"ބޮސް"ގެ ތީމް ލަވަތައް ރިލީޒްކޮށްފި

އަންނަ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ ދެ ތީމް ލަވަ ރޭ ލޯންޗްކޮށްފި އެވެ.


އަމިއްލަ ރާގުގެ ޖުމްލަ އަށް ލަވަ ހިމެނޭ ފިލްމުގެ ވަރަށް އަސަރުގަދަ އަދި އެހާމެ މާނަ ފުން ވާހަކަތަކެއް ކިޔައިދޭ ދެ ތީމް ލަވައިގެ ތެރެއިން އެއް ލަވަޔަކީ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ. "ލައްވާށި ރަހުމަތް" އަކީ އިއްބެގެ މިއުޒިކާއި މެލޮޑީ ވެސް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ ޅެން ހަދާފައި ވަނީ މައުސޫމް ޝާކިރެވެ.

"ބޮސް" ގެ ދެވަނަ ތީމް ލަވައިގެ މިއުޒިކާއި ޅެމާއި އަދި ލަވަ ކިޔާފައި ވަނީ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ.

ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް، އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ލައްވައި ޑައިރެކްޓް ކުރި ފިލްމްގެ އަނެއް ހަ ލަވަ މީގެ ކުރިން އާންމުންނަށް ސައުންޑް ކްލައުޑާއި މައި ޓޯންސް މެދުވެރިކޮށް ދޫކޮށްލައިފަ އެވެ. "ބޮސް"ގެ ލަވަތައް ކިޔާފައި ވަނީ ރާފިޔަތު ރަމީޒާ، މާއިން ރަޝީދު، މަރިޔަމް އަޝްފާ ޝަލަބީ އިބްރާހީމް، ހަމޫދު އަހުމަދު އަދި މުހައްމަދު ނަބީލެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ ފިލްމުގެ ލަވަތަކުގެ މިއުޒިކް ހަދާފައިވާ ކުޑައިއްބެ އާއި ތޭރަވާގެ އިތުރުން އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ)، މިސްޓީ އަދި މުނާޒްގެ އިތުރުން ހުސައިން ސޮބާހެވެ.

ނަހުލާ ރޭ ބުނީ "ބޮސް" ގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި ފިލްމާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި ރިޝްމީ ފިލްމަށް ކޮށްފައި ހުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ވެސް ބުންޏެވެ.

"ދިވެހި ފިލްމަށް ލޯބި ކުރާ މީހުން އެބަތިބި އަހަރެންގެ ޔޫސުފަށް ފަހު ދެން ދިވެހި ފިލްމު ބެލުން ހުއްޓާލައިގެން ތިބި މީހުން،" ނަހުލާ ބުންޏެވެ. "ބޮސް އަކީ އެ މީހުން ވެސް އަލުން ދިވެހި ފިލްމް ބަލަން ފަށާނެ ވަރުގެ ފިލްމެއް."

އެހެންވެ ވީހާ ވެސް އަވަހަކަށް ޓިކެޓް ނަގައިގެން ފިލްމް ބެލުމަށް އޭނާ އެދުނެވެ.

ފިލްމާ ބެހޭ ގޮތުން ރިޝްމީ ބުނީ ނަހުލާގެ "ޓަޗް" ފިލްމަށް ގެންނަން އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށްފައި ހުންނާނެ ކަމަށާއި ކުރެވުނު މަސައްކަތާ ދޭތެރޭ 98 ޕަސަންޓް ހިތްހަމަޖެހޭ ކަމަށެވެ.

"އެކަމަކު އޮލިމްޕަހުގައި ފިލްމް ބަލާފައި ނަހޫގެ މޫނުމައްޗަށް އަންނަ ކުލަވަރަކުން އަހަރެން ގަބޫލު ކުރާނީ ނަހޫ ބޭނުންވި ގޮތަށް އަހަންނަށް މިއަށް ސަތޭކަ ޕަސަންޓް ދެވިފައިވާ ކަމަށް،" އޭނާ ބުންޏެވެ.

ތީމް ލަވަތައް ދައްކާލަން ބޭއްވި ހަފުލާ ރޭ ފޭސްބުކުން ލައިވްކޮށް، އާންމުން ކުރި ބައެއް ސުވާލުތަކަށް "ބޮސް" ގެ ޓީމުން ޖަވާބު ވެސް ދިނެވެ.

"ބޮސް" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު މަރިޔަމް އައްޒަ އެވެ. އަދި ފިލްމުން އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި ޝަމީލް ވެސް ފެނިގެން ދާނެ އެވެ.