މި ޑައިރެކްޓަރުން ރޭންކް ކުރާނީ ކޮން ތަރުތީބަކުން؟

ފިލްމީ ދާއިރާ އިން އެންމެ ބޮޑު ވާދަވެރި ކަމެއް ފެންނަނީ ޑައިރެކްޓަރުންގެ މެދުގަ އެވެ. އަބަދުވެސް ދިވެހި ބައެއް ޑައިރެކްޓަރުން ތިބެނީ އެކަކު އެނެކަކާ"ހަނގުރާމަ" އިއުލާންކޮށްގެންނެވެ. ބަހުގެ ހަމަލާތައް ދިނުމާއި އެކި ގޮތްގޮތަށް ފާޑު ކިޔުމަކީ ބައެއް ޑައިރެކްޓަރުން ވަރަށް ފަރިތަ ކަމެކެވެ.


ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި މި ވަގުތު ތިބި ފާހަގަކޮށްލެވޭ ބައެއް ޑައިރެކްޓަރުންނާއި އެ މީހުންގެ މަސައްކަތްތަކަށް ބަލައިލަން ހިނގާށެވެ. މި ލިސްޓް ތަރުތީބުކޮށްފައި މި ވަނީ ވަކި ތަރުތީބަކުން ނޫނެވެ.

މީގައި ޑައިރެކްޓަރުންގެ މަސައްކަތްތަކާއި އެ މީހުން ދޭ ކޮމިޓްމަންޓަށް ބަލާފައި ވާނެ އެވެ. މީގެ ތެރޭގައި އެކްޓަރުންގެ ގޮތުގައި މަޝްހޫރު އަދި އެ މީހުންގެ ހުނަރު ޑައިޓަރުންގެ ގޮތުގައި ދައްކަމުން އަންނަ ޑައިރެކްޓަރުން ވެސް ހިމެނެ އެވެ.

އަލީ ޝިފާއު (ޗިއްޕެ)

މިއީ ވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރޭ ބުނަނީ ޗިއްޕެ ފުލުފުލުގައި ގެނެސް ދެމުން އަންނަ ހިޓް ފިލްމްތަކާ އެކު، ފިލްމް ބަލާ އޯޑިއަންސްގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާތީ އެވެ. ޑާކް ރެއިން އެންޓަޓައިމަންޓްގެ ފިލްމެކޭ ބުނެފި ނަމަ އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނީ ޗިއްޕެގެ ނަމެވެ.

އޭނާ މި ފަހުން ގެނެސް ދިން ހުރިހާ ފިލްމްތަކަކީ ވެސް ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދި ފިލްމްތަކެވެ. އޭގެ ތެރޭގައި އެންމެ ފަހު ވިންދާ ޖެހެންދެން (2015)، ވާށޭ މަށާއެކީ (2016) އަދި މި އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" ހިމެނެ އެވެ.

ޗިއްޕެ: ކާމިޔާބު ފިލްމްތަކެއް އަންނަނީ ފުލުފުލުގައި ގެނެސް ދެމުން.

ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" ވެސް ގެނެސް ދިން މި ޑައިރެކްޓަރަކީ ފިލްމްގެ ފިލްމީ ކެރިއަރު ފެށުނީ ހޭލާ (2006) އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކާއި ކުރު ފިލްމްތައް ވެސް ހަދައިފަ އެވެ.

ޗިއްޕެ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ދިން ވޭނުގެ ހިތާމައިގާ" އަދި "ޒަހަރު" ހިމެނެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މާޗް 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އެވެ.

އެކަމަކު ޗިއްޕެ ފާހަގަ ކުރެވެނީ ތަންކޮޅެއް އެއް ވައްތަރެއްގެ ފިލްމްތަކެއް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެހެންވެ އޭނާގެ އެހެން ރަހައެއް ދިވެހި އޯޑިއަންސް ބޭނުންވެ އެވެ.

