އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ޔޯ ޔޯ ހަނީ ސިންގް (ހިރްދޭޝް ސިންގް) މިއުޒިކް ޝޯއެއްގައި އާންމުން ނުރުހޭ ފަދަ ހުތުރު ވާހަކަތަކެއް ދެއްކި މައްސަލައަކާ ގުޅިގެން އިންޑިއާގެ މަހާރާޝްތުރާގެ ސައިބާ ސެލްއަށް ހާޒިރުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ ސައިބާ ސެލްއަށް ހާޒިރުކޮށް ދެ ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ސުވާލުކުރުމަށް ފަހު އޭނާގެ ބަޔާން ވެސް ނެގި އެވެ.

ސައިބާ ސެލްއަކީ އިންޓަނެޓާއި ކޮމްޕިއުޓަރ މޯބައިލް ފޯނު އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތައް ތަހުގީގުކޮށް ހުއްޓުވުމަށް އިންޑިއާގެ ފުލުހުންގެ އިދާރާތަކުގައި އުފައްދާފައިވާ ހާއްސަ ޑިޕާޓްމަންޓެކެވެ.

މީގެ ކުރިން ސައިބާ ސެލްއިން ތަކުރާރުކޮށް ފޮނުވި ނޯޓިސްތަކަށް ހާޒިރުނުވެ، މި މަހު 22 އަށް މައްސަލަ ފަސްކޮށްދިނުމަށް ހަނީ ސިންގް އެދުނު ނަމަވެސް، ތަހުގީގީ އިދާރާއިން ވަނީ އެ އެދުން ރައްދުކޮށް އިއްޔެ އެތަނަށް ހާޒިރުވުމަށް އަންގައިފަ އެވެ.

އޭނާ ހާޒިރުނުވެއްޖެ ނަމަ، ގާނޫނީ ފިޔަވަޅެއްގެ ގޮތުން "ލުކް އައުޓް ސާކިއުލާ" ނެރޭނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ދިން ކަމަށާއި އެއާ އެކު އޭނާ ވަނީ ވަރުގަދަ ސެކިއުރިޓީއާ އެކު ސައިބާ ސެލްގެ އޮފީހަށް ހާޒިރުވެފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި މައްސަލަ ފެންމަތިވީ ޝޯއެއްގެ ތެރޭގައި ހަނީ ސިންގް ދެއްކި ވާހަކަތަކަކާ ގުޅިގެން އާންމު މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސައިބާ ސެލްގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ހަނީ ސިންގް ދިން ބަޔާންތައް ދިރާސާކުރުމަށް ފަހު، ތަހުގީގުގެ ބޭނުމަށް އިތުރަށް އޭނާ ހާޒިރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

މިއީ ހަނީ ސިންގްއާ ދެކޮޅަށް ފެންމަތިވި ފުރަތަމަ ގާނޫނީ މައްސަލައެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާގެ ލަވަތަކުގައި އަންހެނުންނަށް އިހުތިރާމް ކުޑަކުރުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ކޯޓުތަކަށް ހުށަހެޅިފައިވެ އެވެ.