(ބުދަ ދުވަހާ ގުޅޭ)
"ރުހުމުގަ ސޮއިނުކޮށްފިއްޔާ ގަދަކަމުން ވެސް ކުރުވާނަން. ސޮއިކުރޭ! "މޭޒުމަތީގައި އޮތް ލިޔުމަކަށް އިޝާރާތް ކުރައްވާފައި ހަމީދު އަމުރު ކުރެއްވިއެވެ.
އާދަނު އެ ލިޔުން ކިޔައިލިއެވެ. އޭގައި ލިޔެފައި އޮތީ، ވަގުތު ޖެހުމުން އާދަނު އަށިގެއިން ނެރޭނެ ކަމަށް އާދަނު ބުނި ވާހަކައެވެ. އެއީ އާދަނު ބުނި ގޮތެވެ. އެހެނަސް އާދަނު ހިތަށް އެރިއެވެ. އޭގައި ސޮއިކުރުމުގެ އެއްވެސް ބޭނުމެއް ކޮބައި ހެއްޔެވެ؟އަށިގެއިން މިނިވަނެއް ނުކުރާނެއެވެ. ކުޑަމިނުން އަދަބު ލުޔެއް ވެސް ނުކޮށްދޭނެއެވެ.
"ނުކުރާނަން ސޮޔެއް." ގޮތްދޫނުކުރާ ރާގެއްގައި އާދަނު ބުންޏެވެ.
"އެއީ ކީއްވެ؟" ހަމީދު ފުންމައިގެން ތެދުވެވަޑައިގެންފައި ވިދާޅުވިއެވެ. "ބަލަ ކަލޭ ބުނި ގޮތަށޭ ލިޔެފަ މި އޮތީ. އަކުރަކަށް ފިއްޔަކަށް ވެސް ބަދަލެއް ގެނެސްފައެއް ނޯންނާނެ."
"ހެވޭ! އަޅުގަނޑަކީ މަރާލަން ނިންމާފަ ހުރި މީހެއް،" އާދަނު ބުންޏެވެ. "ދެން އަޅުގަނޑު ކޮން ސޮޔެއްތޯ ކުރަންވީ؟ ތިޔަ ބޭކަލުން އަޅުގަނޑު މަރަންޏާ މެރީމަ އެ ކަން ނިމުނީނު. އަޅުގަނޑަކީ މަރު ދެކެ ބިރު ގަންނަ މީހެއް ނޫން."
އާދަނުގެ ބަސްމަގު ހުރި ގޮތުން ހަމީދު ހައްތަހާ ކޯފާވިއެވެ.
"ހާދަހާ ގަދައެއް ދައްކާނަމޭ ހިތައޭ ދޯ ތި އުޅެނީ." ހަމީދު ވިދާޅުވިއެވެ.
"ގަދަ ދެއްކިޔަސް ނުދެއްކިޔަސް ތިޔަކު އަޅުގަނޑެއް ސޮޔެއް ނުކުރާނަން،" އާދަނު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ކުރައްވާނެ ކަމެއް ކުރައްވާ!"
"އޭނަގެ އަތުގަ ހިފާފަ ގަދަކަމުން ސޮއިކުރުވާ!" ސިފައިންނަށް ހަމީދު އަމުރު ކުރެއްވިއެވެ.
ސިފައިން އެ މަސައްކަތް ފެށިއެވެ. އާދަނު އަތަށް ގަލަން ދިނެވެ. އެކަމަކު އާދަނު ގަލަމުގައި ނުހިފާތީ އެ ކަމެއް ނުވިއެވެ. ގަލަން ދޭ އިރަށް އާދަނު ގަލަން ވައްޓައިލައެވެ. އެންމެ ފަހުން އަތުގެ އިނގިލިތަކު ތެރެއަށް ގަލަން ޖަހާފައި އެ މީހުންނަށް އެޅުނީ ރޮނގެކެވެ. އެއީ އާދަނުގެ ސޮޔެއް ނޫނެވެ. އެ ވަރުން ފުއްދައިލީއެވެ.
