ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށް ފަހު ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް އިއްޔެ ހުޅުވައިފި އެވެ. 

ސައިފް އިންސްޓަގްރާމްގައި ހިއްސާކުރި ފުރަތަމަ ޕޯސްޓުގައި ފެންނަނީ އޭނާގެ އަމިއްލަ ގޭގައި ހުންނަ "ޕަޓޯޑީ ލައިބްރަރީ"ގައި ފޮތެއް ހިފަހައްޓައިގެން އިންނަ މަންޒަރެވެ.

އެ ފޮޓޯތަކާ އެކު އޭނާ ލިޔެފައި ވަނީ "ޕަޓޯޑީ ލައިބްރަރީ.. ފޮތުގެ ބޭރުގަނޑަށް ބަލައި ގޮތް ނިންމުން،" މިހެންނެވެ.

އިންސްޓަގްރާމާ ގުޅުނު ނަމަވެސް ސައިފް އަދި ފޮލޯކުރަނީ އެންމެ އެކައުންޓަކަށެވެ. އެއީ އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން އަށެވެ.

ސައިފް ސޯޝަލް މީޑިއާއާ ގުޅުމާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ އޭނާގެ އެކައުންޓަށް ފޮލޯކުރަމުންނެވެ. އޭނާގެ ފޮލޯވާސްގެ އަދަދު މިހާރު ވަނީ 100،000 އާ ގާތްކޮށްފަ އެވެ. 

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ސައިފް ވަނީ އޭނާގެ ސިއްރު އިންސްޓަގްރާމް އެކައުންޓެއް އޮންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް އާންމުކޮށް ސޯޝަލް މީޑިއާގައި އުޅެން ބޭނުންނުވާ ކަމަށް އޭރު ބުންޏެވެ.