށްލަން އުޅުނަސް."
"އެހެންތަ ހަދަން އުޅުނީ؟" ހަމީދު ވިދާޅުވިއެވެ. އަދި މޭފުޅުގައި އިނގިލި ޖައްސަވާފައި އެއްސެވިއެވެ. "މަ މީ ކާކުކަން ކަލެއަށް އެނގޭތަ؟"
އާދަނު ހިތަށްއެރިއެވެ. ނޭނގޭ ކަމަށް ހެދިއްޖެ ނަމަ އެ ވާނީ ދޮގަކަށެވެ.
"އާދެ! އެނގޭ!" އާދަނު ޖަވާބުދިނެވެ.
"ނޭނގޭ!" ހަމީދު ކޯފާވެފައި ނިކަން ބާރަށް ވިދާޅުވިއެވެ. "ބަލަ ކަލޭމެން މަރާލަން އުޅުނު ވެރިޔާއޭ މީ! ކަލެއެއްނު މޭފުއްޕާފަ ބުނީ އަހަރެން މަރާލިޔަސް ފާފައެއް ނުވާނޭ! މުޅި ރާއްޖޭގެ ރައްޔިތުންގެ ބޮލުގަ އެޅިފަ އޮތް ޒިންމާއެކޭ އެއީ! ކިފާޔަތުގެ ފަރުޟެކޭ! ކެރޭ މީހަކު ނުކުމެ މަރާލަންވީއޭ! ކެރޭ ބަޔަކަށް އަހަރުމެން ވާންވީއޭ!"
އާދަނު ހިތަށް އެރިއެވެ. އާދަނު އެހެން ބުނީ ދަރޭތި ފަރިތަކުރުމުގެ ތެރޭގައެވެ. އެ ވަގުތު އެ ތަނުގައި ތިބީ ތިން މީހުންނެވެ. ދޮންމަނިކާއި ދޮހޮއްކޮ އާއި ޔޫސުބެވެ. އެންމެނާ ދޭތެރޭގައި ވެސް އާދަނަށް ޝައްކު ކުރެވުނެވެ. ކޮންމެވެސް އެކަކު ނުބައި ހެދީއެވެ. ހަމީދަށް ވިކުނީއެވެ.
"ބުނީމެއްނު އެހެން!" ހަމީދު އަޑުގެކޮޅަށް ވިދާޅުވިއެވެ. "ޖަވާބުދީ!"
"އާދެ! އަޅުގަނޑު އެހެން ބުނިން." އާދަނު ބުންޏެވެ.
"ކަލެއަކަށް ނޭނގޭތަ ކިހާ ވަރެއްގެ އެއްޗެއްކަމެއް އެ ބުނެވުނީ؟" ހަމީދު އެއްސެވިއެވެ.
"އާދެ! އަޅުގަނޑަށް އެނގޭ!" އާދަނު ބުންޏެވެ.
"އެނގިގެން އެކަންޏެއް މި ކަމެއް ނުނިމޭނެ،" މޭޒުގައި ނިކަން ބާރަށް ޖައްސަވާފައި ހަމީދު ވިދާޅުވިއެވެ. "ތިޔަ ނޫން ސިފައެއްގަ އަހަންނަށް ކަލޭ ފެނުނު ނަމަ ވަރަށް ލޯބިން ކަލެއަށް ކަމޭހިތައިގެން ގެންގުޅުނީމުސް. ދެން ކުރާނެ ކަމެއް ނެތް. ހަމަ މިހާރު އެންމެން ގެންގޮސް ހައްޔަރުކުރޭ!"