އިސްކޫނަރު ފަތުޙުއްސަލާމު ނުވަތަ ތިރިނައުކޮޅުގެ އާބާތުރަފިލުވުމަށް ޓަކައި ސިލޯނަށް ގެންދަން މަޝްވަރާ ކުރެވުނެވެ. އެހެނަސް މުދާ ބަރުކުރުމުން ނައު ފެނަށް ތިރިކޮށް އޮންނަލެއް ބޮޑުކަމުން އެ ނައު އެހެލުން ބުއްދިވެރިކަމުގައި ވެސް ވާހަކަ ދެކެވުނެވެ. ހަމީދު ބޭނުންފުޅުވަނީ ރާއްޖެއަށް އާގުބޯޓެއް ބައްލަވައިގަންނަވާށެވެ. އެ ކަމާ ގުޅޭ ގޮތުން އާދަން ކަލޭފާނަށް ފެނިލައްވާ ރައުޔެއް ހަމީދަށް އެރުވުމަށް ޓަކައި ކަލޭފާނު ގަނޑުވަރަށް ދުރުވިއެވެ. ދިގު މަޝްވަރާއަކަށް ފަހު، ހަވާސާއިން ބޭރުގައި އެހެން ވާހަކައެއް ވެސް ހަމީދު ވިދާޅުވިއެވެ.
"ކޮބާ ހަފީޒާގެ ކިޔެވުން ކިހިނެއް؟" ހަމީދު އެއްސެވިއެވެ.
އާދަން ކަލޭފާނުގެ ނަޒަރުގައި ހަފީޒާގެ ކިޔެވުން ކުރިޔަށް ދާ ގޮތް ހަމީދަށް އެނގިވަޑައިގަންނަވާނެއެވެ. ވަރަށް ގާތުން ބައްލަވާނެއެވެ. ހަމީދު އެ ސުވާލު ކުރެއްވީ އެ މައުލޫ ނެންގެވުމުގެ ބޭނުންފުޅުގައެވެ.
"ކުރީ ދުވަހު ކަންތައް ދިމާވި ގޮތުން އަޅުގަނޑު މި ހުންނަނީ ނުރަސްމީ އެއްވެސް އެއްޗެއް މަނިކުފާނަށް ދަންނަވަން ނުކެރިފަ،" އާދަން ކަލޭފާނު ބުނުއްވިއެވެ. "ހަފީޒާ ބޭނުމެއް ނުވޭ ސިލޯނުގަ ހުންނާކަށް."
"ދަރިންގެ މުސްތަގުބަލު ބިނާކުރާނީ މައިންބަފައިން،" ހަމީދު ވިދާޅުވިއެވެ. "ކަލޭފާނު ބޭނުންތަ ދަރިފުޅު މާލެ ގެންނަން؟"
އާދަން ކަލޭފާނު އެއްޗެއް ދަންނަވަން އުޅުއްވިއެވެ.
"އެ ސުވާލުގެ ޖަވާބު ދޭނެ ކަމެއް ނެތް،" ހަމީދު ވިދާޅުވިއެވެ. "އަޅުގަނޑު ގޮތެއް ނިންމައިފިން. މަނިއްޕުޅު މާދަމާ ކޮޅުނބަށް ފޮނުވާލާނަން. އެނގިދާނެތާ!"
