ރޯލިން ސްޓޯންގެ "ނޯ ފިލްޓާ" ޓުއާގެ ދެވަނަ ބުރު މެއި 17 ގައި ފަށަން ނިންމައިފި

ހަތްދިހަ އަހަރުން މައްޗަށް ގޮސްފައިވާ މިއުޒިކް ލެޖެންޑުންތަކެއް ހިމެނޭ އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ރޯލިން ސްޓޯން" އިން މިދިޔަ އަހަރު ފެށި "ނޯ ފިލްޓާ" ޓުއާގެ ދެވަނަ ބުރު އަހަރު ވެސް ކުރިއަށް ގެންދަން ނިންމައި، ތާރީހުތައް އިއުލާންކޮށްފި އެވެ.


މި ފަހަރު ކުރިއަށް ގެންދާ ބުރުގައި ޓުއާ ފަށައި ގަންނަނީ އަޔަލެންޑް ޑުބްލިން އިން މެއި މަހުގެ 17 ގަ އެވެ. އަދި ޓުއާ ނިންމައިލާނީ ޕޮލަންޑްގެ ވާސޯ އިން ޖުލައި 8 ގައި ކަމަށް ރޯލިން ސްޓޯންގެ ވެބްސައިޓްގައި ބުންޏެވެ.

މި ފަހަރު "ނޯ ފިލްޓާ" ޓުއާގެ ލެގްގެ ތެރޭގައި ބޭންޑް ނިސްބަތްވާ އިނގިރޭސިވާލުތުގެ ހަތަރު ސިޓީއެއްގައި ވެސް ޝޯ ދޭނެ އެވެ. އެއީ ލަންޑަން، މެސްޗެސްޓާ، އެޑިންބާ އަދި ކާޑިފްގަ އެވެ. ލަންޑަންގައި ބާއްވާ ޝޯވެގެން ދާނީ 2013 ގެ ފަހުން ގެ އެ ސިޓީގައި "ރޯލިން ސްޓޯން" ޕަފޯމް ކުރާ ފުރަތަމަ ފަހަރަށެވެ.

ރޯލިން ސްޓޯންގެ ޓްއާއާ ބެހޭ ޓްވީޓެއް.

ޓުއާގެ މި ފަހަރުގެ ލެގްގެ ތެރެއިން ދެން ޝޯތައް ދޭނީ ފްރާންސާއި ޖަރުމަނާއި ޗެކްރިޕަބްލިކްގަ އެވެ. "ނޯ ފިލްޓާ" ޓުއާ ލޯންޗް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ހަތަރު މެމްބަރުންނާ އެކު 1962 ގައި ވުޖޫދަށް އައި ރޯލިން ސްޓޯންއަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ރޮކް ބޭންޑެވެ. ބޭންޑްގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ މިކް ޖެގާ، ކެއިތު ރިޗަޑްސް، ޗާލީ ވޮޓްސް އަދި ރޯނީ ވުޑް އެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓަކީ ޖެގާ، 74، އެވެ.

މަގުބޫލް ލަވަތަކެއް އެހުންތެރިންނަށް ދޫކޮށްލައިފައިވާ ރޯލިން ސްޓޯން އިން ވަނީ މިހާތަނަށް 30 އަލްބަމް ނެރެފަ އެވެ. އެންމެ ފަހުން ނެރުނު އަލްބަމީ 2016 ގެ "ބްލޫ އެންޑް ލޯންސަމް" އެވެ.