މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ބަތަލަކަށް އާ އެކްޓަރަކު ހަމަޖައްސައި، އަންނަ މަހުގެ 25 ވަނަ ދުވަހު ފިލްމްގެ ޝޫޓިން ފަށާ ގޮތަށް ނިންމައިފި އެވެ.
ކުރިން މިދިޔަ މަހުގެ 25 ގައި ޝޫޓް ކުރަން ތާވަލު ކުރި ފިލްމްގެ މަސައްކަތް ފެށުން ލަސްކޮށްލީ، ހަށިގަނޑަށް ބައެއް ބަދަލުތައް ގެނައުމުގެ އިތުރަށް ފިލްމްގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ވަގުތު ނަގަން ޖެހުމުން ކަމަށް ނިއުމާ ބުންޏެވެ.
"ފިލްމް ފެށުން ޑިލޭކޮށްލީ އަސްލު ކުޅެން ޖެހޭ ކެރެކްޓާއެއް ކުޑަކޮށް ފަލަ ވެސް ވެލުމުގެ ގޮތުން. މިހާރު މި ހުރީ ބޭނުންވި ވަރަށް ފިޓްވެ، ރެޑީވެފައި،" އޭނާ ބުންޏެވެ.
ނިއުމާ އަމިއްލަ އަށް ޕްރޮޑިިއުސްކޮށް ބަތަލާގެ ރޯލް ކުޅޭ ފިލްމްގެ މަންޒަރުތައް ފުރަތަމަ ނަގަން ހަމަޖެހިފައި ވަނީ ރ. އަތޮޅުގެ ރަށެއްގަ އެވެ.
"އުނގޫފާރު ކަމަށް މި ބަލަނީ. އެ ރަށުގައި ނަގަން ޖެހެނީ އިންޑޯ މަންޒަރުތަކެއް އެކަނި. އެހެންވީމަ ދިހަ ވަރަކަށް ދުވަސް ވާނީ،" މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމާ ބެހޭ ގޮތުން ނިއުމާ ބުންޏެވެ. "ބާކީ މަންޒަރުތައް ނަގާނީ މާލޭގައި."
އޭނާ ބުނީ ފިލްމްގެ މުޅި ކާސްޓް ވެސް މިހާރު ފައިނަލްވެއްޖެ ކަމަށެވެ. އަދި "ނިވައިރޯޅި" އިން ފެނިގެން ދާނީ މުޅިން އާ އެކްޓަރެއް ނަމަވެސް، އެއީ ކާކު ކަމެއް ނުބުނެ އެވެ.
"އަންނަ މަހުގެ ވިހީގައި އެބަ ބާއްވަން ފިލްމަށް ހާއްސަ އިވެންޓެއް. އޭގެ ތެރޭގައި ނިވައިރޯޅިއާ ބެހޭ ވަރަށް ގިނަ ކަންކަން ސާފުވެގެން ދާނެ،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ބޮޑު ސްކްރީނުން ނިއުމާ ފެންނާނެ އެންމެ ފަހު ފިލްމްގެ ގޮތުގައި ގެނެސްދޭ "ނިވައިރޯޅި" ރިލީޒް ކުރަން ބޭނުން ވަނީ ނިއުމާގެ އުފަން ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 21 ގަ އެވެ.
"އެކަމަކު ސިޔާސީ ކަންކަން ދާ ގޮތަށް ބަލާފައި ފިލްމް ރިލީޒް ކުރުމާ ދޭތެރޭ ގޮތެއް ނިންމާނީ،" އޭނާ ބުންޏެވެ. "މިހާރު ޓާގެޓަކީ ފިލްމްގެ މަސައްކަތް ފަށައި ނިންމާލުން."