ދުރަށް އޮބާފައިވާ ފެހި ވިނަތަކާއި ރުއްގަސްތަކަށް ނަޒަރު ހުއްޓައިލައިގެން، ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހަފީޒާ ހުއްޓެވެ. އާދަނާ އެތަކެއް ސަތޭކަ މޭލު ދުރުގައެވެ. މާޒީގެ ރީތި ސަފުހާތައް އެއްލެމުންދިޔައެވެ. ރަނުން ލިޔެވިފައިވާ ބާބުތަކެވެ. ކަޅުން ލިޔެވިފައިވާ ޖުމުލަތަކެވެ. ސިލޯނުގައި ތައުލީމު ހާސިލުކުރުމަކަށް ހަފީޒާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ސަމާލުކަމެއް ވެސް ނެތެވެ. ސިލޯނަށް ހަފީޒާ އައީ އާދަނު އެދުނީތީއެވެ. ހަފީޒާގެ އިޝްގީ ތަރާނާއަކީ މަލާއިކަށިން ގެތިފައިވާ ދަސްތާއެކެވެ.
"ހަފީ!" ޝަރަފިއްޔާ ކޮޓަރިއަށް ބޯދިއްކޮށްލާފައި ބުންޏެވެ. "އެބަ ވަޑައިގަންނަވާ!"
ފޫހި ގޮތަކަށް ބަލައިލުމަށް ފަހު ހަފީޒާގެ ޝައުގުވެރިކަން އަނެއްކާ ވެސް ކުޑަދޮރުން ބޭރުވިއެވެ. ހަފީޒާޔާ އެއް އުމުރުގެ ޝަރަފިއްޔާ ދުވެފައި އައިސް ހަފީޒާގެ އަތުގައި ހިފިއެވެ. ހަފީޒާ ގަދަހަދައިލިއެވެ.
"ދެން ހިނގާބަލަ!" ޝަރަފިއްޔާ ބުންޏެވެ. "އެންމެން އެބަ ތިބި ޕޯޓިކޯ ތެރޭގަ. އެބަ ކިޔާ އެ ބޭފުޅާ ވަރަށް ވައްތަރުވާނޯ މަޝްހޫރު ފިލްމްސްޓާރު ދިލިޕްކުމާރާ!"
ދެން ވެސް ހަފީޒާ ދާ ހިތެއްނުވިއެވެ. ޝަރަފިއްޔާއަށް ޖެހުނީ އަތުގައި ހިފައިގެން ގެންދާށެވެ. ލައިގެން ހުރި މެކުސީ އެއް އަތުން ކޮށިކޮށްލައިގެން ގޮސް ހަފީޒާ މަޑުކޮށްލީ، ދޮށީ މަނިއްޕުޅަށް މަރުހަބާ ދެންނެވުމަށް ދަމައިލެވިފައިވާ ކިޔޫގެ އެންމެ ފުލުގައެވެ. އެމަނިއްޕުޅަކީ ހަފީޒާގެ ކާކުކަން އެނގޭ އެކަކު ވެސް އެ ތާކު ނެތެވެ. ސިލޯނަށް ހަފީޒާ އައި ފަހުން މާލެ ގެންގޮސް، ހަފީޒާގެ ގޭގައި، އާދަން ކަލޭފާނާއި ހަމީދުގެ ކުރިފުޅުމަތީގައި ނިންމުނުނިންމުން ދެނެހުރީ ދާދި މަދު ބަޔެކެވެ. ދޮށީ މަނިއްޕުޅާއި ހަފީޒާ ބައްދަލުވެފައިވަނީ ރަސްމީ އެންމެ ބައްދަލުވުމެއްގައެވެ. މަނިއްޕުޅުގެ ކިބައިގައި ހަފީޒާ ވަރަށް ގަޔާނުވާ ސިފައެއް ހުރެއެވެ. ބޭފުޅުވަންތަކަން މާ ބޮޑުވެފައި އަބުއީއެވެ.
