"ބޮސް" އިން ބެލުންތެރިން ރޮއްވާލައި، ނަހުލާ ހެވިފައި

އަތޮޅުތަކުގައި ވެސް ވަރަށް އަވަހަށް "ބޮސް" ދައްކަން ފަށާނެ ކަމަށް ނަހުލާ ބުނޭ.

މިހާރު ސިނަމާގައި އޮތް ފާތުމަތު ނަހުލާގެ "ބޮސް" ވެގެން ދިޔައީ، ފިލްމް ރިލީޒް ވާން ކައިރިވަމުން އައި އިރު، ބައެއް މީހުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވި ފިލްމަކަށެވެ. ހާއްސަކޮށް މި ފިލްމުން ފިލްމީ ދާއިރާ އަށް ނެރުނު އާ އެކްޓަރު މުހައްމަދު ޔުނާންއާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ގިނަ އެވެ.


އެކަމަކު އޭރު ވެސް ނަހުލާ ދިން ޔަގީން ކަމަކީ ޔުނާންގެ އެކްޓިން ބަލާފައި ބެލުންތެރިންގެ ލޯބި އޭނާ ހޯދާނެކަމެވެ. އަންގާރަ ދުވަހުގެ ރޭ ފިލްމް ޕްރިމިއާކޮށް، އާންމުންނަށް ފިލްމް ދޫކޮށްލެވުމުން ނަހުލާ މިހާރު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވެސް އޭނާ ހުރީ ވަރަށް އުފަލުންނެވެ.

"ފިލްމްގެ ފުރަތަމަ ޝޯއާ އެކު، ފިލްމްގެ ޓިކެޓް ވިކުން ހަބޭސްވެއްޖެ،" މިހާރު ވިއްކަނީ 11 ވަނަ ޝޯގެ ޓިކެޓްކަން ފާހަގަކޮށް ނަހުލާ ބުންޏެވެ. "ވަރަށް ތަރުހީބު ބޮޑުކޮށް މި ދަނީ. ބެލުންތެރިން މިއަށް ތަރުހީބު ދޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާނަން. ބޭނުމެއް ނޫން އޮލިމްޕަހުގައި މިވެނި އަދަދަކަށް ޝޯތައް ދައްކާނަމޭ ބުނާކަށް."

"ބޮސް" ގެ ޕްރިމިއާގައި ނަހުލާ އާއި ރިޝްމީ.

ނަހުލާގެ ސިގްނޭޗާ ސްޓައިލް ކަމަށްވާ މެލޮޑްރާމާއިން ފޯކޮށްފައިވާ "ބޮސް" ބެލުންތެރިން ވަަރަށް ބޮޑަށް ބަލައިގެންފި އެވެ. އެގޮތުން ފިލްމްގެ ވާހަކައަކީ ބެލުންތެރިން ހިތްތަކާ ކުޅެލާ ކަހަލަ ޖަޒުބާތީ ޕްލޮޓްލައިނަކަށް ފައްކާކޮށްފައި އޮތް ވާހަކަ އެވެ. މި ފިލްމުން އެއް ބޭނުންވި އެއް ކަމަކީ ބެލުންތެރިން ސިނަމާގައި ރޮއްވައިލުމެވެ. އެކަން ނަހުލާ ބުނަނީ ހާސިލްވެއްޖެ ކަމަށެވެ. ޕްރިމިއާ ނައިޓްގައި ބެލުންތެރިންނަށް ނަހުލާ ކުޑަރުމާ ބެހީ ވެސް ހަމަ އެކަން ޔަގީންކަން އޮތުމުންނެވެ.

މި ފިލްމްގެ ކޮންމެ ޑިޕާޓްމަންޓަކަށްކޮށްފައި ހުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ނަހުލާ ބުންޏެވެ. ހާއްސަކޮށް ފިލްމުގެ ކާސްޓުންގެ އެކްޓިން އޭނާ ފާހަގަ ކުރި އެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލާނީ ޔުނާން. އެކްޓަރަަކށް މުހިއްމު ވަނީ ހަމައެކަނި ލުކްސް ނޫންކަން އޭނަ ފިލްމްގައި ދެއްކި ފުރިހަމަ އަދި މޮޅު އެކްޓިންއާ އެކު މިއޮތީ ސާބިތުކޮށް ދީފައި. މިހާތަނަށް އަހަންނަށް އައިސްފައި ހުރި ކޮމެންޓްތަކަށް ބަލާ އިރު ޔުނާންގެ ހުނަރު ފިލްމް ބެލި ވަރަށް ގިނަ މީހުން އެބަހުރި ފާހަގަކޮށްފައި. އަދި މީގެ ކޮންމެ ތަރިއަކު ވެސް ވަރަށް މޮޅަށް އެކްޓްކޮށްފައި ހުރީ،" ނަހުލާ ބުންޏެވެ. "އެހެންވެ ވަރަށް ހިތްހަމަޖެހިފައި މި ހުރީ. ޔުނާން އަށް އަމާޒުވި ފާޑު ކިޔުންތަކުގައި ބުރަދަނެއް ނެތްކަން ވެސް މީގެން ސާބިތުވެއްޖެ."

