"ހައްދު" ގެ އާ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ދައްކަން ނިންމާފައިވާ، މިދިޔަ އަހަރު އެޅުވި ފިލްމް "ހައްދު" ގެ އާ ޝޯތަކުގެ ޓިކެޓް އެ ސިނަމާ އިން ވިއްކަން ފަށައިފި އެވެ.


ޑައިރެކްޓަރު އަބްދުލް ފައްތާހް ފިލްމީ މަސައްކަތްތައް ދޫކޮށްލާފައިވާތީ، ފިލްމް އެޅުވުމުގެ ކަންކަމާ މިހާރު ހަވާލުވެ ހުރި ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނީ އޮލިމްޕަހުން "ހައްދު" ގެ ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން އިރު އޮއްސި 6:00 އާ ހަމައަށެވެ.

"އޮލިމްޕަހުގައި ކަރަންޓް މައްސަލަތަކެއް އުޅޭތީ މި ވަގުތުތަކުގައި މިހާރު ޓިކެޓް ވިއްކި ނަމަވެސް، ކަރަންޓް މައްސަލަ ހައްލުވުމާ އެކު ރޭގަނޑު ދިހައަކާ ހަމައަށް ޓިކެޓް ވިއްކުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި އޮތީ،" އޭނާ ބުންޏެވެ.

"ހައްދު" ގެ 10 ޝޯ މި ފަހަރު އޮލިމްޕަހުގައި ދައްކަން ވަނީ ނިންމައިފަ އެވެ.

"ހައްދު" ގެ ޓްރެއިލާއެއް.

ފައްތާހް ޑައިރެކްޓް ކުރި 12 ފީޗާ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

ސެޕްޓެމްބަރު، 6، 2017 ގައި އެޅުވި "ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ.