ބޮލީވުޑްގެ ސެލެބްރިޓީ ޖޯޑު ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު ޚާންގެ ކައިވެންޏަށް މިހާރު ގިނަ އަހަރުތަކެއް ވެފައިވާއިރު، ސައިފް ކަރީނާއާ ކާވެނިކުރަން އެދުނީ އެންމެ ފަހަރަކު ނޫން ކަމަށާއި ތިން ފަހަރު މަތިން ކަމަށް ކަރީނާ ހާމަކޮށްފި އެވެ.

އެ ވާހަކަ ކަރީނާ ހާމަކުރީ އިންޑިއާގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ބައިވެރިވެ ދެއްކި ވާހަކަތަކެއްގެ ތެރެއިންނެވެ.

ކަރީނާ ކިޔައިދިން ގޮތުގައި ސައިފް އޭނާއަށް އެންމެ ފުރަތަމަ ޕްރޮޕޯސްކުރީ އިންޑިއާގެ މުމްބާއީގަ އެވެ. އޭގެ ފަހުން ގްރީސްގައި ވެސް ކައިވެނިކުރަން އެދުމުން އޭނާ އެކަމަށް އިންކާރު ކުރި އެވެ. ނަމަވެސް، ތިންވަނަ ފަހަރު ފްރާންސްގެ ޕެރިސްގައި ސައިފް ޕްރޮޕޯސް ކުރުމުން ކަރީނާ ވަނީ އެކަމަށް އެއްބަސްވެ "އާނއެކޭ" ބުނެފަ އެވެ.

މި ވާހަކަތަކާ ގުޅިގެން ސައިފް ވަނީ ސަމާސާ ރާގަކަށް ވާހަކަދައްކަމުން، މުމްބާއީގައި ޕްރޮޕޯސްކުރި ފަހަރު ކަރީނާ "އާނއެކޭ" ބުނި ނަމަ، ދަތުރުތަކަށް ކުރަން ޖެހުނު ހަރަދު ސަލާމަތްވީސް ކަމަށް ބުނެފަ އެވެ. އެ މަޖާ ވާހަކަތަކަށް ޝޯގެ ބައިވެރިންނާއި ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ. 

ސައިފް އާއި ކަރީނާގެ ލޯބީގެ ވާހަކަ ފެށުނީ 2007 ވަނަ އަހަރު އުފެއްދި ފިލްމު "ތަލާޝް"ގެ މަސައްކަތުގެ ތެރެއިންނެވެ. އެއަށް ފަހު އަހަރުތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު އެމީހުން ކާވެނިކުރީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ ދެމަފިރިންގެ މިހާރު ދެ ފިރިހެން ދަރިން ތިބެ އެވެ.