އޭނާ ބުނީ އެކްޓަރުންނަށް ރަނގަޅު އެކްޓިންއެއް ދައްކައި ލެވެނީ ފިލްމުގެ ޑައިރެކްޓަރުގެ ކިބައިގައި ވެސް އެ ހުނަރު ނެރެން އެނގުމުގެ ގާބިލްކަން ހުރެގެން ކަމަށެވެ. އެގޮތުން "ބޮސް" ގެ ޑައިރެކްޓަރު އައިޝަތު ރިޝްމީ އެކަން ވަރަށް ރަނގަޅަށް ދެއްކި ކަމަށް ބުންޏެވެ.

"އަހަރެން ވެސް ހަމަ ބައެއް ފަހަރު ޝޫޓިންތަކުގައި ހުރެެގެން އަނެއްކާ ބުރަކޮށް ހުރިހާ އެންމެން މަސައްކަތް ކުރި ފިލްމެއް މިއީ. އޭގެ ނަތީޖާ ވަަރަށް ފޮންޏޭ ބުނެވޭނީ،" ނަހުލާ ބުންޏެވެ. "މީގައި މަސައްކަތް ކުރި އެކްޓަރުންނާއި ލަވަ ކިޔުންތެރިންނާއި މިއުޒިކް ހެދި މީހުންނާއި ޓެކްނިކަލް މަސައްކަތް ކުރި މީހުން ވެސް ތިބީ އެ މީހުން ކުރި މަސައްކަތާ ދޭތެރޭ ވަރަށް ސެޓިސްފައިޑްވެފައި. އެހެންވީމާ ޕްރޮޑިއުސަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ބޮސް އިން އަހަންނަށް ލިބިއްޖެ."

އޭނާ ބުނީ ފިލްމް ހަދަނީ އެއް އިރެއްގައި ވެސް އެއްވެސް މީހަކާ ވާދަކުރަން ނޫން ކަމަށެވެ. އެކަމަކު "ބޮސް" އާ ބެހޭ ގޮތުން ބައެއް މީހުން ދެއްކި ވާހަކަތަކުން މި ފިލްމަކީ ނަގަން ޖެހުނު ޗެލެންޖެއްގެ ގޮތުގައި ނަހުލާ ވަނީ ސިފަކޮށްފަ އެވެ.

"އެ ޗެލެންޖް މިއޮތީ ކާމިޔާބުކޮށްފައި. ފިލްމް ބެލުންތެރިންނަށް ކަމުދިޔައިމަ އަހަރެން ހާސިލް ކުރަން ބޭނުންވި އެތި ކާމިޔާބުވީ." ވަރަށް ގިނަ އަތޮޅުތަކުގައި ވެސް ފިލްމް އަޅުވާނެކަން ފާހަގަކޮށް ނަހުލާ ބުންޏެވެ.

ނަހުލާ އަށް އޮތް އަނެއް ޔަގީން ކަމަކީ "ބޮސް" އަކީ ބެލުންތެރިންގެ ހަނދާނުން ފަސޭހައިން ފޮނުލެވޭނެ ފިލްމެއް ކަމެވެ.

"މީގެ ވާހަކަ ފަހުން ވެސް ދައްކާ ކަހަލަ ފިލްމެއް މިއީ،" އޭނާ ބުންޏެވެ. "އެ ވަރަށް ފިލްމްގައި އަސަރު އެބަހުރި. ފިލްމް ނުބަލާ ތިބި މީހުން ކައިރީގައި ވެސް ބުނަން ބޭނުން ވަނީ ފިލްމް ބަލަން އަންނާށޭ. ޑިސަޕޮއިންޓެއް ގައިމު ވެސް ނުވާނޭ."