މޫމިން ފުއާދު

މި ޑައިރެކްޓަރުގެ މާ ގިނަ މަސައްކަތްތަކެއް އަދި ފެނިފައި ނެތަސް މިއީ ފިލްމް ބަލާ ޒުވާން އޯޑިއަންސް ވަަރަށް ރުހޭ ޑައިރެކްޓަރެކެވެ. އޭގެ ހެއްކަކަށް މިދިޔަ އަހަރު ބޭއްވި ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިލްމްގެ މަގާމު ހޯދި ލޫދިފާ (2011) ފުދެ އެވެ.

މޫމިން އަމިއްލަ އަށް ސްކްރީންޕްލޭ، ލިޔެ، ތަފާތު ގޮތަކަށް ފިލްމްތައް ހުށަހަޅައިދޭތީ އޭނާ ފާހަގަކުރެެވެނީ ދިވެހި އެހެން ޑައިރެކްޓަރުންނާ ތަންކޮޅެއް ތަފާތު ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. ދެހާސް ހައެއްގައި "ހޭލާ" އާ އެކު، ފިލްމީ ދާއިރާ އަށް އެޅުނު، ފިޔަވަޅާ އެކު މޫމިންގެ މާ ގިނަ މަސައްކަތްތަކެއް އަދި ފެނިފައި ނެތަސް، މިއީ އެ ޑައިރެކްޓަރެއްގެ ފިލްމަކަށް ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ޑައިރެކްޓަރެކެވެ.

މޫމިން ފުއާދު: ހުނަރުވެރ މޮޅު ޑައިރެކްޓަރެއް.

އޭނާ ހެދި ފިލްމްތަކުގެ ތެރެއިން "ހެޕީ ބާތުޑޭ" އަކީ ވެސް އެހާމެ ކާމިޔާބު ފިލްމެވެ. ހާއްސަކޮށް އެވޯޑްގެ ގޮތުން، ފާހަގަކޮށްލެވުނު ފިލްމެވެ.

މޫމިންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފަހު ފިލްމް "ނިވައިރޯޅި" އެވެ.

ރަވީ ފާރޫގް

މިއީ އަނެއްކާވެސް ވަރަށް ތަފާތު ޑައިރެކްޓަރެކެވެ. އާންމުކޮށް ޑާކް ތީމްތަކަށް ފިލްމް ހަދަން މަޝްހޫރު ރަވީއަކީ ދިވެހި އެކްޓަރަކަށް ރާއްޖޭން ބޭރުން ފުރަތަމަ އެވޯޑެއް ވެސް ހޯދައި ދެވޭ ވަރުގެ ރޯލެއް ކުޅުވި ޑައިރެޓެވެ. އޭނާގެ "އިނގިލި" އިން އިސްމާއީލް ރަޝީދު 2014ގެ ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލި އިރު، "އިނގިލި" އަށް ވަނީ ސިލްވަ މެޑަލް ލިބިފަ އެވެ.

ރަވީ: ފިލްމީ ދާއިރާގެ ކުރިމަގަށް ރަވީ ކަހަލަ ޑައިރެކްޓަރުން ބޭނުންވޭ.

ރަވީގެ މަސައްކަތަކަށް އެންމެ ފަހުން ފެނުނީ މި އަހަރުގެ އެޕްރީލްގައި އެޅުވި ކްރައިމް ތުރިލާ "ވިޝްކާ" އެވެ. އޭނާ ޑައިރެކްޓްކޮށް، ލީޑް ރޯލް ވެސް ކުޅުނު އެ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ރަވީގެ ފާހަގަކޮށްލެވޭ އެހެން މަސައްކަތްތަކުގެ ތެރޭގައި މި ހަށިން ފުރާނަދަންދެން (2013) އާއި މިކޮއެ ބައްޕަ ބައޭބައޭ (2015) ހިމެނެ އެވެ.

ރަވީ ފިލްމް ޕްރެޒެންޓްކޮށް ދިނުމުގައި ގެންގުޅޭ އުކުޅުތަކާ އެކު، އޭނާއަކީ ވެސް ޒުވާނުން އޯޑިއަންސް ވަރަށް ބޮޑަށް ގަބޫލު ކުރާ ޑައިރެކްޓަރެކެވެ.

