މިހާރުގެ ޒުވާން ޖީލު ނުވަތަ "ޖެން ޒީ"އަކީ މަސައްކަތްކުރަން ބޭނުންނުވާ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް، އެއީ އެއްވެސް ސަބަބެއް ނެތި ބަދުނާމުކުރެވިފައިވާ ޖީލެއް ކަމަށް ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ އިއްޔެ ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް"ގެ ލީޑާޝިޕް ސަމިޓުގައި ޑައިރެކްޓަރު އިމްތިޔާޒު އަލީއާ އެކު ބައިވެރިވި ސެޝަނެއްގައި އުމުރުން 28 އަހަރުގެ އަނަންޔާ ބުނީ ޒުވާނުން ކާމިޔާބީ ހޯދުމަށް ބުރަކޮށް މަސައްކަތް ނުކުރާ ކަމަށް ބައެއް މީހުން ދެކުނަސް، ހަގީގަތަކީ ކާމިޔާބީއާ މެދު މި ޖީލުގެ މީހުން ދެކޭ ގޮތް ތަފާތުވުން ކަމަށެވެ.

ކުރީ ޒަމާނުގައި ބުރަ މަސައްކަތް ކަމަށް ބެލެވެނީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ ވަރަށް ބޮޑަށް ވަރުބަލިވަންދެން މަސައްކަތްކުރުން ކަމަށް ވިޔަސް، މިހާރު އެކި ގޮތްގޮތުން ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ކަމަށް އޭނާ ބުންޏެވެ. 

އެ ސެޝަންގައި ނެޕޮޓިޒަމްއާ ގުޅޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން އަނަންޔާ ބުނީ އޭނާގެ ބައްޕަގެ ދަރިއަކަށް ވީތީ ފަޚުރުވެރިވާ ކަމަށާއި، ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ، ފިލްމު ސެޓުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމުގައި އޭނާއަށް ދައުރެއް އަދާކުރެވިއްޖެ ނަމަ އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށެވެ.

އޭނާއަކީ ހުރިހާ ބާވަތެއްގެ ރޯލުތައް ކުޅެން ބޭނުންވާ "ވަރަށް ދަހިވެތި" އެކްޓްރެސްއެއް ކަމަށް ވެސް އަނަންޔާ ބުންޏެވެ.

އިމްތިޔާޒުގެ ކާމިޔާބު ފިލްމު "ޖަބް ވީ މެޓް"ގައި ކަރީނާ ކަޕޫރު ކުޅުނު "ގީތު"ގެ ކެރެކްޓާއަށް އިޝާރާތްކޮށް އަނަންޔާ ބުނީ، އެއީ އޭރު ވެސް "ޖެން ޒީ"ގެ ސިފަތައް ހުރި ކެރެކްޓާއެއް ކަމަށާއި، އެފަދަ ރޯލެއް ކުޅެލަން ލިބުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ލޯތްބާއި ކައިވެންޏާ ބެހޭ ގޮތުން އަނަންޔާ ބުނީ އޭނާގެ ހަޔާތުގައި ލޯތްބަކީ ހުރިހާ އެއްޗެއް ކަމަށާއި، ކައިވެނިކޮށް ދަރިން ހޯދުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، މިހާރު މުޖުތަމައުގައި އޮތް "ކެންސަލް ކަލްޗާ" ނުވަތަ ކުޑަކުޑަ ކަމަކާ ހެދި މީހުން ބާކީކޮށްލާ އާދައަކީ ދުނިޔެއިން ނައްތާލަން ޖެހޭ ކަމެއް ކަމަށް ވެސް އަނަންޔާ ބުންޏެވެ. އަދި ކޮންމެ ކަމަކާ މާ ބޮޑަށް ފިކުރުކުރުމުގެ ބަދަލުގައި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި އުފަލުގައި އުޅުމަށް އޭނާ ވަނީ ޒުވާނުންނަށް ނަސޭހަތްތެރިވެފަ އެވެ.