"މި ވަގުތަށް ބަދަލަކަށް" ބޭނުން ކަމަށް ބުނެ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް އިއްޔެ ވަކިވެއްޖެ އެވެ. އެކަމަކު އޭނާ ސިފަކުރި ގޮތުން ނަމަ "ހިތް އަދިވެސް އޮތީ ޓީވީއެމްގަ" އެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ހުށަހެޅުންތެރިޔާ ޓީވީއެމް ދޫކޮށްލުމުން ވަރަށް ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ. އެކަމަކު ޕީއެސްއެމްގެ އިދާރީ ހިންގުމަށް ގެނައި ވަރަށް ބޮޑެތި ބަދަލުތަކާ އެކު މުވައްޒަފުންގެ އާމްދަނީ އަށް އަސަރުކުރުމުން، އެތަނުގައި ވަޒީފާ އަދާކުރަން ހުރަސްތަކެއް ކުރިމަތިވަމުން ދާ ކަމަށް، ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.
ޓީވީއެމްގައި 13 އަހަރު ދުވަހު މަސައްކަތްކުރި އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ޓީވީ ޝަހުސިއްޔަތު އެތަނުން ވަކިވުމާއި އާމްދަނީއާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ނުބުނެ އެވެ. މޫސަ ބުނީ ޕީއެސްއެމްއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.
"މިވަގުތަށް ބަދަލެއް ބޭނުން ވެގެން ވަކިވީ،" މޫސަ ބުންޏެވެ.
"ވަކިވިއަސް ހިތް އޮތީ އަދި ވެސް ޓީވީއެމްގައި."
އޭނާ ބުނީ ޓީވީއެމްގައި ޕާޓް ޓައިމްކޮށް ޕްރެޒެންޓުކުރަން ފުރުސަތު ލިބުނަސް ދާނެ ކަމަށެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަނުގެ ހޯސްޓަކަށް އޭނާ ވާނެތޯ ނުވަތަ ނޫންތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ.
މޫސަ ބުނި ގޮތުގައި މޯލްޑިވިއަން އައިޑޮލް އިން އޭނާ އަށް ފުރުސަތު ލިބުނީ ޕީއެސްއެމްގެ މުވައްޒަކަށް ވާތީ އެވެ. އެހެންކަމުން އެތަނުން އޭނާ ވަކިވުމުން އެ ސްޓޭޖުން ޖާގަ ލިބޭނެކަން އޭނާއަކަށް ވެސް އަދި ނޭނގެ އެވެ.
"އައިޑޮލް ހުށަހަޅަން ފުރުސަތު ލިބުނީ ޕީއެސްއެމްގައި ވަޒީފާގެ ގޮތުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި. އެހެންވެ އެތަނުން ވަކިވެފައިވާތީ، ޝޯގެ ހޯސްޓަކަށް ވާނެ ގޮތެއް ނޭނގޭ،" މޫސަ ބުންޏެވެ.
"އެކަމަކު އެ ފުރުސަތު ދީފި ނަމަ އެކަމަށް ދެކޮޅެއް ނުހަދާނަން."
ޓީވީއެމްގައި އޭނާ ހޭދަކުރި އަހަރުތަކުގައި ކުރެވުނު އެންމެ ހިތްހަމަޖެހޭ އަދި އެންމެ ބޮޑު މަސައްކަތަކީ ވެސް، މޫސަ ބުނި ގޮތުގައި، މޯލްޑިވިއަން އައިޑޮލް ހުށަހެޅުމެވެ. އޭނާ ވަކިވި އިރު ތިން ވަނަ ސީޒަންގެ އޮޑިޝަންގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މޫސަގެ ވަކިވުމާ މެދު ޕީއެސްއެމްގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އެތަނުގެ ބައެއް މުވައްޒަފުން ބުނަނީ "ގެއްލިގެން އެދިޔައީ އާދައިގެ މީހެއް ނޫން" ކަމަށެވެ.