ބޮލީވުޑްގެ ކުރީގެ އެކްޓްރެސް އަސިން އާއި އިންޑިއާގެ ވިޔަފާރިވެރިޔާ ރާހުލް ޝަރުމާގެ ހަތް އަހަރުގެ އަންހެން ދަރިފުޅު އާރިން ރޭން ޝަރުމާ، ގާތްގަނޑަކަށް 12 ބަހުން ވާހަކަދައްކަން ދަސްކޮށްފައިވާ ކަމަށާއި އެއީ ޓީވީ އާއި ސްމާޓްފޯނާ ދުރުގައި ދަރިފުޅު ބޮޑުކުރުމުގެ ނަތީޖާ ކަމަށް ރާހުލް ހާމަކޮށްފި އެވެ.
"މައިގަވް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ރާހުލް ބުނީ، އުމުރުން އެންމެ ހަތް އަހަރުގެ އާރިން އަށް މިހާރު ވެސް ކޮރިއަން، ޖަޕަނީސް، ތައި އަދި ޗައިނީސް ހިމެނޭހެން 12 ވަރަކަށް ބަހުން ފަރިތަކަމާ އެކު ވާހަކަދައްކަން އެނގޭ ކަމަށެވެ.
އޭނާ އަމިއްލައަށް ވެސް ރަނގަޅަށް ވާހަކަދައްކަން އެނގެނީ ހަމައެކަނި އިނގިރޭސި އަދި ހިންދީ ބަހުން ކަމަށްވާއިރު، ދަރިފުޅުގެ މި ގާބިލުކަން ފެނި ހައިރާންވާ ކަމަށް ރާހުލް ބުންޏެވެ.
ދަރިފުޅު މިފަދަ ހުނަރެއް ލިބުމުގެ އެންމެ ބޮޑު ސިއްރަކީ ގޭތެރޭގައި ސްކްރީން ޓައިމް އެއްކޮށް މަނާކޮށްފައި އޮތުން ކަމަށް ރާހުލް ބުންޏެވެ.
ރާހުލް ބުނީ އެމީހުންގެ ގޭގައި އެއްވެސް ޓީވީއެއް ނުހުންނަ ކަމަށާއި ދަރިފުޅަށް މޯބައިލް ފޯނު ބޭނުންކުރުމުގެ ހުއްދަ ނޯންނަ ކަމަށެވެ. އޭގެ ބަދަލުގައި މުޅި ގޭގައި ހުންނަނީ ހުސް ފޮތް ކަމަށާއި ދަރިފުޅު ކިޔަވަނީ ގްރޭޑް 2 ގައި ނަމަވެސް މިހާރު ވެސް ގްރޭޑް 8 އަދި 9 ގެ ފޮތްތައް ގޭގައި ހުރެގެން ކިޔަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އަސިން ކަމަށާއި ދަރިފުޅު ބަލައި ބޮޑުކުރުމުގައި އަސިން ވަމުން އަންނަ ގުރުބާނީއަށް ރާހުލް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"ގަޖިނީ" އާއި "ރެޑީ" އަދި "ހައުސްފުލް 2" ކަހަލަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އަސިން ވަނީ 2016 ވަނަ އަހަރު ރާހުލްއާ ކާވެނިކުރުމަށް ފަހު ފިލްމީ ދާއިރާއާ އެއްކޮށް ދުރަށް ގޮސް، އަމިއްލަ ދިރިއުޅުމަށް އިސްކަންދީފަ އެވެ.