ބޮލީވުޑްގެ ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ޓައިގާ ޝްރޯފަށް އަމާޒުކޮށް ދިން ހަމަލާތަކާއި އެހެން ތަރިންނަށް ދެމުން އަންނަ އިންޒާރުތަކާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާ އިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެހީތެރިކަމަށް އެދި ސިޓީއެއް ފޮނުވައިފި އެވެ.

"އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން" އިން މޯދީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައި ވަނީ މުމްބާއީގައި ފިލްމީ ފަންނާނުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދިނުމާއި ބިރުދައްކައިގެން ފައިސާ ހޯދަން މަސައްކަތްކުރުން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އެތައް އަހަރެއް ވަންދެން ކޮންމެ އާދިއްތަ ދުވަހަކު، އުމުރުން 84 އަހަރުގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަން އޭނާގެ ގެ "ޖަލްސާ"ގެ ބޭރަށް ނުކުމެ ސަޕޯޓަރުންނާ ބައްދަލުކުރަމުން ދިޔަ ނަމަވެސް، މިދިޔަ އާދިއްތަ ދުވަހު އޭނާއަށް ސަޕޯޓަރުންނާ ބައްދަލުކުރަން ޖެހުނީ ބުލެޓްޕްރޫފް ބިއްލޫރިގަނޑެއްގެ ފަހަތުގައި ހުރެގެން ކަމަށް ވާތީ، އެއީ އިންޑަސްޓްރީއަށް ލިބުނު ބޮޑު ސިހުމެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން، އެއްވެސް މައްސަލައެއްގައި ނޫޅޭ ޓައިގާގެ ކާރަށް ބަޑިން ހަމަލާދީ، ތުޝާރު ކަޕޫރު ކަހަލަ އެކްޓަރުންގެ އަތުން ފަސް ކުރޯޑް ރުޕީސް ހޯދަން އިންޒާރުދީފައިވާކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ. ގޭންގްސްޓާރުން ބޮލީވުޑް އަމާޒަކަށް ހަދަނީ މަޝްހޫރު ނަންތައް ބޭނުންކޮށްގެން ބިރުވެރިކަން އުފައްދައި، ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމަށް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ފިލްމީ މަސައްކަތްތެރިންގެ ޖަމިއްޔާ އިން ބުނީ މުމްބާއީގެ މަގުތަކުގައި ގާނޫނާއި ގަވާއިދުގެ ބާރު ކެނޑި، މައި ސިޓީގައި ޓައިގާ ކަހަލަ ސެލެބްރިޓީއަކަށް ރައްކާތެރިކަން ނެތްއިރު އާންމުންނަށް ވެސް ސަލާމަތެއް ނެތް ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނީ 1990 ގެ އަހަރުތަކުގައި އޮތް "އަންޑަވޯލްޑް"ގެ ބިރުވެރިކަން މި އަހަރު އަލުން އަނބުރާ އަތުވެއްޖެ ކަމަށާއި، ބޮލީވުޑްގެ އެންމެ ބޮޑެތި ތަރިން އެމީހުންގެ ގެތަކާއި ކާރުތައް ބަދަލުކުރަން ޖެހިފައިވާ މަންޒަރުން އެ ބިރުވެރިކަމުގެ ފުންމިން ދޭހަވާ ކަމަށެވެ. 

ހަމަލާތައް ނުހުއްޓި ކުރިއަށް ދާތީ، "މިއަދު ޓައިގާ ޝްރޯފް ނަމަ، ދެން އޮތީ ކާކު ހެއްޔެވެ؟"، މި ސުވާލު އުފައްދައި، ބޮލީވުޑްގެ ފަންނާނުންނާއި މުޅި ފިލްމީ ދާއިރާ ސަލާމަތްކުރުމަށް ސީދާ ބޮޑުވަޒީރު މޯދީ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.