ހަތަރު މީހުން އެއްކޮށް ގެންގޮސް ބަނޑޭރިގޭ ދޮރުން ވެއްދިއެވެ. ބަނޑޭރިގޭ ކުރިމަތިން އޮންނަނީ މާލޭ އުތުރުފަރާތު މޫދެވެ. ދޮރުން ވަން އިރު ކުރިމަތީގައި، ބަނޑޭރިގޭ ތެރޭގައި އުސް އިމާރާތެއް ރާނަން ފަށައިފައި ހުއްޓެވެ. އިމާރާތް ހުރީ ނިމުމަކާ ގާތަށް ގޮސްފައެވެ. ބަނޑޭރިގޭ ބޮޑުދޮރުގެ ކަނި ހުރީ، ދެމޭ ދަގަނޑު ދޮރެއް ހަރުކުރެވޭ ގޮތަށް ފައްކާކޮށްފައެވެ. ދަގަނޑު ދޮރެއް ނެތެވެ. އިމާރާތުގެ އެތެރޭގައި ކުޑަ އިމާރާތެއް ވެސް ހުއްޓެވެ. މުސްކުޅި ބަނޑޭރިގެއަކީ އެއީއެވެ. އެ ގެ ހުންނަނީ ހަމަބިމަށް ވުރެ ފޫޓެއް ހައި އުހުގައެވެ. އެ ތަނަށް އަރައި، އެ ދިމާގައި ހުންނަ ދޮރުން ނުކުމެވެނީ މާލޭގެ ދެކުނުފަރާތަށެވެ. ގުޅަކުޅޭ ފަސްގަނޑާ ދިމާއަށެވެ.
ޝަރީއަތް ފެނުނީ ޖެހިގެން އައި ދުވަހު ހެނދުނުހެނދުނާއެވެ. ބަނޑޭރިގޭގެ ދިގު ފެންޑާގައި ދިގު، ލަކުޑި މޭޒެއް ހުރެއެވެ. ޝަރިޔަތް ކުރައްވަން މޭޒުގެ ކޮޅުގައި އިންނަވަނީ ވެސް ހަމީދެވެ. ކަނާއަތް ފަރާތު، ދިގު ގޮނޑިއެއްގައި ކާތިބަކަށް އިންނެވީ ޝިހާބެވެ. ވައަތް ފަރާތުގެ ދިގު ގޮނޑީގައި ތިއްބެވީ އަޙްމަދުމަނިކާއި މުހައްމަދު ކަލޭފާނާއި ދޮންކަލޭފާނެވެ. އޭގެ ތެރެއިން ދޮންކަލޭފާނަކީ ވަރަށް ބިޔަ މީހެކެވެ. ބައެއް ދޮރުދޮރުން އޭނައަށް ވެންނެވެނީ ހަނިއަރިއަކަށެވެ.
އާދަނުމެންގެ ހަތަރު މީހުންނާ ވެސް ކުރީ ހަމަ އެއްކަހަލަ ސުވާލުތަކެކެވެ. ބޭނުންވި ޖަވާބު ނުލިބުމުން އެންމެން ގެންގޮސް އެއް ފައިގައި އަނދަގޮނޑިޖެހިއެވެ. އަނދަގޮނޑި ކިޔަސް އެއީ ގޮނޑިއެއް ނޫނެވެ. މެދުން ކީހާލައިފައިވާ ދިގު، ބަރު، ލަކުޑި ބެރިއެކެވެ. އެ ލަކުޑިގަނޑުގައި ދެ ލޯވަޅު ކަނޑާފައި ހުރެއެވެ. ލަކުޑިގަނޑު މެދުން ދިގަށް ފަޅައިލީމައި ލޯވަޅު ހުންނަނީ މެދުން ފަޅިވެފައެވެ. އެއީ ފައި ލައްވާ ތަނެވެ. ލަކުޑިގަނޑުގެ އެއްކޮޅުގައި ހުންނަނީ ހުޅެއް ލައިފައެވެ. އަނެއް ކޮޅުގައި ހުންނަނީ ތަޅު ހަރުކުރެވޭ ގޮތަށް ތަޅުފަތްގަނޑެއް ލައިފައެވެ. ލަކުޑިގަނޑުގެ އެއްކޮޅު ހިއްލާފައި، އަޑިކޮޅާ ދިމާވާ ގޮތަށް ފައިގެ ކަށިމައްޗާ ހިސާބު ބާއްވާފައި، ލަކުޑިގަނޑު ބާއްވާފައި ތަޅުލީމައި ދެނެއް ފައި ދަމައެއް ނުގަނެވޭނެއެވެ. ހަމަ ގުޑުމެއް ވެސް އަރުވައެއް ނުލެވޭނެއެވެ. ބައެއް ފަހަރު ދެ އަތާއި ދެ ފައިގައި ވެސް އަނދަގޮނޑިޖަހައެވެ. އާދަނުގެ ޖެހީ އެއް ފަޔެވެ. އެ ފައި ވަރުބަލިވީމައި އަނެއް ފަޔެވެ. އަތް ވެސް ޖެހީ ފަހަރަކު އަތެކެވެ. ފައިގައި އަނދަގޮނޑި ޖެހީމައި ގިނަ އިރު އާދަނު އޮށޯވެގެން އޮންނަނީއެވެ. އޮށޯންނަން ލިބެނީ ތުނި ކުނައެކެވެ. ބައެއް ފަހަރު އާދަނު އިށީނދެގެން ވެސް އިނދެއެވެ. އޭރު ވެސް އަށިގޭގައި އަށާރަ ވަރަކަށް މީހުން ހައްޔަރުކޮށްފައި ތިއްބެވެ.
