ބިރުވެރި ފިލްމު ފްރެންޗައިޒް "އިޓް"ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރީކުއެލް ސީރީޒް "އިޓް: ވެލްކަމް ޓޫ ޑެރީ"ގެ ދެވަނަ ސީޒަނެއް އުފެއްދުމަށް އެޗްބީއޯ އިން ނިންމައިފި އެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓީވަން ކިންގްގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރި އެ ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. އެ ސީރީޒަށް ކްރިޓިކުންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ފުރަތަމަ ސީޒަންގެ ވާހަކަ، 1962 ވަނަ އަހަރު "ޑެރީ" ކިޔާ ހިޔާލީ ރަށެއްގައި ހިނގާ ހާދިސާތަކަކަށް ބިނާކޮށްފައިވާއިރު، އެ ސީރީޒްގައި ދައްކަނީ ސިފަ ބަދަލުކުރާ ބިރުވެރި ޖޯކަރު "ޕެނީވައިޒް"ގެ ފަރާތުން އެ ރަށުގެ މީހުންނަށް ކުރިމަތިވި ނުރައްކާތަކެވެ.

ނަމަވެސް، ރިޕޯޓްތައް ބުނި ގޮތުގައި، ދެވަނަ ސީޒަންގެ ވާހަކަ ދާނީ އެއަށް ވުރެ ވެސް މާ ކުރިއަށް، ޒަމާންތަކެއް ފަހަތަށެވެ. އެއީ 1935 ވަނަ އަހަރުގެ "ގްރޭޓް ޑިޕްރެޝަން" ދުވަސްވަރަށެވެ. ދެވަނަ ސީޒަން މައިގަނޑު ގޮތެއްގައި ބިނާކުރާނީ ބޭންކް ފޭރު މީހުންގެ ގްރޫޕެއް ކަމަށްވާ "ބްރެޑްލީ ގޭންގް" ޑެރީއަށް މަޑުކުރުމުން އެމީހުންނާ ކުރިމަތިވާ ނާމާން ހާދިސާތަކުގެ މައްޗަށެވެ.

އެ ސީރީޒް އުފެއްދީ 2017 ގެ "އިޓް" ފިލްމާއި "އިޓް: ޗެޕްޓާ ޓޫ" ޑައިރެކްޓްކުރި އެންޑީ މުޝިއެޓީ އާއި އޭނާގެ ކޮއްކޮ ބާބަރާ މުޝިއެޓީ އަދި ޖޭސަން ފުކްސް އެވެ.

ދެވަނަ ސީޒަންގައި މުޅި ސީރީޒްގެ މައިގަނޑު ޝޯ ރަނާގެ ގޮތުގައި ހަރަކާތްތެރި ވާނީ ބްރެޑް ކޭލެބް ކޭން އެވެ.

އެންޑީ އާއި ބާބަރާ މުޝިއެޓީ ބުނި ގޮތުގައި، ސްޓީވަން ކިންގް އުފެއްދި މުއްސަނދި ދުނިޔެ އިތުރަށް ފުޅާކުރުމަކީ ލިބޭ ބޮޑު ޝަރަފެކެވެ.

އެޗްބީއޯ މެކްސް އޮރިޖިނަލް ޕްރޯގްރާމިންގެ ހެޑް ސާރާ އޯބްރީ ބުނީ ޑެރީގެ ނާމާން ދުނިޔެއަށް އެނބުރި އައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެވަނަ ސީޒަންގައި ބިރުވެރިކަމާއި ސިއްރުތައް އަދި ޕެނީވައިޒްގެ ތާރީހު އިތުރަށް ފުންކޮށް ދައްކުވައިދޭނެ ކަމަށެވެ.

ދެވަނަ ސީޒަންގެ ކާސްޓާއި ގެނެސްދޭ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.