ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޯފްއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދިން ފަހުން، ފިލްމީ ތަރިންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، އާންމު ހަފުލާތަކަށް ދާއިރު ތަރިންނާ އެކު 6 ނުވަތަ 7 ބައުންސަރުން ނުވަތަ ސެކިއުރިޓީ ގާޑުން ހަމަޖައްސަން ފަށައިފި އެވެ.
ޓައިގާއަށް ދިން ހަމަލާއަށް ފަހު، އާންމުން އެއްވާ ތަންތަނަށާއި ހަފުލާތަކަށް ނުދިއުމަށް މުމްބާއީގެ ފުލުހުން ބޮލީވުޑް ތަރިންނަށް އިރުޝާދު ދީފައިވާ ކަމަށް ބުނެ މިދިޔަ ހަފުތާގައި ވަނީ އަޑުތައް ފެތުރިފަ އެވެ.
ނަމަވެސް، ރިޕޯޓްތައް ބުނި ގޮތުގައި، މުމްބާއީގެ ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ފުލުހުންގެ ފަރާތުން އެފަދަ އެއްވެސް އެޑްވައިޒަރީއެއް ނެރެފައެއް ނުވެ އެވެ.
ރަސްމީ އެޑްވައިޒަރީއެއް ނެރެފައި ނުވި ނަމަވެސް، އެ ހާދިސާއާ ގުޅިގެން ތަރިންނާއި އެމީހުންގެ މެނޭޖްމަންޓް ޓީމުތަކުން އަންނަނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އިންޑިއާގެ ޓެލެންޓް މެނޭޖްމަންޓް ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ ރާކޭޝް އުޕާދްޔާއީ ބައެެއް ނޫސްތަކަށް ބުނި ގޮތުގައި، ތަރިން އިވެންޓްތަކަށް ދާ އަދަދަށް ބޮޑު ބަދަލެއް ނައި ނަމަވެސް، ސަލާމަތީ ކަންކަމަށް ދޭ ސަމާލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުރިން ތަރިއަކާ އެކު ތިނެއް ނުވަތަ ހަތަރު ގާޑުން ފޮނުވި ނަމަވެސް، މިހާރު މަދުވެގެން 6-7 ގާޑުން ހަމަޖައްސާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނާއި ކުންފުނިތަކުން ބާއްވާ ހަފުލާތަކަށް ތަރިން ގެންދިއުމުގެ ކުރިން، އެ އިވެންޓް އިންތިޒާމުކުރާ ފަރާތްތަކުގެ ވެބްސައިޓާއި ހަފުލާގައި ބައިވެރިވާ މީހުންގެ އަދަދާއި މެހުމާނުންގެ ތަފްސީލުތައް މެނޭޖަރުން ވަރަށް ރަނގަޅަށް ބަލައި ޗެކްކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.
ޓައިގާގެ ބައްޕަ ޖެކީ ޝްރޯފް އޭނާގެ މަސައްކަތްތައް އެއްވެސް ޖެހިލުމެއް ނެތި ކުރިއަށް ގެންދިޔަ ނަމަވެސް، އިންޑަސްޓްރީގެ އެހެން ގިނަ ތަރިން އަންނަނީ ސަލާމަތީ ފިޔަވަޅުތައް މަތިކުރަމުންނެވެ.
އިންޑިއާގެ ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކާ ތަރިން އާންމުންގެ ތެރެއަށް ނުކުމެ ފިލްމުތައް ޕްރޮމޯޓްކުރާ މިންވަރު މަދުކުރި ނަމަވެސް، އެކަމުގެ ސަބަބުން ބޮކްސް އޮފީހުގެ އާމްދަނީއަށް މާ ބޮޑު އަސަރެއް ނުކުރާނެ އެވެ.
މިސާލެއްގެ ގޮތުން ޝާހްރުކް ޚާން އާއި ސަލްމާން ޚާން ކަހަލަ ތަރިން ފިލްމު ޕްރޮމޯޝަންތަކަށް ނުކުންނަ މިންވަރު މަދުކުރި ނަމަވެސް، އެމީހުންގެ ފިލްމުތަކަށް ލިބޭ ތަރުހީބަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.