"ހާދަރު": ގައުމު ދެކެ ލޯބިވުމާއި އަމިއްލަ އެދުން

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ތަމަޅަ ޓެރަރިސްޓުން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ ދިވެހި ތާރީހު ދުށް އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ހަމަލާ އެވެ. ބަޑީގެ އަޑުފައްގަނޑުން މުޅި މާލެ ގުގުމާލި އެ ދުވަސް ހިތު ތެރޭގައި ބިންވަޅު ނެގިފައި ތިބި މީހުންނަށް އިއްޔެ ވީ ކަމެއް ފަދައިން އޭގެ އިހްސާސްކުރެވެ އެވެ.


މީގެ 28 އަހަރު ކުރިން މާލެއަށް ދިން ބިރުވެރި ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އެތައް ބަޔަކު ޒަހަމްވި އެވެ. މުދާތައް ލޫޓުވާލައި އަނެއް ބަޔަކު ރަހީނުކޮށްގެން ގެންދިޔައީ އެއްވެސް ރަހުމެއް، ކުލުނެއް ނެތި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޝިޔާމް އޮލިމްޕަހަށް ވަދެވަޑައިގަންނަވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރޭ އޮލިމްޕަހުގައި، ރަތް ދޫލައިގެ މަރުހަބާއާ އެކު އަދި ރައީސް އަބްދުﷲ ޔާމީންގެ ހާޒިރުގައި، ރިލީސްކުރި "ހާދަރު" އަކީ އުދުވާނީ އެ ހަމަލާ އަސްލަކަށް ނަގައިގެން ރާއްޖެއަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި، ގައުމީ ދިފާއީ ބާރުން ހެދި ފިލްމެކެވެ. އާންމުންނަށް މި ފިލްމުން ހާއްސަ މެސެޖުތަކެއް ދިނުމަކީ އެމްއެންޑީއެފްގެ އަމާޒެވެ. އެކަން ރޭ ވަނީ ސާބިތުވެފަ އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވާހަކަ ލިތުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ މޮޅު ވާހަކައަށް ތައްޔާރުކުރި މި ފިލްމުން ފެނުނު ދިވެހި ސިފައިންގެ ހިތްވަރުން ބެލުންތެރިންގެ ހިތުގައި ގައުމީ ވިންދު އަވަސްކޮށްލަދިނެވެ.

ފިލްމުގެ ބަތަލާގެ ބައި އަދާކުރި ޝަބާނާ. އޭނާގެ ރޯލާ މެދު ބެލުންތެރިން ހިތްހަމަޖެހުނު - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ފިލްމުގައި ސިފައިން އަދާކުރި ރޯލުތަކަށް ރޭ އެތައް ބަޔަކު ތައުރީފްކުރި އެވެ. ހާއްސަކޮށް ފިލްމުގައި އެންމެ އިސް ދެ ޝަހުސިއްޔަތު ދައްކުވައިދިން ދެ މީހުންގެ ހުނަރު ވަރަށް މޮޅެވެ.

ފިލްމުގެ ބަތޮލް ހުސެއިންގެ ރޯލް ކުޅުނީ ކޯޕްރަލް މުހައްމަދު ޝަހުމް އެވެ. ސިފައިންގެ މީހަކަށް ވުމަކީ ހުސެއިން ކުޑައިރުއްސުރެ ކަނޑައެޅި އަޒުމެކެވެ. އެކަމަށްޓަކައި އެތައް ބުރައެއް އުފުލައި އެތައް ހުރަހެއް ކުރިމަތިވި އެވެ. އޭގެ ތެރޭގައި ސިފައިންގެ ތެރެއިން އޭނާ އަށް ފެނުނު ހަސަދަވެރިކަން ވެސް ކުޑައެއް ނޫނެވެ.

"ހާދަރު" ޝޯ ޕްރިމިއާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ސިފައިން ވަންނަނީ - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހުސެއިންގެ ބޭބެ ރަޝީދުގެ ރޯލް އަދާކުރީ ފަސީހު މުހައްމަދެވެ. ގައުމަށްޓަކައި ގުރުބާންވާން ކޮއްކޮ ތައްޔާރަށް ހުރި އިރު ރަޝީދުގެ ފަރާތުން ފެނުނީ މުޅިން އެހެން ކަމެކެވެ. ދެބެންގެ މެދުގައި ފިލްމުގައި ދެން ފެންނަ ހާދިސާތަކުން ބެލުންތެރިންނަށް ސިހުން ގެނެސްދިނެވެ.