އަށިގޭގައި ވަރަށް ނުފޫޒުގަދަ، މީހުން އިތުބާރުކުރާ މީހަކު އުޅެއެވެ. އޭނައަށް ކިޔަނީ އުނގޫފާރު ކެޔޮޅުބެއެވެ. އިސްކޮޅުން ކުރު، ހިމަތޮޅި، ދެވަން ފުރައިގެ، އޮޅަލި މީހެކެވެ. ވަރަށް ބާރަށް ވައިލާ، ވަރަށް މޮޅު ފަންޑިތަވެރިއެކެވެ. ވަމުންދާ ކަންކަމާއި ވެދާނެ ކަންކަން ވެސް އޭނަ ކިޔައިދެއެވެ. ޝައުގުވެރިކަމާ އެކު އެންމެން އަޑުއަހައެވެ.
"ކޮބާ! ކަލޭ ވެސް އަވަހަށް ސަލާމަތްވޭތޯ އުޅެންވީނު؟" އާދަނުގެ ފައިގައި އަނދަގޮނޑި ޖަހާފައި ސިފައިން ދިޔުމުން ކެޔޮޅުބޭ ބުންޏެވެ. "ފަންޑިތައެއް ހަދާލަމާ!"
ކެޔޮޅުބޭ ހަދައިލާ ފަންޑިތައަކުން އާދަނު ސަލާމަތް ނުވާނެކަން އާދަނަށް އެނގެއެވެ. އާދަނު ކުރީ އާދައިގެ ކުށެއް ނޫންވީމައެވެ.
"އަހަރެން ފަންޑިތަ ހައްދާ ހިތެއް ނެތް." އާދަނު ބުންޏެވެ.
"އެއީ ކީއްވެ ނަހަދަންވީ؟" އެހެން މީހަކު ބުންޏެވެ. "ހަފުތާއެއް ތެރޭގަ ސަލާމަތްވެގެން ނުކުމެވޭނެ. ހާދަ ބަޔަކު ސަލާމަތްވެގެން ހިނގައްޖޭ! މީ ތޯތޯއެއް ނޫނޭ! މުޖައްރިބު ފަންޑިތަ."
އާދަނަކަށް ގަބޫލެއް ނުކުރެވެއެވެ. ރޭގަނޑު ދެ ނަމާދު ދޭތެރޭގައި، ކުށްވެރީންގެ އުނަގަނޑުގައި އަޅާފައި އޮންނަ ރޮދިގަނޑު ނުވަތަ ފޮތިކޮޅު ކެޔޮޅުބޭ އަތަށް ދެއެވެ. އެއީ މުންޑު ހަރުލައްވަން އަޅާފައިއޮންނަ އެއްޗެކެވެ. އެ ދިނުމުން އެ ހުރިހައި ސާމާނެއް ހިފައިގެން އައިސް، އާދަނު ޖަހާފައި އޮންނަ އަނދަގޮނޑި މަތީގައި ކެޔޮޅުބޭ އިށީނދެއެވެ. ކެޔޮޅުބޭ ހުންނަނީ އަނދަގޮނޑިޖަހާފައެއް ނޫނެވެ. ހަމަޖެހިލައިގެން އިށީނދެގެން އިނދެވޭ ވަރުގެ އުސްމިނެއް އަނދަގޮނޑީގައި ހުރެއެވެ. އޭގައި އިށީނުމަކުން އަނދަގޮނޑީގައި އޮންނަ މީހެއްގެ ފަޔަކަށް އެއްވެސް ބާރެއް ނުކުރެއެވެ. ކެޔޮޅުބޭ ކިޔަވާ ބަނދިވަރެއް ކިޔަވަނީ އެ ތަނުގައި އިނދެގެންނެވެ. އިރުއިރުކޮޅާ، އަތުގަ އޮންނަ ރޮދިގަނޑުގައި ގޮށެއްޖަހައެވެ. އޭނަ ބުނާ ގޮތުގައި ސާޅީސް ގޮށް ނުޖެހެނީސް އެ މީހަކު އަށިގެއިން މިނިވަންވާނެއެވެ. އެއީ ތެދެއް ކަމަށް މީހުން ހެކިވެއެވެ.
