މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގައި ދެއްކި އެލައިޑް އިންޝުއަރެންސުގެ އިޝްތިހާރުތައް އެހާ މަގްބޫލުވި އެންމެ ބޮޑު ސަބަބަކީ ނަހުޒާން އަހުމަދު ހުސައިން (ނަހޫ) އެވެ. އައިޑޮލްގެ ހޯސްޓް މޫސާ ވަސީމްއާ ގުޅުވާލާފައިވާ އިޝްތިހާރުތަކުގައި، އުމުރުން 13 ވަރަކަށް އަހަރުގެ ނަހޫ، ވަސީމްގެ ނަމްބަރު ހޯދަން ބޭނުންވެގެން އުޅެ އެވެ. އެކަން އައިޑޮލްގެ ގްރޭންޑް ފިނާލޭގައި އޭނާ އަށް ވަނީ ކާމިޔާބުވެފަ އެވެ.
އެންމެންގެ ލޯބި ހޯދާފައިވާ ވ. ކެޔޮދޫ ނަހޫ އައިޑޮލްގެ ޝަރަފްވެރި ސްޓޭޖަށް އެރުމަކީ ރޭގެ ޝޯގެ އެންމެ ޚާއްސަ އެއް ބަ އެވެ.
ގަދަ ތިނެއްގެ ޕަފޯމެންސެއް އެބައޮތް ކަމަށް ބުނެ ހޯސްޓް ލަމްހާ ލަތީފާއި ވަސީމް ވާހަކަދައްކަމުން ދަނިކޮށް ފަހަތުން މަޑުމަޑުން ހިނގާލާފައި ސްޓޭޖަށް އަރައިގެން އައި ނަހޫ ވަސީމްގެ ގައިގައި ކޮއްޓާލާފައި ބުނެލި އެވެ؛ "މޫސަ ނަމްބަރު ދީބަލަ!"
"އޭ....ނަހޫ! ނަހޫ އައީތަ؟" ވަސީމް ހަޅޭއްލަވައިގަތެވެ.
ވަސީމްއާ އެއްވެސް ތަފާތެއް ނެތް ގޮތަށް ސަޅި ޓަކްސެއް ލައި ވަރަށް ބޮޑަށް ތައްޔާރުވެގެން ހުރި ނަހޫއާ އެކު ވަސީމް ވަނީ ސެލްފީއެއް ނަގައިފަ އެވެ. ލަމްހާ ވެސް ބައިވެރިވި ސެލްފީ އަށް ފަހު ވަސީމް ފާހަގަކުރި ގޮތުގައި އައިޑޮލް އިން ނަހޫ ފެނުމަކީ އެތައް ބައެއްގެ އެދުމެކެވެ.
ފޭނުންނަށް ނަހޫ ޝުކުރު އަދާކުރި އެވެ. އޭނާ ބުނިގޮތުގައި، އިޝްތިހާރުތަކާ ގުޅުވައިގެން، މީހުން މިހާރު އޭނާ އަށް ގޮވަނީ "މޫސާ ވަސީމޭ، ޒުބޭދާއޭ ކިޔާފަ" އެވެ.
"ކޮންމެހެނެއް ހަދާފައި ވެސް" ވެސް ވަސީމްގެ ނަމްބަރު ނަހޫ އަށް ދޭންވާނެ ކަމަށް ލަމްހާ ބުނުމުން މޫސަގެ ޖަވާބަކަށް ވީ "ތިއީ އެއްވެސް ކަމެއް ނޫން" ކަމެވެ. އެކަމަކު ޝަރުތެއް ކުރި އެވެ؛ ވަސީމްއާ އެކު ނަހޫ ނަށާލުމެވެ. އެއަށް ފަހު ވަސީމްގެ ޖީބުން ނަގައި ދިއްކޮށްލި ބިޒްނަސް ކާޑާ އެކު ނަހޫ އަށް ވަސީމްގެ ނަމްބަރު ލިބުނީ އެވެ. އޭގައި ހިފި ވަގުތު ނަހޫ ހުރީ ހެވިދިލިފަ އެވެ. ހަގީގަތުގައި ވެސް ވަރަށް ބޮޑަށް އުފާވެފައި ހުރިކަން އެނގެ އެވެ. އަދި ކާޑު ނަގައި އޯޑިއެންސަށް ދައްކާލަމުން "ޔެސް!"އޭ ބުނެލި އެވެ.
އެކަމަކު "އަސްލު ބްރޭކެއް" ނަގަން ދިޔުމުގެ ކުރިން ނަހޫ ވަނީ ވަސީމް އަށް ޚާއްސަ ދައުވަތެއް ދީފަ އެވެ.
"އަންނާތި، ކައިލާ، ނިދައިލާ، މަޖާކޮށްލައިގެން ސްނޯކްލިން އަށް ގޮސްލަން،" އިޝްތިހާރުގައި ކިޔާ ތަންކޮޅު ނަހޫ ތަކުރާރުކޮށްލި އެވެ.
ލަމްހާ ވެސް ގޮވައިގެން ކެޔޮދު އަށް ދާން ނަހޫ ދިން ދައުވަތު ވަސީމް ވަނީ ގަބޫލުކޮށްފަ އެވެ.
"ވަރަށް އުފާވެއްޖެ އައިމަ. ވަރަށް އުފާވެއްޖެ ބައްދަލުވީމަ. އަސްލުގައި ބުނަންޏާ ވަސީމް ވެސް ވަރަށް ބޭނުންވި، ބައްދަލުކޮށްލަން،" ވަސީމް ބުންޏެވެ.
އެކަމަކު އެ ހިސާބުން ނިންމާލީއެއް ނޫނެވެ. ނަހޫ އަށް އެލައިޑުން ހަދިޔާކުރި 30،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ވަސީމް އޭނާއާ ހަވާލުކުރި އެވެ. އެއީ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ނަހޫގެ ތައުލީމީ ޚަރަދުތަކަށް އެލައިޑުން ދިން އެހީއެކެވެ.
ކުޑަކުޑަ ރަށެއްގައި ދިރިއުޅޭ އާދައިގެ އާއިލާއެއްގެ ކުއްޖަކަށް އެ ހާސިލްވީ ބޮޑު ކަމެކެވެ.
ނަހޫގެ ފެނިލުމުން އައިޑޮލް ދޭއްގެ ގްރޭންޑް ފިނާލޭ އިތުރަށް ފޮނިކޮށްލަދިންކަން ޔަގީނެވެ.