ވަރުން ދަވަން: ނިތޭޝްގެ އާ ފިލްމުގެ ލީޑުން ފެންނާނެ ކަމަށްވޭ.
18 އެޕްރީލް 2017 - 05:33
ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން ވަރުން ދަވަން މިހާރު ހިމެނެނީ ޑައިރެކްޓަރުން އެ މީހުންގެ ފިލްމްތަކަށް ގެންނަން ބޭނުންވާ އެކްޓަރުންގެ ތެރެއިން އެންމެ ކުރީގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާމިރާ ހާންގެ "ޑަންގަލް" ޑައިރެކްޓް ކުރި ނިތޭޝް ތިވާރީ އަލަށް މަސައްކަތް ފަށާ ފިލްމްގެ ލީޑް ރޯލް ވަނީ ވަރުން އަށް ހުށަަހަޅައިފަ އެވެ.
މި ފިލްމަކީ ވަރުން މިހާރު ކުޅެމުން އަންނަ ފިލްމް "ޖުޅްވާ 2" ގެ ޕްރޮޑިއުސަރު، ސާޖިދު ނަދިއަދްވާލާ އާއި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށް ނުވާ އިރު، ވަރުން ލައިގެން ނިތޭޝް ހަދާ ފިލްމަކީ ރޮމޭންޓިކް އެކްޝަން-ޑްރާމާއެއް ކަމަށްވެ އެވެ.
މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މިހާރު ލަންޑަންގައި ޝޫޓް ކުރަމުން އަންނަ "ޖުޅްވާ 2" ގެ މަސައްކަތް ނިމުމުން ކަމަށްވެ އެވެ.
އަމީތާބާއި ދީޕިކާ ޕަދްކޯންގެ މޮޅު އެކްޓިންއެއް ގެނިގެން ދިޔަ "ޕީކޫ" ގެ ޑައިރެކްޓަރު، ސުޖިތު ސިރްކާސްގެ އާ ފިލްމްގެ ލީޑް ރޯލް ވެސް ވަނީ ވަރުން، 29، އަށް ހުށަހަޅައިފަ އެވެ.
މޮޅެތި ޑައިރެކްޓަރުންގެ ފިލްމްތަކުން ވަރުން އަށް ފުލުފުލުން ފުރުސަތު ލިބެމުންދާ ނަމަ، މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާއަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކްޓަރަށް ވެގެން ހިނގައިދާނެ ކަމަށް މިހާރު ވެސް އަންދާޒާ ކުރެވެ އެވެ.
ނިތޭޝް ތިވާރީ: އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރީ "ޑަންގަލް.
ނިތޭޝްގެ އާ ފިލްމާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ މިހާރު ހުރީ "ޑަންގަލް" ޗައިނާގައި ރިލީޒް ކުރުމަށްޓަކައި އާމިރާ އެކު އެ ގައުމުގަ އެވެ.
"ޑަންގަލް" ޗައިނާގައި އަޅުވާނީ އަންނަ މަހުގެ 5 ގަ އެވެ. އާމިރް މިހާރު އަންނަނީ ފިލްމުގެ ޕްރޮޕޯޝަން ޗައިނާގައި ވަރަށް ގަދަ އަށް ޖައްސަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯ
18 April 2017
މިހާރަކަށް އައިސް ވަރުން އިޒް "ދަވަން" ހުރިހާ ފިލްމަކަށްވެސް