ހަމީދުގެ އަނިޔާވެރިކަމާއި ވެރިކަން ހިންގަވާލެއް ކިހައި ދޯހަޅިކަން އާދަނުގެ ހަމަލޮލަށް ފެނުނީ އެ ފަހަރުއެވެ. އާދަނު ހައްޔަރުކުރީ ހަމީދު އަވަހާރަ ކޮށްލަން އުޅުމުގެ ކުށުގައެވެ. ހުކުން ކުރަންވީ ގޮތް އެނގިވަޑައިގަންނަވަނީ ހަމީދަށެވެ. އަދަބު ދޭން ވެސް އިންނަވަނީ ހަމީދެވެ. އެ ނިންމުން އިންސާފުވެރިވާނެ ގޮތެއް އާދަނަކަށް ނުވިސްނެއެވެ.
ދުވަސްވަރަކީ ހަމީދުގެ ތަރި މެދުއުޑާ ދިމާއަށް މިސްރާބު ޖަހާފައިވާ ދުވަސްވަރެވެ. އެ މަނިކުފާނުގެ ނުފޫޒު ގަދަވެފައި، ފާޅުގައި ދެކޮޅަށް ކިނބިއްސެއް އަޅައިލާނެ މީހަކު ވެސް ނުހުރެއެވެ. ރައްޔިތުންގެ މުޅި މަޖިލީހުގެ ތާއީދު ހަމީދަށް އޮވެއެވެ. އެންމެ މޮޅެތި ކާރުގެ ތެރެއިން ކާރެއް ގެންނަވައި، ކާރުކޮޅުގައި ހަމީދު އުޅުއްވަން ބައެއް މެންބަރުން ވާހަކަ ދެއްކެވި އިރު، އަނެއްބައި މެންބަރުން ބާރު އެޅުއްވީ ސިފައިންގެ ހަށިފާރަވެރިން، ފުރިހަމަ ހަތިޔާރާ އެކު އަބަދު ވެސް ހަމީދުގެ އަރިހުގައި ބެއިތިއްބުމަށެވެ. ފިސްތޯލަ ޖެހުމުގެ ތަމުރީނު ހޯއްދެވުމަށް ޓަކައި ހަމީދު ކަރައަށް ވަޑައިގެން، އަމިއްލަ ޖީބުކޮޅުގައި ވެސް މޮޅު ފިސްތޯލައެއް ގެންގުޅުއްވުމަށެވެ.
އާދަނުމެންނަށް ދޭން ފެންނަ އަދަބަކާ ބެހޭ ގޮތުން ވެސް މަޖިލީހުގައި މަޝްވަރާ ކުރެވުނެވެ. އަތޮޅު މެންބަރުންގެ ހިޔާލުތައް ހުރީ ވަރަށް ހަރުކަށިކޮށެވެ. ރާއަތޮޅު މެންބަރާއި ޅަވިޔަނިއަތޮޅު މެންބަރާއި އައްޑުއަތޮޅު މެންބަރު އަޑަށް ބާރުލައްވައި ވާހަކަ ދެއްކެވިއެވެ.
"އަޅުގަނޑަށް ފެންނަނީ ކަރައިން ދަގަނޑު އަތްތިލައެއް ގެނެސް އެއިން ތަޅަން." އެއް މެންބަރަކު ބުނުއްވިއެވެ.
"ބަޑިޖަހާ މަރަންވީ! މަރަށް މަރު!" ދެން ތިއްބެވި ދެ މެންބަރުން ހިޔާލު ދެއްވިއެވެ. (ނުނިމޭ)