އޮސްޓިން އޭ ފޯޓީ ސަމާސެޓް ސެލޫން މަރުކާގެ، އޮފުއަރާ، ކަޅުކުލައިގެ ކާރު، މަޑު ދުވެއްޔެއްގައި އައިސް ދޮރުމައްޗަށް މަޑުކޮށްލުމާ އެކު ޑުރައިވަރު ނުކުމެ ފަހަތު ދޮރު ހުޅުވައިދިނެވެ. ހަފީޒާއަށް ބަލަހައްޓައިގެން ހުރެވުނީ ފައިބާ މީހާގެ ފަޔަށެވެ. ހީކޮށްގެން ހުރީ، ބޭފުޅުން އަރުއްވާ ޒާތުގެ، ފޫހި، އޮފު ބޫޓެއް ފެންނާނެ ކަމަށެވެ. ނަމަވެސް ފެނުނީ ޕްރިންސް އަލްބަޓް ފަރުމާގެ ލެދާ ފައިވާނެކެވެ. ހަފީޒާ އިސްއުފުލައިލިއެވެ. ދެން ފެނުނީ ޑްރެއިންޕައިޕު ފަޓުލޫނެކެވެ. ދެން ކޭންޕުކޮލާ ގަމީހެކެވެ. އެއީ ފެންވަރު ރަނގަޅު އެހެނަސް އެންމެ ޒަމާނީ، ނުރަސްމީ ހެދުންތަކެވެ. ވަރަށް ސާދާ ހެދުންކޮޅެއްގައި ހުންނެވި ދޮށީ މަނިއްޕުޅުގެ މޫނުފުޅުން ކުރިން ފެންނަ ކިބުރުވެރިކަމެއް ނުފެނެއެވެ. ލުއި ހިނިތުންވުމަކާ އެކު ފުރަތަމަ ވެސް ބައްލަވައިލެއްވީ ހަފީޒާއަށެވެ. އެއީ ހަފީޒާގެ ލޯބިވެރިޔާގެ ކިބައިން ހަފީޒާ ދެކެން ބޭނުންވާ މަންޒަރެވެ. ހަފީޒާއަށް ގާވެފައި ހުރެވުނީއެވެ. ނޭވަޔަކާ ނޭވަޔެކެވެ. ވިންދަކާ ވިންދެކެވެ. އެސްފިޔަޖަހައިލަން ވެސް ހަފީޒާ ހަނދާނެއް ނެތެވެ. އެންމެނާ ސަލާންކުރައްވަމުން ވަޑައިގެން ހަފީޒާ ކުރިމައްޗަށް ހުއްޓިވަޑައިގަތެވެ. ސަލާންކުރައްވަން އަތް ދިއްކޮށްލެއްވިއެވެ. ދެން ވެސް ގާވެފައި ހަފީޒާއަށް ހުރެވުނީއެވެ. އެއީ ގަސްތުގައި ކުރި ކަމެއް ނޫނެވެ.
މެންދުރުކެއުމުގައި މަނިއްޕުޅު ބައިވެރިވެވަޑައިގަތެވެ. ތަނުގައި ކިޔަވަން ތިބި ހުރިހައި ދަރިވަރުންނާ އެކުގައެވެ. އެކަކު ފިޔަވައެވެ. ހަވީރު ސަޔަށް ވެސް ވީ އެހެންނެވެ. ހަފީޒާ އިނީ ގޯތި ތެރޭގައި އޮތް ބޮޑު މަސްފެންގަނޑު ކައިރީގައެވެ. އަތުގައި އޮތް ބަނަހުން އެތިކޮޅެއް ނައްޓައިލާފައި ފެންގަނޑަށް އެއްލުމުން ބޭންގުތަކާއި، ފޫޓުމަސްތައް ބަޑިތަޅައިގަނެއެވެ. ހަފީޒާ ހިތަށް އެރިއެވެ. މަނިއްޕުޅުގެ ހެދުން ތުރުކުރެއްވުން ބަދަލުކުރެއްވީ ކީއްވެގެން ހެއްޔެވެ؟ ރައްޓެއްސެއް ގާތުގައި ހަފީޒާއަށް އެ ވާހަކަ ދެއްކުނު ވަގުތު މަނިއްޕުޅު ސިއްރުން އަޑުއެއްސެވީ ހެއްޔެވެ؟ މާލޭގައި އޮތް ބައްދަލުވުމަށް ފަހު، ގާތް އެކުވެރިއެއް ގާތުގައި ހަފީޒާއަށް ބުނެވުނެވެ. ދޮށީ މަނިއްޕުޅު އަބަދު ވެސް ހީވާނީ ޖަލްސާއަކަށް ވަޑައިގަންނަވަން އުޅުއްވާ ހެންނެވެ. އަޅެ އެއް ފަހަރު ވެސް ތަންކޮޅެއް ސާދާ ހެދުންކޮޅެއް ތުރުކުރެއްވިއްޔާ ވާނީ ކީއް ހެއްޔެވެ؟
"ހާދަ ބަނޑުހައިވެފައޭ ދޯ؟" މަނިއްޕުޅުގެ އަޑުއިވުނެވެ.
