އިންޑިއާގެ ޓީވީ ތަރި ޖެނިފާ ވިންގެޓް، އޭނާގެ ލޯބިވެރިޔާ ވިލިއަމް އިޝްމާއެލްއާ ކައިވެނިކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިނގިރޭސިވިލާތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައިވެނީގެ ހަފްލާއަކީ ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން ބޭއްވި ވަރަށް ޕްރައިވެޓް ހަފްލާއެކެވެ.

އެ ކައިވެނީގެ ޚަބަރު ޖެނިފާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ.

ކައިވެނީގެ ވީޑިއޯއަކާއި ފޮޓޯތައް ހިއްސާކޮށް ޖެނިފާ ލިޔެފައި ވަނީ "އަދި އެންމެ ފަހުން އަހަރެމެންގެ ތަރިތައް ބައްދަލުވެއްޖެ" ކަމަށެވެ.

ކައިވެނީގެ ހަފްލާގައި ޖެނިފާ ލައިގެން ހުރީ "ކާލިއޯ" ބްރޭންޑުން އޭނާއަށް ޚާއްސަކޮށް ފަހާފައިވާ ހުދުކުލައިގެ ހެދުމެކެވެ. ވިލިއަމް ހުރީ ނޭވީ-ބްލޫ ކުލައިގެ ސޫޓެއްގަ އެވެ.

ވިލިއަމްއަކީ ސިންގަޕޫރުގައި މަސައްކަތްކުރާ ފައިނޭންސް ދާއިރާގެ އިސްވެރިއެކެވެ. އޭނާއަކީ "އެމްއެޗްސީ ޑިޖިޓަލް ގްރޫޕް"ގެ ޑިރެކްޓަރު އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން އެވެ.

ޖެނިފާ އާއި ވިލިއަމްގެ ލޯބީގެ ގުޅުން މީޑިއާގެ ސަމާލުކަމަށް އައީ ވަރަށް ފަހުންނެވެ.

މިއީ ޖެނިފާގެ ދެވަނަ ކައިވެންޏެވެ. އޭނާ ކުރިން ކައިވެނިކުރީ އިންޑިއާގެ ޓީވީ ތަރި ކަރަން ސިންގް ގްރޯވަރާ އެވެ. އެ ކައިވެނި 2014 ގައި ވަނީ ރޫޅިފަ އެވެ.