ފާތުމަތު ނަހުލާ

މިއީ ލިސްޓްގައި ހިމެނޭ ހަމައެނި އަންހެން ޑައިރެކްޓަރެވެ. އަނެއްކޮޅުން ފިލްމީ ދާއިރާގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރެވެ. ނަހުލާގެ ފިލްމެކޭ ބުނެފި ނަމަ، އެ ފިލްމަށް ކުރެވޭ އިންތިޒާރު އަބަދު ވެސް ބޮޑު ވާނެ އެވެ. އެއީ ސީދާ ނަހުލާ ޑައިރެކްޓް ކުރި ފިލްމަކަށް ވިޔަސް އަދި އޭނާ ލިޔެ، ޕްރޮޑިއުސްކޮށް، އެހެން މީހަކު ލައްވައި ޑައިރެކްޓް ކުރުވާ ފިލްމަކަށް ވިޔަސް ނަހުލާގެ ނަމާ އެކު، އެ ފިލްމަކަށް ކުރެވޭ އުންމީދުތައް އަބަދުވެސް ބޮޑެވެ.

ފަހަރުގައި މިއީ ރާއްޖޭގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވާ ޑައިރެކްޓަރަށް ވެދާނެ އެވެ. އެކަމަކު ނަހުލާއަކީ ފިލްމް ހަދައިގެން ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޝޯތައް ދައްކައި، އެންމެ ގިނަ ފައިސާ ޖީބަށް ވެއްދި ޑައިރެކްޓަރަށް ވާނެ އެވެ.

ނަހުލާ: ބޮޑު އޯޑިއަންސެއް ކޮންޓްރޯލް ކުރާ ޑައިރެކްޓަރެއް.

ފީޗާ ފިލްމް ޑައިރެކްޝަނަށް ނަހުލާ ނިކުތީ "ފަހު ނޭވާ" އިންނެވެ. އެ ފިލްމާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ފިލްމް ބަލާ އޯޑިއަންސް ރޮއްވާލައި، ޖަޒުބާތީ ކުރުވަން މަޝްހޫރު ޑައިރެކްޓަރެވެ. ފަހުން ނަހުލާ ހެދި ކޮންމެ ފިލްމަކީ ހަމަ އެކަހަލަ ފިލްމެކެވެ. އޭގެ ތެރޭގައި އޭނާ ޑައިރެކްޓް ކުރި "ނާއުންމީދު"، "ކަޔާލާނުލާ"، "ޒުލޭހާ" އަދި "ޔޫސުފް" ހިމެނެ އެވެ. މީގެ އިތުރުން ނަހުލާ، ލިޔެ ޕްރޮޑިއުސްކޮށްގެން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ފިލްމްތަކުގެ ތެރޭގައި "މިހަށިން ފުރާނަދަންދެން"، "ވީރާނާ"، ހެޔޮ ނުވާނެ" އަދި "ލޯބި ނުވެވުނަސް" ފަދަ ފިލްމްތައް ހިމެނެ އެވެ.

ބެލުންތެރިން ރޮއްވަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި ނަހުލާ ލޭބަލްވެފައި އޮތަސް އޭނާ ވަނީ މިދިޔަ އަހަރު "4426" ހަދައިގެން ބެލުންތެރިން ބިރު ވެސް ގަންނަވާލައިފަ އެވެ. އެކަމަކު އެ ފިލްމަކީ އޭނާ މުޅިން އަލަށް ޑައިރެކްޝަނަށް ނިކުތް އަހުމަދު ޝިނާންއާ ގުޅިގެން ޑައިރެކްޓް ކުރި ފިލްމެކެވެ.

