ކުޅަދާނެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބޮލީވުޑަށް ތައާރަފް ކުރި ތަރިންގެ ތެރޭގައި ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރް ހިމެނެ އެވެ. އިހަށް ދުވަހު މަރުވި ވިނޯދް ކަންނާގެ ހަގު ފިރިހެން ދަރިފުޅު ސާކްޝީ ކަންނާ ބޮލީވުޑަށް ލޯންޗް ކުރާނީ ވެސް ބަންސާލީ ކަމަށް އަޑު އަރާފައި އޮތަސް އެކަން އަދިވެސް ހަގީގަތަކަށް ނުވެ އެވެ.
މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން ބަންސާލީ ދެން އެންމެ އަވަހަށް ބޮލީވުޑަށް ލޯންޗް ކުރާނީ އޭނާގެ ކޮއްކޮ ބޭލާ ސޭގަލްގެ އަންހެން ދަރިފުޅު ޝަރްމީން އާއި ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މިޒާން ޖެފްރީ އެވެ.
އެ ދެ ޒުވާނުން ފިލްމުގައި ކުޅެން ޖެހޭ ރޯލްތަކަށް މިހާރު ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށްވެ އެވެ. ޝަރްމިން ވަނީ ނިއު ޔޯކްގައި އެކްޓިން ކިޔަވައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ދެ ޒުވާނުން ބޮލީވުޑަށް ނެރޭ ފިލްމަކީ ބަންސާލީ ޕްރޮޑިއުސްކޮށް، "ދޭކް އިންޑިއަން ސާކަސް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މަރާޓީ ޑައިރެކްޓަރު މަންގޭޝް ހަޑަވާލޭ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.
ބަންސާލީ މިހާރު ހަދަމުން އަންނަ ފިލްމް "ޕަދްމާވަތީ" އަންނަ ނޮވެމްބަރު މަހުގެ 17 ގައި ރިލީޒް ކުރުމަށް ފަހު، ޝަރްމިން އާއި މިޒާން ކުޅޭ ފިލްމުގެ އަމަލީ މަސައްކަތް ފަށާ ގޮތަށް ވަނީ ރާވައިފަ އެވެ.
ބަންސާލީގެ ފިލްމްތަކަކީ އާންމުކޮށް ބޮޑެތި ސެޓިންތައް ހަދައިގެން، ވަރަށް ހިތްގައިމު ހިޔާލީ ދުނިޔެއެއްގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭ ކަހަލަ ފިލްމްތަކަކަށް ވިޔަސް ޝަރްމިން އާއި މިޒާން ކުޅޭ ފިލްމަކީ "ރިއަލިސްޓިކް" ފިލްމަކަށް ވާނެ އެވެ. ފިލްމް ޝޫޓް ކުރާނީ އަސްލު ލޮކޭޝަންތަކުގަ އެވެ. އެއީ އެ ފިލްމުގެ ވާހަކައިގެ ގޮތުންނާ ވެސް އެކުގަ އެވެ.
ބަންސާލީގެ ފިލްމަކުން ޝަރްމިން ތައާރަފު ކުރާ، އޭނާގެ މަންމަ ބޭލާއަކީ ވެސް ޑައިރެކްޓަރެކެވެ. އޭނާ ވަނީ ފަރަހް ހާނާއި ބޮމާން އިރާނީ ލީޑަށް ލައިގެން ޝީރީން ފަރްހާދް ކީ ތޯ ނިކަލް ޕަޅީ (2012) ޑައިރެކްޓްކޮށްފަ އެވެ. އަދި ބަންސާލީ ޑައިރެކްޓް ކުރާ ފިލްމްތައް އެޑިޓް ކުރަނީ ވެސް ބޭލާ އެވެ.