ބޮލީވުޑްގެ ތަރި އިމްރާން ހާޝްމީގެ އެންމެފަހުގެ އެކްޝަން ތުރިލާ ފިލްމު "އާވާރާޕަން 2"އަށް ފުރަތަމަ ހަފުތާ ބަންދުގައި 100 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ. 

އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް "އާވާރާޕަން 2" ނެރުނީ މިދިޔަ ހުކުރު ދުވަހު އެވެ. ފުރަތަމަ ހަފުތާ ބަންދު ނިމުނުއިރު، އިއްޔެގެ ނިޔަލަށް އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 110.10 ކްރޯޑު ރުޕީސް (11.54 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 

އިންޑިއާގެ ބޮކްސް އޮފީހުގައި އެ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 98.10 ކްރޯޑު ރުޕީސް (10.26 މިލިއަން ޑޮލަރު) އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން ލިބިފައި ވަނީ 12 ކްރޯޑު ރުޕީސް (1.25 މިލިއަން ޑޮލަރު) އެވެ. 

މި ފިލްމަކީ 2007 ވަނަ އަހަރު ނުކުތް ކަލްޓް ކްލާސިކް ފިލްމު "އާވާރާޕަން"ގެ ސީކުއެލްއެކެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށް، ވިޝޭޝް ބަޓް ޕްރޮޑިއުސްކުރި އެ ފިލްމުގައި އިމްރާންގެ އިތުރުން ދީޝާ ޕަޓާނީ އާއި ޝަބާނާ އަޒްމީ މުހިންމު ރޯލުތައް ކުޅެފައިވެ އެވެ. 

މި ފިލްމަކީ އިމްރާންގެ 20 އަހަރަށް ވުރެ ދިގު ފިލްމީ ކެރިއަރުގައި ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

މި ފިލްމުގެ ކާމިޔާބީ ހާއްސަވާ އަނެއް ސަބަބަކީ، "އާވާރާޕަން"ގެ ފުރަތަމަ ފިލްމަށް ސިނަމާތަކުގައި ލިބުނު މުޅި ލައިފްޓައިމް އާމްދަނީ (13 ކްރޯޑު ރުޕީސް)، ދެވަނަ ފިލްމުން ފުރަތަމަ ދުވަހު ވެސް ފަހަތަށް ޖައްސާލުމެވެ.

އިމްރާންގެ ކެރެކްޓަރާއި މި ފިލްމުގެ މިއުޒިކަށް އޮތް ބޮޑު ތަރުހީބުގެ ސަބަބުން މި ފިލްމަކީ މި އަހަރު ނުކުތް ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން 8 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

ސިނަމާތަކުގައި ދެއްކުމަށް ފަހު މި ފިލްމު ސްޓްރީމްކުރުމަށް ހަމަޖެހިފައި ވަނީ އެމަޒޯން ޕްރައިމް ވީޑިއޯއިންނެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ތައިލެންޑުގެ ބެންކޮކާއި މެލޭޝިއާގެ ކުއަލަ ލަމްޕޫރުގަ އެވެ. 

"އާވާރާޕަން 2"ގެ ވާހަކަ ބިނާކޮށްފައި ވަނީ ފުރަތަމަ ފިލްމުގެ ހާދިސާތަކަށް ފަހު، ކުރީގެ ކުށުގެ ވެށިން ދުރުވެ އަމާން ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ ޝިވަމް (އިމްރާން)ގެ މައްޗަށެވެ. މަރުވެފައިވާ އޭނާގެ ލޯބިވެރިޔާގެ ހަނދާނުގައި ނަންދީފައިވާ ތިން އަހަރުގެ ކުޑަކުއްޖަކު ކިޑްނެޕްކޮށް، ކުޑަކުދިންގެ ވަގުފާރި ނެޓްވޯކެއްގެ ތެރެއަށް ވައްޓާލުމުން، އެ ކުއްޖާ ސަލާމަތްކުރުމަށް ޝިވަމް ބެންކޮކަށް ދެ އެވެ.

އެ ނުރައްކާތެރި މިޝަންގެ ތެރެއިން އޭނާ ބެންކޮކްގެ އަނދިރި ޖަރީމާތަކުގެ ތެރެއަށް ވަދެ، އެ ކުއްޖާގެ އިތުރުން އަނިޔާލިބެމުންދާ އެހެން ކުދިން ސަލާމަތްކުރަން ކުރާ ނުރައްކާތެރި މަސައްކަތްތައް މި ފިލްމުގައި ދައްކަ އެވެ.