"ބޮސް" މިރޭ ވަރަށް ކުލަގަދަކޮށް އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ

ފާތުމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ފިލްމް "ބޮސް" އަށް އިންތިޒާރު ކުރަމުން އައި މީހުންގެ އިންތިޒާރަށް މިރޭ ނިމުމެއް އަންނާނެ އެވެ. ފިލްމް ވަރަށް ކުލަގަދަ ޕްރިމިއާ އިވެންޓަކާ އެކު، އޮލިމްޕަހުގައި ފިލްމް ދައްކަން ފަށާ އިރު، ނަހުލާ ބުނަނީ ބެލުންތެރިންނަށް ފިލްމް ކަމުދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.


"ބޮސް" އަކީ ނަހުލާގެ ސްކްރިޕްޓަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، މަރިޔަމް އައްޒަ އެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ވެސް ފެނިގެން ދާނެ އެވެ.

ނަހުލާ ބުނީ މިރޭ ފިލްމް އަޅުވާ އިރު، ފިލްމަށް ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށެވެ. މިހާރު ވިއްކަމުން އަންނަނީ "ބޮސް" ގެ ނުވަ ވަނަ ޝޯގެ ޓިކެޓެވެ. ޕްރިމިއާ ނައިޓް ވަރަށް ހާއްސަ ކުރާއިރު، އެ ޝޯ އަށް ދާ މީހުންނަށް ހަދިޔާއެއް ވެސް ލިބޭނެ އެވެ.

"ފިލްމް އޮތީ އަހަރެން ހަމަ ބޭނުންވި ފެންވަރަށް ތައްޔާރުވެފައި. އެހެންވެ އެއްވެސް ނާވަސް ކަމެއް ނެތް. ފިލްމް ބަލާފައި އޯޑިއަންސް ނުކުމެގެން ދާނީ ވަރަށް ހިތްހަމަޖެހިގެންކަން ޔަގީން،" މިދިޔަ އަހަރު ބިރުވެރި ފިލްމް "4426" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ.

"ބޮސް" އަކީ އަހަރުތަކަކަށް ފަހު، ނަހުލާގެ އަސަރު ގަދަ ލޯބީގެ ފިލްމެއް ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ. އެހެންވެ މި ފިލްމަކީ ލޯތްބާއި ޖަޒުބާތުން ބެލުންތެރިން ފޯކޮށްލާނެ ފިލްމެއް ކަމަށް އޭނާ ބުންޏެވެ. މި ފިލްމް އަދި ނަހުލާ ސިފަ ކުރަނީ އޭނާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ "މާސްޓަޕީސްއެއް" ގެ ގޮތުގަ އެވެ.

"ފިލްމް ވަރަށް އަސަރު ގަދަ ވާނެ. ބެލުންތެރިން ޔަގީނުން ވެސް ރޮއެފައި ސިނަމާއިން ނުކުންނާނީ،" އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.

"ބޮސް" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ފަހު، ރަށްރަށުގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ފަށާނެ އެވެ. ހާއްސަކޮށް އާބާދީ ބޮޑެތި އަތޮޅުތަކުގައި ފިލްމް އަޅުވާނެ އެވެ.

ނަހުލާ ބުނީ ތަންކޮޅެއް ފަހުން ޝްވެކްގެ ސިނަމާތަކުގައި ވެސް "ބޮސް" އެޅުވުން އެކަށީގެންވާ ކަމަށެވެ.

"އެކަމަކު އޮލިމްޕަހާ އެކު ޝްވެކްގައި ޗޯތައް ދައްކާކަށް އަދި ހިޔާލެއް ނެތް. ތަންކޮޅެއް ފަހުން ފަހަރުގައި އެ ސިނަމާގައި އެޅުވުން އެކަށީގެންވޭ،" އޭނާ ބުންޏެވެ.

"ބޮސް" އަކީ މި އަހަރު އަޅުވާ އަށް ވަނަ ފިލްމެވެ.