ހަފީޒާ ބަލައިލި އިރު މަނިއްޕުޅު ހުންނެވީ ދާދި ގާތުގައެވެ. ކުއްލިއަކަށް ހަފީޒާއަށް ތެދުވެވުނެވެ. އަދަބުއަދާކުރުމުގެ ގޮތުންނެވެ.
"މާފުކުރައްވާ! އަޅުގަނޑު ނުދެނަހުރިން މަނިއްޕުޅު ހުންނެވިކަމެއް." އިސްޖަހާލައިގެން ހުރެ ހަފީޒާ ބުންޏެވެ.
"މެންދުރު ކާކަށް ނާދޭ! ހަވީރު ސައިބޯކަށް ނާދޭ! މަސްތަކަށް ވުރެ ހަފީޒާ މާ ބަނޑުހައިވެފަ މިހާރު ހުންނާނީ،" މަނިއްޕުޅު ވިދާޅުވިއެވެ. "ހިނގާ ސައިބޯން."
"މަނިއްޕުޅު ވަޑައިގަންނަވާ!" އަދަބުވެރިކަމާ އެކުގައި ހަފީޒާ ބުންޏެވެ. "އަޅުގަނޑު ފަހުން ސައިބޯނީ. މި ތާ ތި ގޮތަށް މަނިއްޕުޅު ހުންނަވަނިކޮށް މީހަކަށް ފެނިއްޖެއްޔާ ފާޑުފާޑުގެ ވާހަކަ ދައްކާނެ. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުމެންގެ..."
"އަހަރެން އަތްދިއްކުރީމަ ސަލާން ނުކުރީ ކީއްވެ؟" މަނިއްޕުޅު ވިދާޅުވިއެވެ. "އެ ކަހަލަ ކަންތައް ކުރީމަ މާ ގިނަ މީހުން އަޅައިގަންނާނެއްނު. ރައްޓެހިން އެބަ އަހާ ހަފީޒާ ކީއްވެހޭ ސަލާން ނުކުރީ؟"
"މާފަށްއެދެން،" ހަފީޒާ ބުންޏެވެ. "މަނިއްޕުޅު ހެދުން ތުރުކުރައްވާފަ ހުރި ގޮތުން އަޅުގަނޑު.."
"ރީތިތަ؟" މަނިއްޕުޅު އެއްސެވިއެވެ. "ތެދަށް ބުނަންވާނީ. އަހަންނަށް ހީވަނީ ޖޯކަރެއް ހެން. އެކަމަކު ހަފީޒާގެ ހިތް އަތުލެވޭތޯ އެ ކަން ވެސް ކުރީ."
ހަފީޒާ އިސްއުފުލައިލިއެވެ. މަނިއްޕުޅާ ހަތަރުކަޅި ހަމަކުރިއެވެ.
"އަޅުގަނޑަކީ އާދައިގެ އިންސާނެއް،" ހަފީޒާ ބުންޏެވެ. "ދެ ހިތެއް ނުގެންގުޅެން."