ހުސެއިންގެ އަންހެނުން މަނާލްގެ ބައި ކުޅުނީ ޝައިގާ ހުސައިން އެވެ. އަންބެއްގެ މަސްއޫލިއްޔަތުތައް އޭނާ އަދާކުރި ގޮތުން ފިލްމަށް މުއްސަނދިކަން ލިބުނު އިރު ނަރުސް ސުދާގެ އަނދަމުން ދިޔަ ލޯބިން ބެލުންތެރިންގެ ހިތަށް ވެރިވަމުން އައީ ދެން ވާނީ ކިހިނެއް ކަމާ މެދު އުފެދުނު ސުވާލުތަކެވެ. ސުދާގެ ބައި ކުޅުނީ ކޯޕްރަލް ޝަބާނާ މުހައްމަދެވެ.

ގައުމެއްގައި އަބަދުވެސް އެންމެ ނުބައި ކަންކަން ރޭވުމުގައި މުއްސަނދިންގެ ދައުރު ބޮޑެވެ. "ހާދަރު" ން ވެސް ފެންނަނީ އެ މަންޒަރެވެ. ނިޔައްޓޭ އަކީ، ފިލްމުގައި، އެ ރޭވުން ރާވާ އިސް މަހުޖަނެވެ. މުހައްމަދު ސައީދު އަދާކުރި އެ ރޯލުން އަމިއްލަ ގައުމު ދެކެ ލޯބިނުވާ މީހުންގެ އަމިއްލަ އެދުން ވަރަށް ރަނގަޅަށް ފެނުނެވެ.

"ހާދަރު" ޝޯ ޕްރިމިއާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ސިފައިންގެ މީހަކު އޮލިމްޕަހަށް ވަންނަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ފިލްމުގެ މައިގަނޑު ވާހަކަ އެނބުރެމުން ދިޔައީ ދެބެން ކަމަށް ވާ ހުސެއިން އާއި ރަޝީދު އަދި ނިޔައްޓޭގެ މެދުގަ އެވެ.

ފައިސާގެ އެހީތެރިކަމާއި އޭގެ ފަހަތުގައި ހުންނަ އަމިއްލަ އެދުމުގެ ބަޔަކީ ގައުމަށް ކިހާ ނުރައްކާތެރި ކަމެއްކަން، އޮފީސް ޑްރާމާ މުބާރާތުގައި މޮޅު ޑްރާމާތަކެއް ޑައިރެޓްކުރި އަޝްހަރު ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު، "ހާދަރު" އިން ވަނީ ދައްކުވައިދީފަ އެވެ.

ހުސެއިންގެ ބައިން ތަމްސީލްކޮށްދެނީ، ނޮވެމްބަރު 3 ގައި، ސިފައިންގެ ދޮރު ކައިރިން ޝަހީދުވި ހުސެއިން އާދަމްގެ ޝަހުސިއްޔަތެވެ. އަސްލު ހަމަލާގައި ދިމާވި ގޮތަށް ސިފައިންގެ ދޮރާ ހަމައަށް ޓެރަރިސްޓުންނަށް ނާދެވެނީ ހުސެއިންގެ ރައްދު ހަމަލާގެ ސަބަބުންނެވެ.

"ހާދަރު" ގެ ޕޯސްޓަރެއް: ދިވެހި ސިފައިންގެ ހުނަރު ފެނުނު ފިލްމެއް

މި ފިލްމުން ވެސް ފެންނަނީ އާންމުންނާއި އެތައް ސިފައިންގެ ލޭ އޮހޮރިގެން ދިޔަ މަންޒަރެވެ. އެކަމަކު ހަމަލާ ނާކާމިޔާބު ވާން ފެށުމުން ޓެރަރިސްޓުންގެ މެދުގައި ދެން އުފެދެނީ މުޅިން އެހެން ކަހަލަ ހާދިސާއެކެވެ. އެއީ ބެލުންތެރިންނަށް އިބުރަތުން ފުރިފައިވާ މެސެޖްތަކެކެވެ.

ބައެއް ބެލުންތެރިން ރޭ ސިފަކުރި ގޮތުގައި މިއީ އެ މީހުންނަށް ފެނުނު ދިވެހި އެންމެ ތަފާތު ފިލްމެވެ. ސިފައިންގެ ހުނަރުތައް ވަރަށް ފުރިހަމައަށް ދައްކުވައިދިން ކަމަށް ވެސް އެމީހުން ގަބޫލުކުރެ އެވެ.

"ނުދެކެން މިކަހަލަ ތަފާތު ރީތި ފިލްމެއް،" އޮލިމްޕަހުން ނުކުތް އެކަކު ބުންޏެވެ.

"ހާދަރު" އިން ދިވެހިންނަށް ގެނެސްދިނީ ނޮވެމްބަރު 3 ގެ ހަމަލާގެ ހަނދާންތަކެވެ. ގައުމު ދެކެ ލޯބިވުމަކީ ކޮބައިކަމެވެ. ގައުމަށް އަނިޔާވެރިވާ މީހުންގެ ހިތުގައި އަނދާ ހަސަދައިގެ އަލިފާނާއި އަމިއްލަ އެދުމެވެ.