ނަހުލާގެ ކުރިއަށް ފިލްމަކީ އޭނާގެ އެއްކަލަ އަސަރު ގަދަ ލޯބީގެ ހިތާމަވެރި ރަހަގަނޑު ގެނެސްދޭ "ބޮސް" އެވެ. މި މަހުގެ 31 ގައި ރިލީޒް ކުރާ އެ ފިލްމަކީ ނަހުލާ ލިޔެ، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ބެލުންތެރިން މިހާރު ބޭނުން ވަނީ ސީދާ ނަހުލާގެ ޑައިރެކްޝަނެކެވެ. އޭނާ ބުނަނީ 2019 އަށް އިންތިޒާރުކޮށްލާށޭ އެވެ.

އަބްދުލް ފައްތާހް

ފައްތާހަކީ ކުރާ ކޮންމެ މަސައްކަތެއް "ވަރަށް ސަޅިކޮށް، ފޮނިކޮށް" އަބަދު ވެސް ކުރަން ބޭނުންވާ ޑައިރެކްޓަރެކެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ފައްތާހް ދައްކައި ދިން ކުޅަދާނަކަމާ އެކު އޭނާވެގެން ގޮސްފައި ވަނީ ގިނަ ބަޔަކު ބަލައިގަތް، ޑައިރެކްޓަރަކަށެވެ. ނަހުލާ ނަގާފައި، ދެން އެންމެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާ ޑައިރެކްޓަރަކީ ވެސް ފައްތާހެވެ.

ފިލްމް "ހިމޭން ދުނިޔެ" އިން ފީޗާ ފިލްމްތައް ޑައިރެކްޓް ކުރަން ފެށި ފައްތާހް އެންމެ ފަހުން ހެދި ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި އެޅުވި "ހައްދު" އެވެ. ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރި އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބިފައި ވަނީ މަސްހުނި ކޮމެންޓްތަކެވެ. ފައްތާހް އެ ފިލްމް ސިފަކުރަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހެދި އެންމެ ފުރިހަމަ އަދި އެންމެ މޮޅު ފިލްމްގެ ގޮތުގަ އެވެ.

ފައްތާހް: އަބަދު ވެސް މޮޅުކޮށް މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރެއް.

"ހިނިތުންވެލާށޭ ކަލާ" ފަދަ ކާމިޔާބު ޑްރާމާ ސިލްސިލާތައް ވެސް ގެނެސް ދީފައިވާ ފައްތާހްގެ އިތުރު ފިލްމްތަކުގެ ތެރޭގައި "އާދޭސް"، "ލަވް ސްޓޯރީ". "14 ވިލޭރޭ"، "ޖިންނި" އަދި "އޭނާ" ހިމެނެ އެވެ. އޭނާ ޕްރޮޑިއުސް ކުރި ފިލްމްތަކުގެ ތެރެއިން އަހުމަދު ނިމާލް ޑައިރެކްޓް ކުރި "ވާ ލޯބި އެނގޭ ނަމަ" އަކީ ފައްތާހްގެ ފިލްމޯގްރަފީގެ ތެރެއިން، އެވޯޑްގެ ގޮތުން ބަލައިފި ނަމަ އެންމެ ކާމިޔާބު ފިލްމެވެ.

އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓަތަކަށް ބަލާއިރު ރާއްޖޭގައި ރަނިކަން ކުރި "ރެހެންދި ހަދީޖާ" ގެ ވާހަކަ ސްކްރީނަށް ގެނެސް ދޭން ނިންމާފައިވާ ފިލްމް ހިމެނެ އެވެ. މި ފިލްމަކީ ރާއްޖޭގެ ސިނަމާ އަށް އަންނަ ފުރަތަމަ ހިސްޓޮރިކަލް/ބައޮގްރަފިކަލް ފިލްމަށްވުން އެކަށީގެންވެ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ)

އެކްޓަރެއްގެ ގޮތުގައި ދައްކަމުން އަންނަ ހުނަރާ އެކު، ޔޫއްޕެ އަންނަނީ އޭނާއަކީ އާދައިގެ ޑައިރެކްޓަރެއް ނޫންކަން ވެސް މިހާރު ވަރަށް ބޮޑަށް ސާބިތުކޮށް ދެމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ލިޔެ، ޑައިރެކްޓް ކުރި "ނޯޓީ 40" އާއި "ބައިވެރިޔާ" އަކީ ބެލުންތެރިނަށްނަށް ވަރަށް ކަމުދިޔަ ކާމިޔާބު ދެ ފިލްމެވެ.

