ބްރިޓްނީ ސްޕިއާސް ކުރެހި މަންޒަރަކަށް 10،000 ޑޮލަރު

ފެން ކުލަ ބޭނުންކޮށްގެން ބްރިޓްނީ ސްޕިއާސް ކުރެހި މަންޒަރެއް ނީލަމުގައި 10،000 ޑޮލަރަށް ވިކިއްޖެ އެވެ.


އަނެއްކާވެސް ޕޮޕް ދުނިޔޭގެ އިސް ސަފަށް އަރަން މަސައްކަތްކުރަމުން އަންނަ ލަވަކިޔުންތެރިޔާގެ ޕެއިންޓިންގައި ކުރަހާފައި ވަނީ ފަސް މަލެވެ.

ގޭގައި ހުރެގެން ސްޕިއާސް އެ މަންޒަރު ކުރަހާ ތަން ފެންނަ ވީޑިއޯއެއް މިދިޔަ މަހު އިންސްޓަގްރާމްގައި ޝާއިއުކުރުމުން 4.6 މިލިއަން ވިއުސް ލިބިފައިވެ އެވެ.

ރޮބިން ލީޗް، ސްޕިއާސްގެ ޕެއިންޓިން ދައްކާލަނީ

ސްޕިއާސްގެ ޕެއިންޓިން 10،000 ޑޮލަރަށް ގަތީ ޗެރިޓީ ޖަމްއިއްޔާއަކުން ބޭއްވި އެ ނީލަން ހޯސްޓްކުރި ރޮބިން ލީޗް އެވެ. ނީލަމުން ލިބޭ އާމްދަނީ ހަދިޔާކުރާނީ މިދިޔަ މަހު ލަސް ވޭގަސްގައި ބަޑި ޖެހި ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ރަސްމިއްޔާތެއް ބޭއްވުމަށެވެ.

ސްޕިއާސް ބުނިގޮތުގައި އޭނާގެ ޕެއިންޓިން އިން ރަމްޒުކޮށްދެނީ އާ ފެށުމެކެވެ. އަދި ލަސް ވޭގަސްގައި މަރުވި މީހުންގެ ހަނދާނަށް އެ ޕެއިންޓިން ހަދިޔާކުރީ ވެސް އެ މާނައިގައި ކަމަށް، ނީލަމުގައި ދެއްކި ވީޑިއޯ ކްލިޕެއްގައި، އޭނާ ބުންޏެވެ.