ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ދުބާއީގައި ބޭއްވި އޭނާގެ ރެޒިޑެންޝަލް ޕްރޮޕަޓީ ޕްރޮޖެކްޓެއް ލޯންޗުކުރުމުގެ ހަފުލާގައި، އަނބިމީހާ ގޯރީ ޚާންގެ ގޭތެރޭގެ ގަވާއިދުތަކަށް ސަމާސާކޮށް، އަމިއްލަ ގޭގައި އެއްވެސް ކަމަކާ ބެހޭ ގޮތުން ޝަކުވާކުރުމުގެ ހުއްދަ އޭނާއަށް ނޯންނަ ކަމަށް ބުނެފި އެވެ.
ދުބާއީ މެރިޓައިމް ސިޓީގައި ތަރައްގީކުރާ "ޝާހްރުކްޒް ބައި ޑެނިއުބޭ" ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ހަފުލާ ހޯސްޓްކުރި ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ އަމިއްލަ ގޭގައި ޝާހުއަށް އަދިވެސް ކުރުމުގެ ހުއްދަ ނެތް ކަމަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ޝާހްރުކް ބުނީ "އަހަރެންގެ އަމިއްލަ ގޭގައި އެއްވެސް ކަމެއް ކުރުމުގެ ހުއްދައެއް އަހަންނަކަށް ނޯވޭ" ކަމަށެވެ.
އެއަށް ފަހު ގޯރީ ޑިޒައިންކޮށްފައިވާ، އިންޑިއާގެ މުމްބާއީގައި ހުންނަ އެމީހުންގެ ގެ "މަންނަތު"ގައި އުޅެންޖެހޭ ގޮތުގެ ވާހަކަ ދައްކަމުން ޝާހު ބުނީ ގޯރީގެ ގެއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނުމުގެ ހުއްދަ އޭނާއަށް ވެސް އަދި ދަރިންނަށް ވެސް ނޯންނަ ކަމަށެވެ.
ގޭގެ ވައިފައިއާ ބެހޭ ގޮތުން ޝަކުވާކުރުމާއި އެނދުމަތީގައި ތިބެގެން ކެއުމަކީ މަނާ ކަމެއް ކަމަށާއި، ގޭގެ ކުލަތަކާއި ކުރެހުންތަކާއި ސިޑި އާއި ލިފްޓާއި ސީލިންގު އަދި ބޮކިތަކާ ބެހޭ ގޮތުން ވެސް އެއްވެސް ފާޑެއް ނުކިޔޭނެ ކަމަށް ޝާހު ބުންޏެވެ.
އޭގެ ބަދަލުގައި ކުރަން ޖެހޭ ހަމައެކަނި ކަމަކީ މަޑުމަޑުން އިށީނދެ އިނދެ "ގޯރީ ހާދަ ރީތި ގެއެކޭ ތި ހެދީ" ބުނެ ތައުރީފުކުރުން ކަމަށް، ޝާހު ސަމާސާ ގޮތަކަށް ބުންޏެވެ.
ޝާހު ބުނީ ދުބާއީ ޕްރޮޖެކްޓުގެ ޕެންޓްހައުސްތައް ވެސް ޑިޒައިންކޮށްފައި ވަނީ ގޯރީ ކަމަށް ވާތީ، އެތަނަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ވެސް ހަމަ އެހެން ބުނަން ޖެހޭނެ ކަމަށެވެ.
ގެއިން ބޭރުގައި އޭނާ އާއި ދަރިންނަށް ވަރަށް ބޮޑު މިނިވަން ކަމެއް އޮންނަ ކަމަށާއި ނަމަވެސް ގޭތެރޭގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ބުނެ އޭނާ ވަނީ ހަފުލާގެ ފޯރި އިތުރަށް ގަދަކޮށްލައިފަ އެވެ.
ވިޔަފާރި އާއި ބޮކްސް އޮފީސް ނުވަތަ އަނބިމީހާގެ ތެރެއިން މިވަގުތު އެންމެ ބޮޑަށް ބިރުގަންނަނީ ކޮން ކަމަކާތޯ ކަރަން ސުވާލުކުރުމުން ޝާހު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ކާމިޔާބީއާ މެދުގައި ކަމަށް ބުނެފަ އެވެ.
ސިއްދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އަކީ ޝާހު އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން އެކުގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.