ޔޫއްޕެ: މިއީ މަލްޓި ޓާސްކިން ފަންނާނެއް.

ޔޫއްޕެގެ އެންމެ ހާއްސަ ކަމަކީ އޭނާ އަމިއްލަ އަށް ސްކްރީންޕްލޭ ފައްކާކޮށް، ޑައިރެކްޓްކޮށް، ފިލްމްތަކުގައި އެކްޓް ވެސް ކުރާތީ އެވެ. ފިލްމް "އެ ދަތުރު" އިން އޭނާ ފެށި ޑައިރެކްޝަން ދަތުރުގައި މިހާތަނަށް ފާހަގަކޮށްކެވޭ ބައެއް ފިލްމްތައް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

އޭގެ ތެރޭގައި "ލޯތްބަށްޓަކައި"، "ވީރާނާ"، "ހެޔޮ ނުވާނެ" އަދި "24 ގަޑިއިރު" ހިމެނެ އެވެ. ޔޫއްޕެ މިހާރު އަންނަނީ "ދެވަންސޫރަ" އިގެ ނަމުގައި ފިލްމެއް ލިޔެ، ޑައިރެކްޓް ކުރަމުންނެވެ.

އަލީ ސީޒަން

މިއީ އަނެއްކާ ވެސް އެކްޓަރެއްގެ ގޮތުން، ޑައިރެކްޓަރެކެވެ. ސީޒަން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ވަފާތެރި ކެހިވެރިޔާ" އެވެ. އެކަމަކު އެ ފިލްމަކީ އެ އަހަރުގެ އެންމެ ބޮޑު ފްލޮލްތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ސީޒަން ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު ފިލްމަކީ އަހްޝަމް (2015) އެ އެވެ. އެކަމަކު އޭނާ 2014 ގައި ގެނެސް ދިން ފިލްމް "އިންސާނާ" އަކީ ސާކް ފިލްމް ފެސްޓިވަލްގައި ބްރޯންޑް މެޑަލް އުފުލައިލި، މޮޅު ފިލްމެކެވެ.

ދާދި ފަހުން "ކައުޝީ" ގެ ނަމުގައި ލަންކާގައި ސިންގަޅަ ބަހުން ލޯބީގެ ބިރުވެރި ފިލްމެއް ވެސް ޑައިރެކްޓް ކުރި ސީޒަން ހެދި އެހެން ފިލްމްތަކުގެ ތެރޭގައި "މައާފެއް ނެތް"، ކަރުނަވީ ބޭވަފާ" އަދި "ވަތަން" އާއި "ހަލާސް" ހިމެނެ އެވެ.

މި ލިސްޓްގައި ހިމެނޭ ޑައިރެކްޓަރުންގެ ތެރެއިން ހަތަރު ޑައިރެކްޓަރެއްގެ މަސައްކަތް އެއް ފިލްމަކުން ފެންނާނެ ފިލްމެއް ވެސް އެބަ އޮތެވެ. އެއީ ރިލީޒް ނުވެ، ދިގުލައިގެން ގޮސްފައިވާ "ހަތަރު ހަޅަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ އެންތޮލޮޖީ ފިލްމް ވެސް މެ އެވެ. "ހަތަރު ހަޅަ" ގައި ހިމެނެނީ ހަތަރު ޑައިރެކްޓަރުންގެ ހަތަރު ސެގްމަންޓެވެ. އެއީ ފައްތާހްގެ "ދަރި/ފިރި"، ޗިއްޕެގެ "ފޮށި"، ރަވީގެ "ގާތިލް" އަދި މޫމިންގެ "ބައިވެރިޔާ" އެވެ. ސުވާލަކީ އެ ފިލްމް އާންމުންނާ ހަމައަށް އަންނާނެތޯ އެވެ؟