އިރުއޮއްސުނެވެ. ރޭގަނޑު އަށެއްޖެހި ތަނައި ހޮސްޓެލްގެ ދޮރުމައްޗަށް ކާރެއް މަޑުކުރިއެވެ. ކާރަށް އެރީ ހަފީޒާ އެކަންޏެވެ. ކާރު ދުއްވައިލިއެވެ. ހުރިހައި ކަމެއް ވެސް ހިނގީ އެހެން މީހެއްގެ ލޮލުގައި އަޅައިނުގަންނާނެ ކަހަލަ ގޮތަކަށެވެ.
ކޯރެއް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އިންތިޒާރުގައި، ވަރަށް ޒީނަތްތެރިކޮށްފައިވާ، ދިގު ބައްތެއްޔެއް ކަހަލަ އެއްޗެއް އޮތެވެ. އިންޖީނުގެ ބަދަލުގައި، ފަރާތެއްގައި ދެ ފަލިވެރިން ތިއްބެވެ. ހަފީޒާއަށް މަރުހަބާ ކިޔަން މަނިއްޕުޅު ހުންނެވިއެވެ. ހަފީޒާ އެ ތަނަށް އައީ އަންނަން ބޭނުންވެގެނެއް ނޫނެވެ. އަންނަން މަޖުބޫރުވެގެންނެވެ.
ބައްތެލި ދުއްވައިލިއެވެ. ހަނދުވަރު ރީތި، އުޑުމަތި ސާފު ރެޔެކެވެ. އުތުރުން ޖެހިލާ ނަލަ ރޯޅިޔާ އެކުގައި މަނިއްޕުޅު ތުރުކުރައްވައިގެން ހުންނެވި ގައިރްލަނހް ޝަލީމާރު ސެންޓުގެ މީރުވަހުން ހަފީޒާގެ އެސްފިޔަތައް ލޮޑުކުރުވިއެވެ. ބައްތެލީގެ މެދުގައި، ދިރުނބާކޮޅަށް މޫނުވާ ގޮތަށް ބަހައްޓާފައިވާ، ދެ މީހެއްގެ ޖާގައިގެ ގޮނޑިއެއް ހުއްޓެވެ. ގޮނޑީގެ ގޮދަޑީގައި ހުރީ ދަނބުކުލައިގެ މަހުމާ ޖަހައި، ވިހޭފަށް އަޅައި ޒީނަތްތެރި ކޮށްފައެވެ. ކޮޅުފަސްކޮޅުގައި އޫދެއް ހިފައިގެން މިޔުޒިކު ކުޅެން އަންހެނަކު އިނެވެ. އެއިން އިވެނީ ގިޓައިން އިވޭ ކަހަލަ، އެހެނަސް މާ ޖާދުވީ އަޑެކެވެ. ހަފީޒާ އިންނަން ޖެހުނީ މަނިއްޕުޅާ ކޮނޑާކޮނޑު ޖައްސައިގެންނެވެ. ގޮނޑީގައި ތަން ނެތުމުންނެވެ. ނަމަވެސް ހަފީޒާގެ ހިތަކު ލޯބީގެ ޖަޒުބާތެއް، ދުލަކު ލޯބީގެ ލަފުޒެއް ވެސް ނެތެވެ.
"ތި އިންނަނީ އަނގައިން ނުބުނަން ނިޔަތް ގަނެގެންތަ؟" ވަރަށް މަޑުމަޑުން މަނިއްޕުޅު ވިދާޅުވިއެވެ. "ނުކެރޭނެ ތިހެން އިންނާކަށް. އަށިގޭގަ އޮތް މީހަކަށް ލުޔެއް ހޯދައިދޭން ބޭނުން؟ އާދަން ކަލޭފާނަކަށް އެ ކަމެއް ނުކުރެއްވޭނެ. ހަފީޒާއަށް ކުރެވިދާނެ."
"ކިހިނެއް؟" ހަފީޒާ ދުލުން ފުރަތަމަ ލަފުޒު ބޭރުވިއެވެ. (ނުނިމޭ)